ޔުނައިޓެޑް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ސިޓީ އަށް

Aug 10, 2024, 4:19 PM
ޔުނައިޓެޑް ބަލިކޮށް ކޮމިއުނިޓީ ޝީލްޑް ސިޓީ އަށް

ލަންޑަން (އޮގަސްޓް 10) - ޕެނަލްޓީ ޖަހައިގެން، 7-6 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، މެންޗެސްޓާ ސިޓީން، އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުން މޮޅުވެއްޖެ އެވެ.

މިއީ ސިޓީން ޝީލްޑް ކާމިޔާބުކުރި ހަތް ވަނަ ފަހަރެވެ. އަދި، ހަ އަހަރު ތެރޭ ސިޓީން ޝީލްޑް އުފުލާލި ފުރަތަމަ ފަހަރެވެ. އެކާވީސް ފަހަރު ޝީލްޑް އުފުލާލައި، މި މެޗުގެ އެންމެ ކާމިޔާބު ޓީމު ޔުނައިޓެޑް ވެފައި މި ވަނީ، މި މެޗުން 10 ފަހަރު ބަލިވި ފުރަތަމަ ޓީމަށެވެ.

ސިޓީން މި މެޗަށް ނުކުތްއިރު އެންމެ ފަހުން ފަސް ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރި ޓީމު އަތުން އެފްއޭ ކަޕް ކާމިޔާބުކުރި ޓީމު ވަނީ ޝީލްޑް މެޗުގައި މޮޅުވެފަ އެވެ. އޭގެ ތެރެއިން، ސިޓީ ވަނީ ތިން ފަހަރު ބަލިވެފަ އެވެ. އެކަމަކު، މިރޭ ޕެނަލްޓީ ޖަހައިގެން، މޮޅުވެ، ސިޓީން މި ވަނީ އަލުން ޝީލްޑް މެޗު ކާމިޔާބުކޮށްފަ އެވެ.

މިރޭގެ މެޗުގެ ކުރިން، އެންމެ ފަހުން، ސިޓީ އާއި ޔުނައިޓެޑް ބައްދަލުކުރި މެޗަކީ މީގެ އަށްޑިހަ ވަރަަކަށް ދުވަސްކުރިން އެފްއޭ ކަޕް ފައިނަލުގަ އެވެ. އެ މެޗުން ޔުނައިޓެޑް މޮޅުވިއިރު، އެއީ 2024 ވަނަ އަހަރު ފެށުނު ފަހުން، އިނގިރޭސި މުބާރާތެއްގެ މެޗަކުން ސިޓީ ބަލިވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑްގެ މައްޗަށް މިރޭގެ މެޗުން ކުރިހޯދައި، ސިޓީ އަށް އެފްއޭ ކަޕްގެ އެ ނާކާމިޔާބީ އަށް ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ނުކުތްއިރު ސިޓީން ނެރުނު ފުރަތަމަ އެގާރައިގައި ޒުވާން ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ. އެއީ އެ ޓީމުގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް އަދި ޓީމު ޕްރެކްޓިހުގައި ގަވާއިދުން ބައިވެރިވެފައިނުވާތީ އެވެ.

ސިޓީގެ މެކްއަޓީ އޭރިއާތެރެއިން ފޮނުވާލި ބޯޅަ ގޯލުގެ ދަނޑިއަށް އަމާޒުވަނީ: މެޗުގައި މެކްއަޓީ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައި.-- ފޮޓޯ: ގެޓީއިމޭޖަސް

މެޗު ފަށައިގެން ސިޓީން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ، ލަނޑު ޖަހަން ފުރުސަތުތަކެއް ހޯދައިފަ އެވެ . އެ ގޮތުން، ސިޓީން އެންމެ ރަނގަޅު ފުރުސަތެއް ލިބިފައިވަނީ އެ ޓީމުގެ މެދުތެރެއަށް ކުޅުނު ޖޭމްސް މެކްއަޓީ އަށެވެ. އޭރިއާތެރެއިން މެކްއަޓީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ކުރިން، ސިޓީގެ އޮސްކާ ބޮބް އަރިމަތިން ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ ޖެހި ޝޮޓް ދިޔައީ ހުރަސްދަނޑިމަތިން ބޭރުންނެވެ.

