ދިވެހި ރެޑް ކްރެސެންޓުގެ "ޕާޓްނާސް ފޯ ހިއުމޭނިޓީ އިނިޝިއޭޓިވް" ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބައިވެރިވެއްޖެ އެވެ.
ބީއެމްއެލްއިން ބުނީ، މި އިނިޝިއޭޓިވްގައި އެ ކުންފުނިން ބައިވެރިވުމުން ކާރިސާތަކާއި އާންމު ހާލަތްތަކުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ތިބި ނާޒުކު ފަރާތްތަކަށް އަމާޒުކޮށް ރެޑް ކްރެސެންޓުން ހިންގާ ހަރަކާތްތަކަށް އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
ރެޑް ކްރެސެންޓުގެ އެ ހަރަކާތްތަކުގެ ތެރޭގައި ފުރަތަމަ އެހީ، ނަފްސާނީ، އަދި އިޖުތިމާއީ އެހީތެރިކަން ފޯރު ކޮށްދިނުމާއި ކާރިސާ ތަކުން އަރައިގަތުމަށް ކުރަންޖެހޭ ތަފާތު މަސައްކަތްތައް ހިމެނެ އެވެ.
ބީއެމްއެލްއާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދިފައިވާ ދިވެހި ރެޑް ކްރެސެންޓުގެ ޔުނިޓްތައް އިތުރަށް ތަރައްގީ ކުރުމަށް ވެސް މަގުފަހިވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ނާޒުކު ހާލަތްތަކުގައި ތިބޭ އާއިލާތަކަށް އެހީތެރިވުމުގެ ގޮތުން އެ ބީއެމްއެލް އިން އަންނަނީ ތަފާތު ޕްރޮގްރާމްތައް ހިންގަމުންނެވެ.














