ޝަމާއިލްގެ އޮތީ ވޮލީ އަށް ދޫވި ހިތާއި އަމިއްލަ ނަފްސުގެ އިތުބާރު

ޝަމާއިލްގެ އޮތީ ވޮލީ އަށް ދޫވި ހިތާއި އަމިއްލަ ނަފްސުގެ އިތުބާރު

"ކެރިއަރުގެ އެންމެ ޕީކުގައި އިންޖަރީ އެއް މިއައީ، އެހެންވެ، ދެން ދެ އަހަރު ވަރު ގެއްލުނީމި. އަނިޔާ ވީމަ ހިތައް އެރި ކުޅުން ހުއްޓާލަންވީ އޭ. އޭރު ސާޖަރީކުރަން ދެން އެ ތަނަވަސްކަން ވެސް ނެތީމައާ އެކު. އެކަމަކު، ކާއްޓޭ ކޯޗު (މުހައްމަދު ސާޖިދު)ގެ އެހީތެރިކަމާ އެކު އެސޯސިއޭޝަން ތުރޫކޮށް (މެދުވެރިކޮށް) ސާޖަރީ ކުރީ. ކޮށްގެން ރިކަވަރީގައި ވެސް ނެގަޓިވް އެއްޗެހި ހިތައްއެރި، އެކަމަ،ކު އެ ކަންކަމުން އަމިއްލަ އަށް މޯޓިވޭޓްވެ, އަލުން ކުޅެން ފެށީ."

މިއީ, ލ. މާވަށަށް އުފަން ޝަމާއިލް ހުސެއިން "އަދަދު ސްޕޯޓްސް"ގެ ޝޯ "ތަރިންގެ އަދަދު" އަށް ދިން އިންޓަވިއުގައި އޭނާގެ ކެރިއަރުގެ އެންމެ ހިތްދަތި ދުވަސްތައް ހަނދާން އާކުރަމުން ބުނި ވާހަކަ އެވެ.

ޒުވާން ދުވަސްވަރު، ދެ ފަހަރެއްގެ މަތިން ކުޅުން ހުއްޓާލަން ނިންމި ނަމަވެސް މިހާރު ޝަމާއިލް އަކީ ރާއްޖޭގެ ވޮލީގައި އެންމެ ހިނގާ އެއް ނަމެވެ. މި ފަހުން، ޒުވާން ކުޅުންތެރިއަކަށް އެންމެ ގިނަ ކޯޗުންގެ އިތުބާރު ހޯދާފައިވަނީ ޝަމާއިލް އޭ ބުނުމުން ދޮގަކަށް ނުވާނެ އެވެ.

ޝަމާއިލް ގައުމީ ސީނިއާ ވޮލީ ޓީމާ އެކު 2019 ވަނަ އަހަރު.

ކެރިޔަރުގެ ފެށުން، ފުރަތަމަ ބޭނުންވީ ފުޓުބޯޅަ ކުޅެން

ޝަމާއިލް އެންމެ ފުރަތަމަ ކުޅިވަރެއްގެ ގޮތުގައި އިހުތިޔާރު ކުރީ ފުޓުބޯޅަ އެވެ. އޭރު ޑިފެންސާއި ގޯލްކީޕަރަކަށް ވެސް އޭނާ ކުޅެ އުޅުނެވެ. ފުޓުބޯޅައިގައި ވެސް ޝަމާއިލް ފެނިގެންދިޔައީ ތަފާތު ކޮށެވެ. އެކަމަކު، ފުޓުބޯޅަ ދޫކޮށް ވޮލީ ކުޅެން ޝަމާއިލްގެ ޝައުގުވެރިކަން އުފެދުނީ ރަށުގައި އުޅުނު ދުވަސްވަރު، ބޮޑެތި މީހުންނާއެކީ މަޖަލަށް ވޮލީ ކުޅެން ދާންފެށި ހިސާބުންނެވެ.

ފުރަތަމަ ދުވަހުން ވެސް އޭނާ އަށް ފުޓުބޯޅަ އަށް ވުރެ ވޮލީ ޝައުގުވެރިވި އެވެ. އެހެންވެ، ފަހުން ރަށުގައި ކުޅޭ ވޮލީ މެޗުތައް ބަލަން ވެސް އޭނާ ދެ އެވެ. އެހެން ދުވަސްތައް ގުނަމުން ދަނިކޮށް، ޝަމާއިލް އަށް ވޮލީ ކުޅެން ފުރުސަތު ފަހިވީ، ތ. ހިރިލަންދޫގައި ގައުމީ ޓީމުގެ ކުރީގެ ކޯޗު އަދި މިހާރު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ނައިބު ރައީސް މުހައްމަދު ސާޖިދު (ކާއްޓޭ) ކުރިއަށްގެންދިޔަ ވޮލީ ކޭމްޕަކުން ފުރުސަތު ލިބުނު ހިސާބުންނެވެ.