ފުރަތަމަ ހާފުގައި ޔުނައިޓެޑުން ސިޓީ އަށް ނުރައްކާކުރި ކުޅުންތެރިއަކީ، އަމަދު ޑިއާލޯ އެވެ. އެ ގޮތުން، އަރިމަތިން ލިބުނު ބޯޅައެއް ހިފައިގެން އަމަދު އޭރިއާތެރެއަށް ވަދެ ޖެހި ބޯޅައެއް ގޯލު ކުރިމަތިން ހުރަސްވެގެން ދިޔައިރު، ކަސެމީރޯ ހުސްކޮށްލާފައި ދިން ބޯޅައެއް އޭރިއާތެރެއިން ހަމަޖެހިލައިފައި މޭސަން މައުންޓަށް ދީގެން ގޯލު ޖަހަން އަމަދު ދިން ބޯޅަ އެއްވެސް ކުޅުންތެރިއަކަށް ނުލިބި ދިޔައީ ގޯލު ކުރިމަތިން ހުރަސްވެގެންނެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން، އަށް މިނިޓް ތެރޭ ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސް ލަނޑެއް ޖެހި އެވެ. ސިޓީ ޑިފެންސް ފަހަތަށް ކުުޅުނު ބޯޅައެއް ހޯދައި، އޭރިއާ ރޮނގުކައިރީގައި ހުރެފައި، ފެނާންޑޭސް ފޮނުވާލި ޝޮޓް ގޯލަށް ވަނީ ސިޓީގެ ކީޕަރު އެޑަސަން މޮރާއެސް އަތްމަތިންނެވެ. އެކަމަކު، ލައިންސްމަން އޭރު ހުރީ އޮފްސައިޑަށް ދިދަ ނަގައިގެން ކަމަށްވާއިރު، ފެނާންޑޭސްގެ އެ ގޯލު ބަލައިނުގަތެވެ.

މެޗުގެ 60 މިނިޓްގެ ކުޅުން ހަމަވެ، ގަޑިއިރެއް ކުޅެވުނުތަނާ ދެ ޓީމުން ވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ.

ޔުނައިޓެޑްގެ ކަސެމީރޯ، މެޗުގެ 68 ވަނަ މިނިޓްގައި ސިޓީގެ ޑިފެންސް ފަހަތަށް ކުޅުނު ބޯޅައަކަށް އަރައި، އޭރިއާތެރެއަށް ދިއުމުގެ ބަދަލުގައި ފެނާންޑޭސް ޖެހި ޝޮޓް ކީިޕަރު އެޑަސަން ވަނީ ފަސޭހައިން އަތަށް ނަގައިފަ އެވެ. ޔުނައިޓެޑަށް އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 75 ވަަނަ މިނިޓްގަ އެވެ. ސިޓީގެ ޑިފެންސް ފަހަތަށް އައި ބޯޅައަކަށް އަރައި. ޔުނައިޓެޑްގެ އަލެހަންދްރޯ ގާނާޗޯ ގޯލު ކުރިމައްޗަށް މުޅިން ހުސްކޮށްލާފައި މާކަސް ރަޝްފޯޑް އަށް ދިން ބޯޅަ ފޮނުވާލުމުން ދިޔައީ ދަނޑީގައި ޖެހިފައި ބޭރަށެވެ.

