ލަންޑަން (އޮގަސްޓް 31) - ޓްރާންސްފާ މާކެޓްގެ ފަހު ދުވަހުގެ ކުރިން، ލޯން އެއްބަސްވުންތަކެއްގެ ދަށުން ރަހީމް ސްޓާލިން އާސެނަލަށް ބަދަލުވިއިރު، ޖޭޑަން ސަންޗޯ ވަނީ ޗެލްސީއާ ގުޅިއްޖެ އެވެ.
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާއާ އެކު، މެންޗެސްޓާ ސިޓީގައި މަސައްކަތްކުރި ސްޓާލިން އާސެނަލާ ގުޅިފައިވަނީ، އެއް ސީޒަނުގެ ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ލޯން ފީގެ ގޮތުގައި، 3-5 މިލިއަން ޑޮލަރު ދޭއިރު، އެއްބަސްވުން ދާއިމީ ކުރެވޭނެ މާއްދާއެއް ހިމަނާފައިނުވެ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، ޗެލްސީ އާއި އާސެނަލުން ބޭނުންނަމަ ސްޓާލިންގެ ކޮންޓްރެކްޓް ދާއިމީ ކުރަން މަޝްވަރާ ކުރެވިދާނެ އެވެ.
މީގެ ދެ އަހަރު ކުރިން، ސިޓީން 60 މިލިއަން ޑޮލަރުގެ ޑީލެއްގައި ޗެލްސީއާ ގުޅުނު ސްޓާލިން އަށް ޗެލްސީ ޓީމުން ފުރުސަތެއް ނެތްކަން، އެންގީ އެ ޓީމާ ހަވާލުވި ކޯޗު، އެންޒޯ މަރެސްކާ އެވެ. ޗެލްސީ އާއި ޔުނައިޓެޑުން ވަނީ ސަންޗޯ އާއި ސްޓާލިން ބަދަލުކުރަން މަޝްވަރާ ކޮށްފަ އެވެ. އެކަމަކު، ފަހު ވަގުތު ސަންޗޯ ބަދަލުވެފައިވަނީ، ލޯން އެއްބަސްވުމެއްގެ ދަށުން ޗެލްސީ އަށެވެ.
މީގެ ތިން އަހަރު ކުރިން، 90 މިލިއަން ޑޮލަރަށް، ޔުނައިޓެޑަށް ބަދަލުވި ސަންޗޯ އާއި ޔުނައިޓެޑްގެ ކޯޗު އެރިިކް ޓެން ހާގާ ދެމެދު މައްސަލަ ޖެހި، ސަންޗޯ މިދިޔަ ސީޒަނުގައި ވަނީ ލޯނަކަށް ކުރީގެ ކްލަބް، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެފަ އެވެ. ސަންޗޯ އަށް އަލުން ޔުނައިޓެޑުން ފުރުސަތު ލިބޭނެ ކަމަށް ޓެން ހާގް މި ސީޒަނުގައި ބުނި ނަމަވެސް، ސަންޗޯ އަށް ޓީމުން ފުރުސަތެއް ނުދެ އެވެ.
ޔުވެންޓަސް އަށް ބަދަލުވާން ވެސް ވާހަކަ ދެެއްކި ސަންޗޯ، ޗެލްސީ އަށް ލޯން އެއްސްވުމެއްގެ ދަށުން ދިޔައިރު، ސީޒަން ނިމުމުން ދާއިމީ ކޮންޓްރެކްޓެއްގައި ބަދަލުވެވޭ ގޮތަށް ވެސް ވަނީ އެއްބަސްވެފަ އެވެ. އެއީ، ޗެލްސީން 30-40 މިލިއަން ޑޮލަރުގެ ފީއެއް ދައްކައިގެންނެވެ.
ޔުނައިޓެޑުން ވަނީ، ޕީއެސްޖީ އަށް ކުޅެމުން އައި މެނުއަލް އުގާޓޭގެ ޑީލް ނިންމައިފަ އެވެ. އަދި އެ ޑީލް ނިންމީ، 25 މިލިއަން ޑޮލަރަށް، ސްކޮޓްލެންޑްގެ މިޑްފީލްޑަރު، ސްކޮޓް މެކްޓޮމިނޭ، ނަޕޯލީ އަށް ވިއްކާލުމަށް ފަހު އެވެ.
ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކުގެ ޓްރާންސްފާތަަކަށް ބަލާއިރު، އާސެނަލްގެ އެޑީ އެންކެޓިއޭ ވަނީ، 35 މިލިއަން ޑޮލަރަށް ކްރިސްޓަލް ޕެލަސް އަށް ބަދަލުވެފަ އެވެ. ފުލަމް އިން ވަނީ ލޯނަކަށް އާސެނަލްގެ ރީސް ނެލްސަންގެ ސޮއި ހޯދައިފަ އެވެ. ޗެލްސީގެ ފޯވާޑް އަރްމަންޑޯ ބްރޯޖާ ލޯން އެއްބަސްވުމެއްގައި އެވަޓަން އަށް ބަދަލުވިއިރު، ނޮޓިންހަމް ފޮރެސްޓުން ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން، ވެސްޓް ހޭމް ޔުނައިޓެޑުން ޖޭމްސް ވޯޑް ޕްރައުސް ގެނެސްފަ އެވެ. ބްރެންޓްފޯޑްގެ ފޯވާޑް އައިވާން ޓޯނޭ، ސައުދީ އަރަބިއްޔާގެ އަލް އަހްލީ އަށް 40 މިލިއަން ޑޮލަރުގެ ޑީލެއްގައި ބަދަލުވިއިރު، ޗެލްސީން ވަނީ 35 މިލިއަން ޑޮލަރަށް ލުކާކޫ ނަޕޯލީ އަށް ވިއްކާލައިފަ އެވެ. އަދި ވެސްޓް ހޭމް ޔުނައިޓެޑުން ލޯން ޑީލެއްގައި ޕީއެސްޖީ އަށް ކުޅެމުން އައި ސްޕެއިންގެ މިޑްފީލްޑަރު، ކާލޯސް ސޮލެއާ ގެނައިއިރު، ވުލްވްސް އިން ވަނީ ބްރެޒިލްގެ ފުލުމިނެންސޭ އަށް ކުޅޭ މިޑްފީލްޑަރު، އަންޑްރޭގެ ސޮއި ހޯދައިފަ އެވެ.












