ސިޔާސީ ލީޑަރުން ވެސް ދޮގު ހެދުން ހަރާމެވެ.

ސިޔާސީ ލީޑަރުން ވެސް ދޮގު ހެދުން ހަރާމެވެ.

ރާއްޖޭގެ ސިޔާސީ މައިދާނަށް ކަޅިއެއް އެއްލަންޖެހެނީ ގައުމު މިދަނީ އެމައިދާނުގެ އާރުކާޓީން ކުރަހާ މިސްރާބަކަށް ކަމަށްވާތީ އެވެ. އެބައިމީހުންގެ ވާހަކަތަކަށް ކަންފަތްތައް ދޭންޖެހެނީ ދިވެހި ދައުލަތުގެ މާދަމާ ހުއްޓިފައި އޮތީ އެބައިމީހުން ރާވާ ރޭވުންތަކުގެ މައްޗަށް ކަމަށްވާތީ އެވެ. ގައުމާމެދު ގޮތް ނިންމުމަށް ވެރިން ކަމުގައި ކަނޑައަޅާނެ ބަޔަކު އައްޔަންކުރުމަށް ވޯޓުލާންތިބި ރައްޔިތުންގެ ނިންމުންތައް ބިނާކުރަނީ ސިޔާސީ މައިދާނުން އިވޭ އަދި އިއްވާ އަޑުތަކުގެ މައްޗަށް ކަމަށްވާތީ އެވެ.

އިއްޔެ އިންތިހާއަށް ސަނާކީ މީހާއަށް މިއަދު އިންތިހާއަށް ވަގަށް ގޮވެމުންދިއުމަކީ އާންމު ސަގާފަތަކަށް ދިވެހިންގެ ތެރޭގައި މިހާރުވަނީ ވެފަ އެވެ. އިއްޔެ މީހަކަށް ހަމަ ހެއްދެވި ނެހެއްދެވިއަށް ގޮވި ދުލުން މިއަދު ހަމަ އެމީހާއަށް ސަނާއާއި ތައުރީފު އޮއްސަމުންދާ އަޑު އިވެމުންދަނީ ވެސް މަދެއްކޮށެއް ނޫނެވެ. ހަމަ ގައިމު ކޮންމެވެސް އެއް ތަނެއްގައި ނުވަތަ ކޮންމެވެސް އެއް ދުވަސްވަރެއްގައި އެ ދުލަކުން ހެދީ ދޮގުކަމުގައި ނޫނީ ނުވާނެ ހަމަ އެއްގޮތެއް ވެސް ނުއޮންނާނެ އެވެ.

މިބާވަތުން ދޮގު ހެދުމަކީ ނިކަން ފަސޭހަ ވަރަށް އާދައިގެ ކަމަކަށްވެ، އަދި ދޮގު ހެދުމަކީ އެއީ ހަމަ ކުރަން ނިކަން ރަނގަޅުކަމަކަށްވެފައިވާ ދިވެހިންގެ ސިޔާސީ މަސްރަހާމެދު ތެދުވެރި ދުލަކުން ބުނާނަމަ، ވަކި ޕާޓީއެއް މިކަމުގައި އިސްތިސްނާވާ ތަނެއް ވެސް ނުފެނެ އެވެ. ދެ ދެދުވަހަށް ކޮންމެ މީހަކު ދެއްކި ވާހަކަ ބަލާއިރު ހާމަވާން ހުންނަ ދޮގުތައް ހުންނަނީ ދިމާއަށް ފެންނާށެވެ.

ދޮގުހެދުމަކީ މުނާފިގުންގެ ސިފައެކެވެ. ނުރަނގަޅު ކަމެކެވެ. ނުބައިކަންތަކާ ދިމާއަށް ގެންދާ ކަމެކެވެ. ހެޔޮ ކަންކަމުން ދުރުކުރާ ކަމަކެވެ. އަހަރެމެންގެ މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވަނީ، ތިޔަބައިމީހުންނަށް އޮތީ ތެދުވެރިކަމެވެ. ފަހެ ހަމަކަށަވަރުން ތެދުވެރިކަން ހެޔޮކަންތަކަށް މަގުދައްކައެވެ. އަދި ހެޔޮ ކަންތައް ސުވަރުގެއަށް މަގުދައްކަ އެވެ. އަދި ތިޔަބައިމީހުން ދޮގާއި ދުރުވެގަންނާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން ނުބައިތަކަށް މަގުދައްކަ އެވެ. ނުބައިތައް މަގުދައްކަނީ ނަރަކައަށެވެ.