އޭގެ ފަހުން ވެސް ޔުނައިޓެޑުން ވަނީ ލަނޑެއް ޖެހޭތޯ އެޓޭކްތަކެއް ކޮށްފަ އެވެ. އެ ގޮތުން، ކޯނަރެއްގައި ރަޝްފޯޑް ބޮލުން ޖެހި ބޯޅައަކަށް އެރި، ސްކޮޓް މެކްޓޮމިނޭ ފައިގައި ބޯޅަ ލައްވާލާ ގޮތެއްނުވި އެވެ.

ޔުނައިޓެޑްގެ ލަނޑު ޖެހުމަށް ފަހު ގަނާޗޯ (ވ) އާއި ރަޝްފޯޑް އުފާފާޅުކުރަނީ.

ޔުނައިޓެޑުން ފުލުފުލުގައި ކުރަމުންދިޔަ އެޓޭކްތަކުގެ ނަތީޖާއެއް ނެރުނީ މެޗުގެ 81 ވަނަ މިނިޓްގަ އެވެ. އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަތް، ގާނާޗޯ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައި ޔުނައިޓެޑަށް ލީޑުނަގައިދީފަ އެވެ.

ލީޑުފުޅާކުރަން ޔުނައިޓެޑަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުމުގެ ނަތީޖާ ފެނުނީ ހިތިކޮށެވެ. ސިޓީން ކުޅުން ރަނގަޅުކޮށް ކުރިއަށްޖެހި، އެއްވަރުކުރަން މަސައްކަތްކޮށް އެކަން ކާމިޔާބުކުރި އެވެ.

ސިޓީން ބަދަލުތަކެއް ގެނެސް ކުރި މަސައްކަތުން ހަތް މިނިޓް ފަހުން، ނަތީޖާ ހަމަހަމަކުރި އެވެ. މިއީ، މެޗުގެ 88 ވަނަ މިނިޓްގައި ބޮބް ނަގައިދިން ހުރަހަކުން، ބަދަލަކަށް ކުޅެން އެރި ބެނާޑޯ ސިލްވާ ބޮލުން ޖެހި ގޯލެކެވެ. ތިރީސް ވަނަ އުފަން ދުވަސް މިއަދު ފާހަގަކުރާ ބެނާޑޯ ބޮލުން ޖެހި ބޯޅަ ހުއްޓުވަން، ޔުނައިޓެޑްގެ ކީޕަރު އަންދްރޭ އޮނާނާ އަށް ކުރެވޭނެ ކަމެއް ނެތެވެ.

އޭގެ ފަހުން، ސިޓީން ވަނީ ބަދަލަކަށް ކެވިން ޑި ބްރޭނާ ކުޅެން ނެރެފަ އެވެ.

ސިޓީ އަށް އެއްވަރުކޮށްދިން ލަނޑު ޖެހުމަށް ފަހު ބެނާޑޯ ސިލްވާ އުފާފާޅުކުރަނީ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ނަތީޖާ ހަަމަހަމަވެފައި އޮތުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީ ޖަހައިފަ އެވެ.

ޕެނަލްޓީގައި ފުރަތަމަ ޔުނައިޓެޑުގެ ފެނާންޑޭސް ވަނީ ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. ސިޓީން ފުރަތަމަ ޕެނަލްޓީ ފޮނުވާލި ބެނާޑޯގެ ހަމަލާ ކީޕަރު އޮނާނާ މަތަކުރި އެވެ. ޔުނައިޓެޑްގެ ދެ ވަނަ ޕެނަލްޓީ ޑިއޯގޯ ޑަލޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު އެޑަސަން އަތުގައި ޖެހިފަ އެވެ. ސިޓީގެ ދެ ވަނަ ޕެނަލްޓީ ޑި ބްރޭނާ ކާމިޔާބުކުރިއިރު، ޔުނައިޓެޑްގެ ތިން ވަނަ ޕެނަލްޓީ ޖެހި ގަނާޗޯ ވެސް ކާމިޔާބުކުރި އެވެ. ސިޓީގެ ތިން ވަނަ ޕެނަލްޓީ އާލިން ބްރައުޓް ހާލަންޑް ވަނީ ގޯލަށް ފޮނުވާލައިފަ އެވެ. ޔުނައިޓެޑްގެ ހަތަރު ވަނަ ޕެނަލްޓީ ޖޭޑަން ސަންޗޯ ފޮނުވާލި ބޯޅަ ކީޕަރު އެޑަސަން މަތަކުރިއިރު، ސިޓީގެ ހަތަރު ވަނަ ޕެނަލްޓީ ސަވީނިއޯ ކާމިޔާބުކޮށް އެއްވަރުކޮށްދިނެވެ.