އެ ކޭމްޕުން ސާފުވެގެންދިޔަ ކަމަކީ، ޝަމާއިލްގެ ކެރިއަރަކީ ވޮލީ ކަމަށް ނިންމުމަށް ފަސޭހަވުމެވެ. ކޯޗު ކާއްޓޭއާ އެކު ތަމްރީނުވާން ލިބުން މަދު ދުވަސްކޮޅުގެ ތެރޭގައި ޝަމާއިލްގެ ހިތް ވޮލީ އަށް ދޫވި އެވެ.

"ހިރިލަންދޫގައި ކުރިއަށްދިޔަ ކޭމްޕަށްފަހު ރަށަށް ދިޔައިރު، ރަށުގައި ވޮލީގެ ފޯރި އެހާ ގަދައެއް ނޫން. އެހެންވެ, އެކަނި ގޮސްވެސް ޕްރެކްޓިސް ކުރަން" ޝަމާއިލް ބުންޏެވެ.

ޝުޖާ ދިން ފުރުސަތުގައި މާލެ ބަދަލުވީ އިތުރު ވިސްނުމެއް ނެތި

މާވަށުގައި އެކަނި މާއެކަނި ވޮލީ ކޯޓުގައި ހުރެ ފަރިތަކުރަމުން ގެންދިޔަ ޝަމާއިލް، ގެ ހިތްވަރު އެންމެ ފުރަތަމަ ލޮލުގައި އަޅައިގަތީ ހިރިލަންދޫ ސުޖާއުގެ އެވެ. ރާއްޖޭގެ އެކި ލެވަލްގެ ގިނަ މުބާރާތްތަކުގައި ކުޅެފައިވާ ސުޖާއު ވަނީ ޝަމާއިލް އަށް މާލެ ބަދަލުވެ، ވޮލީ އިން ކުރިއަށްދިޔުމުގެ ފުރުސަތު ފަހިކޮށްދީފަ އެވެ. ވިސްނުމެއް ނެތި ޝަމާއިލް އެ ފުރުސަތަށް އާބަސް ބުނީ އެވެ. އޭނާ ހުރީ އެ ފަދަ ކަމަކަށް އެދިއެދި އެވެ. އޭރު ޝަމާއިލް ކިޔަވަމުން ގެންދިޔައީ ގްރޭޑް 10 ގަ އެވެ.

"ވޮލީ ކޯޓުގަ އެކަނި ޕްރެކްޓިސް ކުރަން އެ ދުވަހު ހުރީ. ޝުޖާ އަށް ފެނިގެން އަހައިފި، މާލެ ބަދަލުވާންވީ ނޫންހޭ. އެހީމަ އިތުރަށް ނުވެސް ވިސްނަ ބުނިިން އާއެކޭ. ދެން ގެޔައް އައިސް މަންމަ މެންނާ ވާހަކަ ދައްކާފަ ނިންމީ މާލެ ބަދަލުވާން" ޝަމާއިލް ބުންޏެވެ.

"މާލެ ފުރަތަމަ އައިގޮތައް އައިސްފަ ވެސް ވަންނަން ޖެހުނީ އިންޑޯ އަށް. ވަރަށް އުފަލުން ހުރީ. ކީކޭ ބުނާނީ, ރާއްޖޭގައި ރޯލް މޮޑަލުންނަށް ބަލާ ކުޅުންތެރިން މޯލްޑިވިއަން ސްކޮޑުގައި ތިބީ. އެ އެންމެންވެސް ވަރަށް ސަޕޯޓިވް" ޝަމާއިލް ބުންޏެވެ.

