އިރާނުުގައި 23 އަހަރަށްފަހު އާ ސަރުކާރެއްގެ މުޅި ކެބިނެޓަށް އެއްފަހަރާ ގާނޫނު ހަދާ މަޖިލީހުން ރުހުން ދީފި އެވެ.
އިރާންގެ އާ ރައީސް މަސްއޫދު ޕެޒެޝްކިއަންގެ ކެބިނެޓުގައި ހިމެނޭ 19 ވަޒީރުންނަށް ގާނޫނު ހަދާ މަޖިލީހުން އިއްޔެ ރުހުން ދިނީ މިދިޔަ ހޮނިހިރުން ފެށިގެން ކުރި ބަހުސްތަކަށް ފަހު އެވެ.
"ސަލާމަތާއި ރައްކާތެރިކަމާއި އެކު ކުރިއަށް ދެވޭނީ އެއްބައިވަންތަކަމާއެކު އެންމެން ބަދަހިކޮށް ތިބެގެން،" ވަޒީރުންނަށް ރުހުން ދިން މަޖިލީހުގައި މަސްއޫދު ވިދާޅުވި އެވެ.
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ގޮތުން ނެގުނު ވޯޓުގައި 285 މެންބަރު ބައިވެރިވެވަޑައިގަތެވެ. ވަޒީރުންގެ ތެރެއިން އެންމެ މަދުވޯޓުން ރުހުން ލިބުނީ ހެލްތު މިނިސްޓަރު މުހައްމަދްރެޒާ ޒަފަރްގާންދީ އަށެވެ. އޭނާ އަށް ލިބުނީ 163 މެންބަރުންގެ ވޯޓެވެ.
އިރާނުގައި އާ ސަރުކާރެއް އެކުލަވާލީ މިދިޔަ މެއި މަހު އެ ގައުމުގެ ރައީސް އިބްރާހިމް ރައިސީ ދަތުރުކުރެއްވި ހެލިކަޕްޓަރު ވެއްޓި، އެމަނިކުފާނު އަވަހާރަވުމާ ގުޅިގެންނެވެ.