ޔުނައިޓެޑްގެ ފަސް ވަނަ ޕެނަލްޓީ ކަސެމީރޯ ގޯލަށް ފޮނުވާލިއިރު، ސިޓީގެ ފަސް ވަނަ ޕެނަލްޓީ ކީޕަރު އެޑަސަން ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. ޔުނައިޓެޑްގެ ހަ ވަނަ ޕެނަލްޓީ، މެކްޓޮމިނޭ ގޯލަށް ފޮނުވާލި އެވެ. ސިޓީގެ ހަ ވަނަ ޕެނަލްޓީ މަތިއުސް ނޫނޭޒް ވަނީ ގޯލުގެ މަތީ ކަނަށް ވައްދާލައިފަ އެެވެ. ޔުނައިޓެޑްގެ ހަތް ވަނަ ޕެނަލްޓީ ލިސަންދްރޯ މާޓީނޭޒް ވެސް ކާމިޔާބުކުރި އެވެ. ސިޓީގެ ހަތް ވަނަ ޕެނަލްޓީ ޓީމުގެ ކެޕްޓަން ރުބެން ޑިއާޒް ވަނީ ތިރިތިރިން ގޯލަށް ވައްދާލައިފަ އެވެ. ޔުނައިޓެޑްގެ އަށް ވަނަ ޕެނަލްޓީ ޖޯނީ އެވަންސް ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ސިޓީ އަށް ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވާން ލިބުނު ފުރުސަތުގައި އެ ޓީމުގެ އަށް ވަނަ ޕެނަލްޓީ ޖަަހަން ދިޔަ މެނުއަލް އަކަންޖީ ގޯލަށް ވައްދާލައި މެޗުން މޮޅުވީ އެވެ.

ޕެނަލްޓީ ޖަހައިގެން މޮޅުވި ވަގުތު ސިޓީގެ ކުޅުންތެރިން އުފާފާޅުކުރަނީ.

ކޮމެންޓް

ފަހުގެ ޚަބަރު

ބިސް ބުރު ބަލިކޮށް ވިކްޓަރީ ލީގުގެ އެއް ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ބިސް ބުރު ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބް ތާވަލުގެ އެއްވަނައަށް ޖެހިލައިފި. މި މެޗުގައި ވިކްޓަރީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ރިޒްވާން، ރަވްޝަންބެކް އަދި އަލް ހާޖީ ގޭރޯ. މި މޮޅާއެކު ވިކްޓަރީން ވަނީ ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހަމަކޮށްފައި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހާޒިގު ރިޓަޔާކޮށްފި

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ހަސަން ހާޒިގު ރަޝީދު، 16 އަހަރަށްފަހު ގައުމީ ޓީމުން ރިޓަޔާކޮށްފި. އޭނާ ރިޓަޔާކުރީ މެލޭޝިއާގައި ކުރިއަށްދިޔަ އައިސީސީ ޓީ20 ވޯލްޑް ކަޕް ކޮލިފައިންގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗަށް ފަހުގައި. ކްރިކެޓް ބޯޑުން ވަނީ ހާޒިގު ގައުމީ ޓީމަށް ކޮށްދިން އަގުހުރި ހިދުމަތްތަކާއި އޭނާގެ ނަމޫނާ އަހުލާގު ފާހަގަކޮށްފައި.

