ބީޑަބްލިއުއެފަށް ގޮންޖަހަން ނޫޅެން، ބީއޭއެމް އިން ވަނީ އޮޅުވާލައިފައި: ތޮލާލް

ބީޑަބްލިއުއެފަށް ގޮންޖަހަން ނޫޅެން، ބީއޭއެމް އިން ވަނީ އޮޅުވާލައިފައި: ތޮލާލް

ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އަށް ގޮންޖަހައި އެއްވެސް ކަމެއް ކުރަން ވިސްނާފައި ނުވާނެ ކަމަށާއި ހަގީގަތުގައި، ރާއްޖޭގެ ބެޑްމިންޓަންގެ ކަންކަން ރަނގަޅު ނުކުރެވިގެން އުޅޭ އެންމެ ބޮޑު ސަބަބަކީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން އެކި ފަރާތްތަކަށް މައުލޫމާތު ދިނުމުގައި ކަންކަން އޮޅުވާލާތީ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް ވިދާޅުވެއްޖެ އެވެ.

މި މަހުގެ 15 ވަނަ ދުވަހު ތޮލާލް ވަނީ، ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން، ސްޕޯޓްސް ކައުންސިލްގެ ދަށަށް ގެންނަން ނިންމައިފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން މި ކަމުގެ މައުލޫމާތު، ބެޑްމިންޓަން ދުނިޔޭގެ ޖަމިއްޔާ، ބީޑަބްލިއުއެފް އަށް ދިނުމުން، އެ ޖަމިއްޔާ އިން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް، މި މަހު 20 ވަނަ ދުވަހު، ފޮނުވާފައިވާ ލިޔުމެއްގައި ވަނީ، ސްޕޯޓްސް ކޮމިޝަނަރުގެ އެންގުމާ އެއްގޮތަށް ބެޑްމިންޓަން ހިންގުން، ސްޕޯޓްސް ކައުންސިލް ދަށަށް ގެންގޮސްފިނަމަ، ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

"އަދަދު ސްޕޯޓްސް" އަށް ދެއްވި އިންޓަވިއުއެއްގައި ތޮލާލް ވިދާޅުވީ، ބީޑަބްލިއުއެފް އިން ފޮނުވި އެ ސިޓީ އަކީ އިންޒާރެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ. އަދި ހަގީގަތުގައި އެއީ ބެޑްމިންޓަން އެސޯސިއޭޝަނުގައި މި ހުރި މައްސަލަތައް ހައްލުކުރަން ކޮށުނު އުންމީދީ މަގެއް ކަމަށް ތޮލާލް ދެކިލައްވަ އެވެ.

"ހަގީގަތުގައި އަޅުގަނޑުމެން މި ކަންކަން ކުރަނީ، ބީޑަބްލިއުއެފަށް ގޮންޖަހާފައި ކަމެއް ކުރާކަށެއް ނޫން. އަސްލު އަޅުގަނޑުމެން މި މަސައްކަތް ކުރަނީ، މީގެ ބެޑްމިންޓަން ކުޅޭ އެންމެންގެ ހައްގު ހިމާޔަތްކުރެވޭނެ ހައްލެއް ހޯދަން، އެހެން ނަމަވެސް، އެކަން ކުރަން މި ވަގުތު އެންމެ ބޮޑު ހުރަހެއް ކުރިމަތިވެފައި އޮތީ، ބެޑްމިންޓަން އެސޯސިއޭޝަނުން މި ކަންކަން ހިނގާ ގޮތުގެ ސައްހަ މައުލޫމާތު ނުދީ އޮޅުވާލާތީ،" ތޮލާލް ވިދާޅުވި އެވެ.

ބީޑަބްލިއުއެފް އިން ފޮނުވާފައިވާ ލިޔުމުގައި، އަންގާފައިވަނީ، މިހާރު އޮތް ބެޑްމިންޓަން އެސޯސިއޭޝަނުގެ އެންމެ ފަހުގެ އިންތިހާބީ ލީޑަޝިޕުން އެސޯސިއޭޝަން ހިންގުމުގެ މަސައްކަތް ކުރާއިރު، ބީޑަބްލިއުއެފް އާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަދި ބީއޭއެމްގެ ލީޑަޝިޕް އެކުލަވާލާ ތިން މެމްބަރުންގެ އެޑް ހޮކް ކޮމިޓީ އަކުން މި އަހަރުގެ ނިޔަލަށް މަސައްކަތްކޮށް، ހުރި މައްސަލަތަކަށް ހައްލެއް ލިބޭނެ ގޮތަށް އިންތިހާބަކާ ހަމައަށް ދިއުމަށެވެ.

"ހަގީގަތުގައި އަޅުގަނޑުމެން ސަޖެސްޓްކުރަނީ (ލަފާދެނީ) ތިން މެމްބަރުންގެ ކޮމިޓީއެއްގެ ބަދަލުގައި، ފަސް މެމްބަރުންގެ ކޮމިޓީއެއް ހަދައިގެން ކުރިއަށްދާން. އެއީ އަޅުގަނޑުމެންނަށް ފެންނަ ގޮތް. އެކަމަކު، މީގެ ބީޑަބްލިއުއެފް އިން އެދެނީ ތިން މެމްބަރުންގެ ކޮމިޓީއަކުން ކުރިއަށް ގެންދަން ވެއްޖިއްޔާ، އެ ގޮތް ވެސް ރަނގަޅު، ހައްލެއް ހޯދުން ބޭނުމަކީ،" މި ސަރުކާރުންް މިނިސްޓަރު ފެންވަރުގައި ސްޕޯޓްސް ކޮމިޝަނަރަކަށް އައްޔަނުކޮށްފައިވާ ތޮލާލް ވިދާޅުވި އެވެ.

ބީޑަބްލިއުއެފްގެ މި އެންގުމާ އެއްގޮތަށް އަަމަލުކުރުމަށްޓަކައި، ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. މާދަމާ މެންދުރު ފަހަށް ސިވިލް ކޯޓުގައި ތާވަލުކޮށްފައިވާ އެ މައްސަލަ އަކީ، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ސްޕޯޓްސް ކައުންސިލާ ބެޑްމިންޓަން އެސޯސިއޭޝަން ހިންގުން ހަވާލުކުރަން ނިންމާފައިވާ ނިންމުމަށް އަމަލުކުރަން ފަސްކުރުމުގެ ވަގުތީ އަމުރަކަށެެވެ.

ތޮލާލް ވިދާޅުވީ، ކޯޓަށް މި މައްސަލަ ގެންދިއުމަކީ ހަގީގަތުގައި، ގޯސް މައުލޫމާތެއް ބެޑްމިންޓަން އެސޯސިއޭޝަނުން ބީޑަބްލިއުއެފަށް ދީގެން އުޅުމުން އައިސްފައިވާ ކަމެއް ކަމަށެވެ. ހަގީގަތުގައި ބީޑަބްލިއުއެފަށް ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދީފައިވަނީ އެހެން މަގުސަދުތަކެއް އޮވެގެން ވަކި ކަންތައްތަކެއް ހާސިލްކުރަން ކަމަށް ބެލެވުމުގެ ޖާގައޮތް ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ މިހާރު އޮތް ލީޑަޝިޕްގެ މުއްދަތު، މި އަހަރުގެ މާޗް މަހަށް ހަމަވެފައި އޮތްއިރު، މިދިިޔަ ތިން ދައުރުގެ ރައީސް، މޫސާ ނާޝިދު (މޫސަ) ވަނީ މިދިޔަ މަހު، މަގާމުން އިސްތިއުފާ ދީދަ އެވެ.

ތޮލާލް ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އޮތް ހިންގާ ކޮމިޓީގެ މުއްދަތު ހަމަވުމުން، އެ ކޮމިޓީގެ މުއްދަތު އިތުރުކޮށްދޭން އެ އެސޯސިއޭޝަނުން ހުށަނާޅާ ކަމަށެވެ.

ބެޑްމިންޓަނާ ގުޅޭ ކަންކަން ރަނގަޅު މަގުން ކުރިއަށް ގެންދިއުމަށް ގަސްދުކޮށް، ބެޑްމިންޓަން އެސޯސިއޭޝަނަށް ތަކުރާރުކޮށް، އަސާސީ ގަވާއިދުގެ ކަންކަން ނިންމައި، އިންތިހާބެއް ބާއްވަން ދިން ހުރިހާ ފުރުސަތެއްގައި ވެސް، ކޮމިޝަނުން ދިން ލަފަޔަށް ބެޑްމިންޓަން އެސޯސިއޭޝަނުން ދިނީ "ބީރު ކަންތަފެއް" ކަމަށް ތޮލާލް ފާހަގަކުރެއްވި އެވެ.

"ނުވަ ވަރަކަށް މަސް މި ވަނީ، މި ކަމުގައި ދެ ފަރާތް ވާހަކަ ދެކެވިގެން ކަންކަން ކުރެވޭތޯ މި ބަލަނީ، އަދިވެސް ބެޑްމިންޓަން އެސޯސިއޭޝަނުން މި ކަން ރަނގަޅުކުރަން ބޭނުންވާ ތަނެއް ނުފެނޭ. ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމުގެ މައްސަލަ މުޅި އެ ކުޅިވަރު ކޮމިއުނިޓީ އެ ފާހަގަކުރަނީ، ކުޅުންތެރިންނަށް މުސާރަ ނުދޭ ވާހަކަ އާއި ކަންކަން އިންސާފުން ބޭރުން ކުރާ ވާހަކަ. މިއީ، ހަގީގަތުގައި ވާހަކަ ދައްކައިގެން ހައްލު އަންނަން ޖެހޭ ކަންކަން،" މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ނައިބު ރައީސަކަށް ވެސް މަސައްކަތް ކުރެއްވި ތޮލާލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ލީޑަޝިޕުން މީގެ ކުރިން ވެސް އުޅުނީ، ސްޕޯޓްސް ކޮމިޝަނުން ދިން ލަފަޔަށް ބެލުމެއް ނެތި އިންތިހާބު ބާއްވަން ކަމަށާއި ހަގީގަތުގައި އިންތިހާބު ނުބޭއްވީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނަ ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލައާ ގުޅިގެން އިންތިހާބު ނުބާއްވަން އެންގުމުން ކަމަށެވެ.

ރިވައިވަލް ސްޕޯޓްސް ކްލަބުން ވަނީ، މީގެ އެއް ދުވަސް ކުރިން، އޭސީސީ އަށް ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މައްސަލަ އެއް ހުށަހަޅައިފަ އެވެ. އެ ގޮތުން، ރިވައިވަލް އިން ހުށަހެޅީ، ގައުމީ ބެޑްމިންޓަން ޓީމުގެ ނިބާލް އަހުމަދަށް ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕުން ލިބުނު ފައިސާ އަށާއި ގައުމީ ބެޑްމިންޓަން ޓީމުގެ ދެކުނު ކޮރެއާގެ ކޯޗު، ޖަންގް ކީ ޔޫންގެ މުސާރަ އަށް އެސޯސިއޭޝަނުން ހިޔާނާތްވެފައިވާތީ، އެ މައްސަލަތައް ބެލުމަށް އެދި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox