ދިވެހި ރެޑް ކްރެސެންޓްއިން އިންސާނިއްޔަތަށްޓަކައި ކުރާ މަސައްކަތުގައި ބައިވެރިވުމުގެ ގޮތުން އެ ޖަމާއަތުން ތައާރަފު ކޮށްފައިވާ "ޕާޓްނަސް ފޯ ހިއުމެނިޓީ އިނިޝިއޭޓިވް" ގެ ޕާޓްނާޝިޕް ދިރާގުން އައުކޮށްފި އެވެ.
ދިރާގުން ބުނީ އެ ޕާޓްނާޝިޕްގެ ދަށުން ދިވެހި ރެޑް ކްރެސެންޓުން ދޭ ހިދުމަތްތަކުގައި އެހީތެރިވުމަށް ވަނީ ނިންމައި، މަސައްކަތުގެ ދަށުން ފުރަތަމަ އެހީ ދިނުމާއި، ނަފްސާނީ އިޖުތިމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ކާރިސާތަކުން އަރައިގަތުމަށް ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ހިމެނޭ ކަމަށެވެ.
"ޕާޓްނާއެއްގެ ގޮތުގައި ދިރާގުން ބައިވެރިވުމުގެ ސަބަބުން ކާރިސާތަކުގެ ވަގުތުގައްޔާއި އާއްމު ހާލަތްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ނާޒުކު ފަރާތްތަކަށް ދިވެހި ރެޑް ކްރެސެންޓްގެ ދަރުމަވެރިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްބާރުލުމާއި އެހީތެރިކަން ދެމެހެއްޓެނިވިގޮތުގައި ފޯރުކޮށްދެވޭނެ،" ދިރާގުން ބުންޏެވެ.
ދިރާގުން ވަނީ މީގެ ކުރިން ދިވެހި ރެޑް ކްރެސެންޓްގެ ކޯޕަރެޓް މެމްބަރެއްގެ ގޮތުގައި 2018 އިން 2022 ވަނަ އަހަރާއި ހަމައަށް ހަރަކާތްތެރިވެ، އެޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.
މީގެ އިތުރުން މި އެހީގެ ސަބަބުން މިފަދަ މަސައްކަތްތަކުގައި ހަރަކާތްތެރިވެ އުޅޭ ދަރުމަވެރިން ތަމްރީންކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓްގެ ޔުނިޓްތައް މި ރޮނގުތަކުން ތަރައްޤީކުރުމަށްވެސް މަގުފަހިވެގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.
ދިރާގުގެ ޑިރެކްޓާ، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މި ފުރުސަތުގައި ދިވެހި ރެޑް ކްރެސެންޓްގެ ޓީމާއި ދަރުމަވެރިން އިންސާނިއްޔަތަށްޓަކާ ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، މި މަސައްކަތުގައި ދިރާގުން އަބަދުވެސް އެއްބާރުލުން ދޭނެކަން ޔަގީންކުރާ ކަމަށެވެ.
މި ވޭތުވެދިޔަ އަހަރުތަކުގައި ދިވެހި ރެޑް ކްރެސެންޓުން ފޯރުކޮއްދޭ ހިދުމަތްތައް ދިނުމުގައި އަދި މަސައްކަތް ފުޅާ ކުރުމުގައި ދިރާގުން ފޯރުކޮށްދީފައިވާ އެހީތެރިކަން ދިވެހި ރެޑް ކްރެސެންޓުން ވަނީ ފާހަގަކޮށްފަ އެވެ.
އެ އެހީތެރިކަމުގެ ސަބަބުން ކުއްލި ހާލަތްތަކުގައްޔާއި ކާރިސާގެ ވަގުތުތަކުގައި އެންމެ ނާޒުކު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް މަގުފަހި ވުމުގެ އިތުރުން، ދިރާގާއި ދިވެހި ރެޑް ކްރެސެންޓްއާ ދެމެދު ގާއިމްކުރެވިފައިވާ ގުޅުން ވަރުގަދަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުނެ އެވެ.





