މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން އަންނަ އޮކްޓޯބަރު 10، ގައި ގެސްޓްހައުސް ސިމްޕޯޒިއަމްއެއް ބާއްވަން ނިންމާފައިވާކަން މިއަދު އިއުލާންކޮށްފި އެވެ.
އެމްއައިބީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ބޭންކްގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ ވިދާޅުވީ އެ ސިމްޕޯޒިއަމްގައި ގެސްޓްހައުސްގެ އިތުރުން އެ ދާއިރާއާ ގުޅުންހުރި އެހެން ދާއިރާތަކުގެ މީހުންނަށް ބައިވެރިވެވޭނެ ކަމަށާއި އޭގެ ސަބަބުން އެންމެން އެއްތަނަކުން ދިމާވެ ގުޅުން ބަދަހިކޮށް ފުރުސަތުތައް ތަނަވަސްވެގެންދާނެ ކަމަށެވެ.
"ސިމްޕޯޒިއަމްގަައި ސްޓޯލްތައް ހުންނާނެ. އެ ސްޓޯލްތަކުން ޕްރޮޑަކްޓަކާ ބެހޭ މައުލޫމާތުތައް ދިނުމުގެ ފުރުސަތު ލިބޭނެ. ޕެނަލް ޑިސްކަޝަންތައް ވެސް ކުރިއަށްދާނެ. ދާއިރާތަކުގެ ތަޖުރިބާ ލިބިފައި ހުރި މީހުންގެ ތަޖުރިބާ ވެސް ހިއްސާ ކުރެވިގެންދާނެ. މަގްސަދަކީ ކުރިއަރަމުން އަންނަ ދާއިރާތަކުގެ މީހުން ގުޅުވާލަ ދިނުމަށް އެހީތެރިވެދިނުން،" ރިޒާ ވިދާޅުވި އެވެ.

އެމްއައިބީގެ ޑެޕިއުޓީ ސީއީއޯ އަހުމަދު ރިޒާ: ގެސްޓްހައުސް ސިމްޕޯޒިއަމް އޮކްޓޯބަރުގައި ބާއްވާކަން އިއުލާންކުރުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
އެ ސިމްޕޯޒިއަމްގައި ބައިވެރިވުމަށް ހުންނާނީ ލިމިޓެޑް ސްލޮޓްސްތަކެއްކަން ފާހަގަކުރައްވާ ރިޒާ ވިދާޅުވީ 150 އެއްހާ މީހުންނަށް ފުރުސަތު ދެވިގެންދާނެ ކަމަށާއި ބައިވެރިވާން ކުރިއަށް އޮތް ދުވަސްތަކުގައި ހުޅުވާލާނެ ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ގެސްޓްހައުސް އެސޯސިއޭޝަންގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވީ އެ ސިމްޕޯޒިއަމުން ޕްރޮޑަކްޓްތައް ފައިނޭންސް އަދި މާކެޓް ކުރާނެ ގޮތްތައް ބައިވެރިންނަށް ދަސްވެގެންދާނެ ކަމަށެވެ.
ކްރޮސްރޯޑްސްގައި ބާއްވާ ސިމްޕޯޒިއަމްގެ ޕާޓްނަރުންނާ ކުރިއަށް އޮތް ދުވަސްތަކުގައި ސޮއިކުރެވިގެންދާނެ ކަމަށާއި ސިމްޕޯޒިއަމްއާ ބެހޭ އިތުރު މައުލޫމާތުތައް ވެސް ހާމަކުރަމުންދާނެ ކަމަށް އެމްއައިބީން ބުނެ އެވެ.