މިސައިލް އެލާޓެއްގައި ޖެހުނު މެޗުގައި ރޮނާލްޑޯގެ ލަނޑެއް

މިސައިލް އެލާޓަކާ ގުޅިގެން 15 މިނިޓު ފަސްކޮށް ފެށި އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގެ މެޗުގައި، ކްރިސްޓިއާނޯ ރޮނާލްޑޯގެ ލަނޑަކާއެކު އަލް ނަސްރުން ނެފްޓްޝީ ފެރްގާނާ ބަލިކޮށްފި. މިއީ މި މުބާރާތުގައި އަލް ނަސްރުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، ރޮނާލްޑޯ މިހާރު ވަނީ އޭނާގެ ކެރިއަރުގައި 981 ލަނޑު ހަމަކޮށްފައި

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މޮޅު އޮޅުވެލި އަށް

ރިސޯޓް ސުޕަ ލީގުގެ ފުރަތަމަ މެޗުގައި ބަރޮސް މޯލްޑިވްސްއާ ވާދަކޮށް 2-1 ގެ ނަތީޖާއަކުން ސަން ސިޔާމް އޮޅުވެލި މޮޅުވެއްޖެ. ޖުމްލަ ހަ ރިސޯޓަކުން ވާދަކުރާ މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު.

އެންރީކޭ އެދެނީ މެންޗެސްޓާ ސިޓީ އަދަަބަކުން ސަލާމަތްވާން

މާލީ ގަވާއިދުތަކާ ހިލާފުވެގެން މެންޗެސްޓާ ސިޓީއަށް ކުރިމަތިވެފައިވާ މައްސަލަތަކުން އެ ކްލަބް ސަލާމަތްވުމަށް އެދޭ ކަމަށް ޕީއެސްޖީގެ ކޯޗު، އެންރީކޭ ބުނެފި. އޭނާ ބުނީ ސިޓީން ހޯދާފައިވާ ކާމިޔާބީތަކަކީ ދަނޑުމަތީގައި ކުރި ބުރަ މަސައްކަތުން ހޯދި ހައްގު ކާމިޔާބީތަކެއް ކަމަށާއި، އެހެންކަމުން އެ ޓީމަށް އަދަބެއް ނުލިބި ސަލާމަތްވާނެ ކަމަށް އުންމީދުކުރާ ކަމަށް

ޔުނައިޓެޑް ބަލި، އާސެނަލާއި ބާސެލޯނާ އަށް މޮޅެއް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން އެތުލެޓިކޯ މެޑްރިޑް، ބާސެލޯނާ އަދި އާސެނަލް ވަނީ މޮޅުވެފައި. އެތުލެޓިކޯ އިން 2-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިކުރިއިރު، ބާސެލޯނާ އިން ގަލަތަސަރާއި އަތުން 4-1 އިން އަދި އާސެނަލުން ލިލް އަތުން 3-0 އިން ވަނީ މޮޅުވެފައި

އިންފަންޓީނޯ އަށް ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރު ލިބުނު

ފީފާގެ ރައީސް އިންފަންޓީނޯ އަށް 2026 ވަނަ އަހަރުގެ ވޯލްޑް ކަޕާ ގުޅޭ 1.7 މިލިއަން ޑޮލަރުގެ ޕޭމަންޓެއް ލިބިފައިވާއިރު، އެ ފައިސާގެ ތަފްސީލު ފީފާގެ މާލީ ރިޕޯޓުތަކުގައި ހިމަނާފައި ނުވާ ކަމުގެ ތުހުމަތު ވަނީ ފެންމަތިވެފައި. ނަމަވެސް ފީފާއިން މި ތުހުމަތުތައް ދޮގުކޮށް، ހުރިހާ މާލީ މުއާމަލާތްތަކެއް ހިންގަނީ ދެފުށް ފެންނަ އުސޫލެއްގެ ތެރެއިން ކަމަށް ބުނޭ

Newsletter

Get the latest news delivered straight to your inbox