ދޮގާމެދު މިފަދައިން ހުރިއިރު، ދޮގުގެ ނުބައިކަން ބަޔާންކުރެވިފައިވާ ހަދީސްތަކުގެ ތެރެއިން އަންނަނިވި ހަދީސަކީ ސިޔާސީ މަސައްކަތުގައި އުޅޭ އަދި ގައުމުގެ ވެރިކަމަށް އަންނަ މީހުންނާއި، އައިސް ގޮސްފައިވާ މީހުންނާއި އަންނާން ތިބި މީހުންނާއި ވެރިކަމުގައި ތިބި މީހުން ނިކަން ބޮޑަށް ވިސްނާފިކުރުކުރުން މުހިންމު ހަދީސްއެކެވެ. ވިދާޅުވާށެވެ.

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެއެވެ. "ހަތަރު ކަމެއް މީހެއްގެ ކިބައިގައި ފުރިހަމަވެއްޖެނަމަ އެމީހަކީ ސާފު މުނާފިގެކެވެ. އަދި މިއިން ސިފައެއް އެމީހެއްގެ ކިބައިގައި ހުރެއްޖެނަމަ އެކަމެއް ދޫކޮށްފުމަށް ދާންދެން އެމީހެއްގެ ކިބައިގައި އެހުރީ ނިފާގުކަމުގެ ސިފައެކެވެ. އަމާނާތެއް ހަވާލުކުރެވިއްޖެނަމަ ހިޔާނާތްތެރިވާނެއެވެ. ވާހަކަދައްކާނަމަ ދޮގުހަދާނެ އެވެ. އަހުދެއްވެއްޖެނަމަ ހިލާފުވާނެ އެވެ. އަރާރުމެއް ހިނގައިފިނަމަ ހައްގު މަގުން އެއްކިބާވާނެ އެވެ."

އަދުގެ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި އޮންނަނީ މައިގަނޑު ތިން ޖަމާއަތެއްކަމުގައި ޓީވީތައް ހުޅުވީމާ ފެނެ އެވެ. ކޮންމެ ބަޔަކު އަނެއް ބަޔަކަށް ކުރަމުންދާތަން ފެންނަނީ އަދި އިވެމުންދަނީ ހިޔާނާތުގެ ތުހުމަތެވެ. އެއްބަޔަކު އަނެއްބަޔަކަށް ރައްދުކުރަމުންދަނީ އަހުދަށް ބޭވަފާވިކަމުގެ ބަދުބަސްތަކެވެ. ކޮންމެ ބަޔަކު ވެސް ދައުވާކުރަނީ އަނެއް ބަޔަކު ހައްގުން އެއްކިބާވެފައިވާކަމަށެވެ.

އަޅުގަނޑު ކަހަލަ އާންމު އާދައިގެ ދިވެއްސަކު ވިސްނީމާ އަންނަ ނަތީޖާއަކީ އެހެންޏާ މި އެންމެން އެބުނަނީ ތެދުކަމުގައި ދުށުމެވެ. އެހެންވެއްޖިއްޔާ މީގެ ތެރޭގައި ވަގެއް ނޫނީ ހުރިކަމަކަށް ނުވެ އެވެ. އަނެއް ގޮތަކީ މިއެންމެންމެ ހަދަމުންދަނީ އެމީހެއްގެ މަސްލަހަތުގައި ދޮގުކަމުގައި ދުށުމެވެ. އެހެންވެއްޖެނަމަ، މީގެ ތެރޭގައި ދޮގުވެރިއެއް ނޫނީ ހުރިކަމަކަށް ނުވެ އެވެ. ތިންވަނަ ގޮތަކީ އެއްބަޔަކު ހަދަނީ ދޮގުކަމުގައި ދުށުމެވެ. އެހެން ބަލާއިރު، ދެއްކި ވާހަކަ ބަދަލުނުކުރާ، އުނބަށް ޖައްސަވާ ނުލައްވާ ސިޔާސީ ޝަހުސިއްޔަތެއް ރާއްޖެއިން ފެނުމަކީ ނާދިރު ކަމެއް ކަމާމެދު ޚުދު އެންމެ ފުރަތަމައަށް އަޅުގަނޑާ އެއްބަސްވާނީ ހަމަ މިސިޔާސީ މީހުންނެވެ.

