މެޑްރިޑް (އޮގަސްޓް 18) - ސްޕެނިޝް ލީގުގެ އާ ސީޒަނުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 2-1 އިން ވެލެންސިއާ އަތުން މޮޅުވެއްޖެ އެވެ.
މިއީ، ބާސެލޯނާގެ އާ ކޯޗު ހަންސީ ފްލިކްގެ އިރުޝާުދުގެ ދަށުން އެ ޓީމުން ކުޅުނު ރަސްމީ ފުރަތަމަ މެޗެެވެ.
އަމިއްލަ ދަނޑުގައި ކުޅުނު ވެލެންސިއާ އިން ލީޑުނެގީ 44 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، އޭރިއާތެރެއަށް އައި ހުރަހަކުން ބޯޅަ ގޯލަށް ފޮނުވާލައިގެން، ހޫގޯ ޑޫރޯ އެވެ. އެހެން ނަމަވެސް، ވެލެންސިއާ އަށް ފުރަތަމަ ހާފު ނިމެންދެން ވެސް ލީޑު ހިފަހައްޓައިނުލެވުނެވެ.
ބާސެލޯނާ އިން އެއްވަރުކުރީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި، ރޮބަޓް ލެވަންޑޯސްކީ ޖެހި ގޯލުންނެވެ. މިއީ، ލަމީން ޔަމާލް ދިން ބޯޅައަކުން ލެވަންޑޯސްކީ ޖެހި ގޯލެކެވެ.
ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، މާ ލަސްތަކެއް ނުވެ، ބާސެލޯނާ އިން ވަނީ ނަތީޖާ އަނބުރާލައިފަ އެެވެ. މެޗުގެ 49 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ޕެނަލްޓީ އަކުން ލެވަންޑޯސްކީ އެވެ. މި ޕެނަލްޓީ ލިބުނީ، ވެލެންސިއާގެ ކުޅުންތެރިއަކު، އެ ޓީމުގެ އޭރިއާތެރެއިން ބާސެލޯނާގެ ރަފީނިއާ އަށް ފައުލުކުރުމުންނެވެ.
މި މެޗުގައި ޖެހި ދެ ގޯލާ އެކު، ލެވަންޑޯސްކީ މި ވަނީ ލީގުގައި ވެލެންސިއާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ހަ ގޯލު ޖަހައިފަ އެވެ.












