މިހާރު ކުރިއަށްދާ ކްލަބް ކޮމްބިނޭޝަން (ސީސީ) އިންޓަ ރިސޯޓް ކްރިކެޓް މުބާރާތުގައި ދުސިތު ތާނީ މޯލްޑިވްސް އާއި ފިނޮޅު މޯލްޑިވްސް ކުޅުނު ދެ ވަނަ މެޗުން ވެސް މޮޅުވެއްޖެ އެވެ.
މިއީ، ސީސީން މި މުބާރާތް ބާއްވާ ދެ ވަނަ ފަހަރެވެ. މުބާރާތުގެ މެޗުތައް ކުޅެނީ އަށް އޯވަރަށެވެ.
އޭދަފުށީ ދަނޑުގައި އިއްޔެ ކުޅުނު މެޗުން ދުސިތުން ރޯޔަލް އައިލެންޑް ރިސޯޓް ބަލިކުރީ އަށް ވިކެޓުންނެވެ. މި މެޗުގައި، ރޯޔަލް އިން އަށް އޯވަރުގެ ތެރޭ ނުވަ ވިކެޓަށް ވަނީ 47 ލަނޑު ހަދައިފަ އެވެ. ޖަވާބުގައި ކުޅެން އަރައި، ދުސިތު މޮޅުވީ، 4.3 އޯވަރުގެ ތެރެގައި، ދެ ވިކެޓަށް 48 ލަނޑު ހަދައިގެންނެވެ.
މެޗުގެ މޮޅު ކުޅުންތެރިއަކީ، ދުސިތުގެ މަހޭޝް ދޭވަޕްރިޔާ ސަންދަނަޔަކަ އެވެ.
މިލައިދޫގެ މައްޗަށް ފިނޮޅުން ކުރިހޯދީ، 35 ލަނޑުންނެވެ.
މި މެޗުގައި އަށް އޯވަރުގެ ތެރޭގައި، ހަތަރު ވިކެޓަށް މިލައިދޫ އަށް ހެދުނީ 81 ލަނޑެވެ. ފިނޮޅު މޮޅުވީ، އަށް އޯވަރު ކުޅެ، ތިން ވިކެޓަށް 116 ލަނޑު ހަދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ، ފިނޮޅުގެ ޔަސަންތާ ބަންޑާރަ އެވެ.
މުބާރާތުގައި މިއަދު ހަވީރު ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަަތަަމަ މެޗުގައި، 15:00 ގައި އެންމެ ފަހުގެ ޗެމްޕިއަން، ސޮނޭވާފުށި ބައްދަލުކުރާނީ، އަވަނި+ފަރެސްއާ އެވެ. ސޮނޭވާފުށި އާއި އަވަނި ވަނީ ފުރަތަމަ މެޗުން ބަލިވެފަ އެވެ. އަދި 16:30 ގައި ފަށާނީ، އަމިއްލަ އާއި އަނަންތަރާ ކުޅޭ މެޗެވެ.