ރާއްޖެއަށް ދިމާވެފައިވާ މައްސަލަތައް ބޮޑެވެ. ބޮއްސުންލައި ފާލުން ނެއްޓިފައިނެތް ހަމަ އެއްވެސް ދިމާއެއް ނެތެވެ. އިގުތިސާދީ ގޮތުން ބަލާއިރުވެސް ގައުމު އޮތީ އަވަށްޓެރި ގައުމެއްގެ ކުރިމަތީގައި ކޮޅަށް ނުތެދުވެވޭނެ ހާލަތަށް ދަރަނިތަކުގެ ދަށުގައި އަޅުދާސްތުވެފަ އެވެ. އެހެންވިޔަސް މިކަންކަން ހައްލުކުރަން ތިބި ލީޑަރުންނޭ ބުނެއުޅޭ މީހުން، އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުގެ އިނގިލިދިއްކުރަމުން، ތިމާގެ ދިފާއުގައި ރައްޔިތުންނަށް އެންމެ ގަބޫލުކުރެވޭނެ ކަހަލަ ދޮގެއް އޮތިއްޔާ ހަދަމުން، އެ ދޮގަކަށް ވާގި ހޯދުމަށް ތިމާގެ އޮތް ފުދުންތެރިކަމަކާއި ބާރުވެރިކަމެއް ނަމަ ވަސީލަތަކަށް ހަދަމުން ކުރިޔަށް ގެންދެވޭ ސިޔާސީ މަސައްކަތެއްގައި ގައުމަށް ވާނެ ފައިދާއެއް ނެތްތާނގައި، ގައުމު މިގެންދަނީ ނުބަޔާއި ދިމާއަށެވެ. މާތް ނަބިއްޔާގެ ބަސްފުޅުގައިވާ ފަދައިން ދޮގު ގެންދާނީ ނުބައިތަކާ ދިމާއަށެވެ. ނުބައިތައް ގެންދާނީ ނަރަކައާ ދިމާއަށެވެ. އެދުނިޔޭގައި އެކަންޏެއް ނޫނެވެ. މިދުނިޔޭގައިވެސް މެއެވެ.

ދޮގުހެދުމަކީ ލީޑަރުންގެ ސިފައެއް ނޫނެވެ. އަދި ދޮގުވެރިއަކަށް ލީޑަރަކަށް ނުމެވެވޭނެ އެވެ. އަމުދުން ރާއްޖެ ކަހަލަ ހައްލުކުރާންވެފައިވާ އޮތް މައްސަލަތައް ގިނަ ގައުމެއްގައި ހުރި މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަމެއް ދޮގުވެރިއެއްގެ ކިބައިގައި ނުހުންނާނެ އެވެ. ދޮގުހެދުން ދައްކުވައިދެނީ ދޮގުވެރިޔާގެ ކިބައިގައި އަމިއްލަ ނަފުސު ލީޑްކޮށްލުމުގެ ގާބިލުކަން ވެސް ނެތްކަމެވެ. އެފަދަ މީހެއްގެ ކިބައިގައި ރައްޔިތުން ލީޑްކޮށްގެން ކާމިޔާބުގެ މަގަށް މިސްރާބު ހިފޭނެ ކުޅަދާނަކަމެއް ހުރެދާނެތޯއެވެ. ނުހުންނާނެ އެވެ. ދޮގުވެރިޔަކު ލީޑަރަކަށް ކަމުދާނީ ކިހިނަކުންތޯއެވެ. ދޮގުވެރިޔާއަކީ ރަށްޓެއްސަކަށްވެސް ކަމުދާނެ މީހެއް ނޫނެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "އެއް މުސްލިމަކީ އަނެއް މުސްލިމެއްގެ އެކުވެރިޔާއެވެ. އޭނާ އޭނާގެ އެކުވެރިޔާއަށް ދޮގެއް ނުހަދާނެ އެވެ." މި ހަދީސުން ސާފުކޮށް އަޅުގަނޑު މިދެންނެވި ބަހަށް ދަލީލާއި ތާކީދު ލިބެއެވެ.

މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވެ އެވެ. "އޭގެ ސަބަބުން ގިނަކުރުމަށް ދޮގު ދައުވާކޮށްއުޅޭ މީހާއަށް މަދުވުން ފިޔަވައި އެހެންކަމެއް މާތް ﷲ އިތުރުނުކުރައްވާނެ އެވެ." ހަދީސް ގެ ޝަރަހައިގައި އިލްމުވެރިން ވިދާޅުވެފައިވަނީ މިހަދީސްގެ މުރާދަކީ މުދާވެރިކަން އިތުރުކުރުމަށް ނުވަތަ ޖާހާއި އިއްޒަތް އިތުރުކުރުމަށް ދޮގު ދައުވާތައް ކުރާ މީހާ މާތް ﷲ ނިކަމެތިކުރައްވާނެ ވާހަކަ ކަމަށެވެ. ދޮގުވެރި ސިޔާސީން އެބައިމީހުންގެ ކެރިއަރު ނިމިދާ ގޮތަށް ބެލުމުން މާތް ﷲ އެބައިމީހުންނަށް އިތުރުކުރައްވަމުން ގެންދަވާ "މަދުކަން" ކިހާ ސާފުކޮށް ނުފެނޭތޯ އެވެ؟

ތައުބާ ސޫރަތުގެ 119 ވަނަ އާޔަތުގައިވެއެވެ. "އޭ އީމާންވެއްޖެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ! އަދި ތިޔަބައިމީހުން ތެދުވެރިންނާއެކުގައިވާށެވެ!"

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox