ކްލަބް މޯލްޑިވްސްގެ މުބާރާތްތައް ފެށުމުގެ ގޮތުން ކުޅުނު ކްލަބް މޯލްޑިވްސް ކިންގްސް ކަޕްގެ ޗެމްޕިއަންކަން ޖޯލި މޯލްޑިވްސް 2-1 ބަލިކޮށް ކުލަބް ވެމްކޯ އިން ހޯދައިފި އެވެ.
ކިންގްސް ކަޕަކީ، ރިސޯޓް ސުޕަ ލީގު ޗެމްޕިއަން އަދި އެންމެ ފަހުގެ ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަނުންގެ މެދުގައި ކުޅެވުނު މެޗެކެވެ.
ކުލަބް މޯލްޑިވްސްގެ މިއަހަރުގެ މުބާރާތްތައް ފެށުމުގެ ރަސްމިއްޔާތު ރޭ ކުރިއަށްދިޔައިރު, މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ނައިބު ރައީސް ހުސެއިން ލަތީފް (ސެމްބެ) އެވެ.
މި މެޗު ފަށައިގެން ވެމްކޯ އިން ކޮންޓްރޯލްކޮށް ޖޯލީގެ ގޯލަށް ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ޖޯލީގެ ކީޕަރު، އިބްރާހިމް ނަދީމް ވަނީ ވެމްކޯގެ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެވެ. ވެމްކޯ ޓީމަށް މި މެޗުގައި، ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ކުޅެފަ އެވެ.
އެކަމަކު، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ވެމްކޯ އަށް ލީޑު ނަގައިދިނީ، ކެޕްޓަން އަލީ ޝިޔާހް (ޝިޔަޅޭ) އެވެ. މިއީ، ޖޯލީގެ އޭރިއާ ތެރެއިން އެ ޓީމުގެ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ އަކުން ޝިޔަޅޭ ކާމިޔާބުކުރި ގޯލެކެވެ.

ވެމްކޯ އާއި ޖޯލި ބައްދަލުކުރި މެޗުގެ ތެރެއިން - ފޮޓޯ: އަތޫފް އާތިފް / އަދަދު
ދެ ވަނަ ހާފު ފަށައިގެން ވެމްކޯ އިން އެ ޓީމުގެ ގިނަ ކުޅުންތެރިން އަށް ފުރުސަތު ދީގެން ކުޅުނުއިރު, މި ވެމްކޯގެ ދެ ވަނަ ލަނޑު އެ ޓީމަށް ޖަހާދިނީ އަހުމަދު ވިޖުދާން (ވިޖޫ) އެވެ.
އެކަމަކު، ދެ ވަނަ ހާފު ނިމެން ކުޑަތަންވެފައި ހުއްޓައި ޖޯލީގެ އަލީ އިޝާމް (ޝަންޓެ) ވަނީ ގޯލެއް ޖަހާ އެ ޓީމަށް ފަރަގު ކުޑަކޮށްދީފަ އެވެ. މިއީ، އޭރިއާބޭރުން ޝަންޓެ ޖެހި ގޯލެކެވެ.
މި މެޗުގައި ޖޯލި މޯލްޑިވްސް އަށް ކުޅުނު ފާހަގަކޮށްލެވޭ އެއް ކުޅުންތެރިއަކީ، މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި އެސްޓީއޯ ޓީމުން ފެންނާނެ އިސްމާއިލް އީސަ (މެސީ) އެވެ. އީސަ ވަނީ މި މެޗުގައި އެ ޓީމަށް ކުޅެން އަރައި ރަނގަޅު ކުުޅުމެއް ދައްކައިފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯ ޓީމުގެ ޝިޔަޅޭ އެވެ.
ކުލަބް މޯލްޑިވްސްގެ މުބާރާތްތަކުގެ ކުޅުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަންގާރަ ދުވަހު އެވެ. އެންމެ ފުރަތަމަ ފަށާނީ ކްލަބް މޯލްޑިވްސް ކްލަސިކް އާއި އެއިޓީން ތާޓީ ފުޓްސަލް ފިއެސްޓާ އެވެ.
ކްލަބް މޯލްޑިވްސް މުބާރާތްތަކުގައި މި ފަހަރު، 67 ޓީމު ވަނީ ބައިވެރިވެފަ އެވެ.