2019 ކެރިއަރުގައި އެންމެ ކާމިޔާބު އަހަރު

މާލެ ބަދަލުވެ, މަދު ދުވަސްކޮޅެއްގެ ތެރޭގައި ޝަމާއިލްގެ ހުނަރު އެންމެން އަށް ވެސް ފާހަގަވި އެވެ. އެއާއެކު ބޮޑެތި ކުލަބްތަކުގެ ހުށަހެޅުން ޝަމާއިލް އަށް ލިބުނެވެ. ފުރަތަމަ މުބާރާތުގައި، އޭރު ވަރުގަދަކޮށް އޮތް، މޯލްޑިވިއަން ޓީމުގެ ބެންޗުން ޝަމާއިލް ފެނުނެވެ. އޭގެ ފަހުން، ދެ ވަނަ މުބާރާތުގައި ސްޕޯޓްސް ކުލަބް ގުޑީސްއާ އެކު ޝަމާއިލް ވަނީ ތަފާތު މޮޅަށް ކުޅެފަ އެވެ. އެއާ އެކު އުމުރުން އެންމެ 16 އަހަރުގައި ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ޝަމާއިލް އަށް ލިބުނެވެ.

މިދިޔަ އަހަރުގެ ވޮލީ ސީޒަންގެ މެޗެއްގެ ތެރެއިން ޝަމާއިލް އާބަންކޯ ޓީމާ އެކު.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ޝަމާއިލް ދެކޭ ގޮތުގައި 2019 ވަނަ އަހަރަކީ މިހާތަނަށް އޭނާގެ ކެރިއަރުގެ އެންމެ ބޮޑު އުސްއައްޔެވެ. އެ އަހަރު ގުޑީސް ސްޕޯޓްސް ކުލަބާ ޕޮލިސް ކުލަބް ބައްދަލުކުރި މެޗުގެ ދެ ވަނަ ސެޓުގައި އަރައި ޝަމާއިލް ދެއްކި ކުޅުމާ އެކު، ގިނަ ކޯޗުންގެ ލޮލުގައި ޝަމާއިލް އަޅައިގަތެވެ. އެ ގޮތުން، 3-2 ސެޓުން ގުޑީސް އެ މެޗު ކާމިޔާބުކުރީ ރާއްޖޭގެ އެންމެ މޮޅު އެއް ސްކޮޑު އޮތް ޕޮލިސް ކުލަބް ބަލިކޮށެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ޝަމާއިލް އެވެ.

އެކަމަކު، ޖެހިގެން އައި އަހަރު ޝަމާއިލް އާ ކުރިމަތިލާން ޖެހުނީ ދުވަހަކުވެސް އޭނާ ކުރިމަތިލާން ބޭނުންނުވި ހާލަތެކެވެ.

އަނިޔާ އާއެކު ކުޅުން ހުއްޓާލަން ނިންމި

އުންމީދީ ބޮޑު އަހަރަކަށް ފަހު، 2020 ވަނަ އަހަރު ޝަމާއިލް ފަށަން ޖެހުނީ، ކެރިއަރުގައި ޖެހުނު "ކޮޅިގަނޑު" އަކާ އެކީ އެވެ. އަތޮޅުތެރޭގައި ކުރިއަށްދިޔަ މުބާރާތެއްގެ ތެރެއިން ކަކުލަށް އަނިޔާވެ، ކުޅުމާ ދުރުގައި ގިނަ ދުވަސްތަކެއް ވަންދެން ހުންނަން ވެސް ޖެހުނެވެ.

"ފުރަތަމަ ހިޔެއް ނުކުރަން ބޮޑު އެންޖަރީ އެއް ކަމަކަށް. ތަންކޮޅެއް ފަރުވާވެސް ކުޑަކޮށްލެވުން. އެކަމަކު، ޑޮކްޓަރަށް ދައްކާ ސާޖަރީ ކުރަން ޖެހޭކަން އެނގުމުން ވަރަށް ދެރަވި."

ސާޖަރީ ކުރަން ބެލިއިރު އަގުބޮޑު ސާޖަރީ އަކަށްވުމުން އެކަން ނުކުރަން ޝަމާއިލް ނިންމި އެވެ. އެކަމަކު, ކޯޗު ކާއްޓޭގެ ބުރަ މަސައްކަތުން އެސޯސިއޭޝަނުން ޝަމާއިލްގެ ސާޖަރީގެ ހަރަދުތައް ބަލަހައްޓަން ނިންމުން އެއީ އޭނާ އަށް ލިބުނު އުފަލެކެވެ.

ޝަމާއިލް މި ފަހަރު ވެސް އޮފީސް މުބާރާތުގައި އެޗްޑީސީ ޓީމުން ފެންނާނެ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

"އަސްލު ސާޖަރީގެ ހަރަދު ބެލިއިރު، ބޮޑު ހަރަދެއްދާކަމެއް ކަން އެނގުން. އެ ހިސާބުން ދެން ނިންމީ ސާޖަރީ ނުކޮށް ކުޅުމާ ދުރަށްދާން. ދެން އޭރު މާލީ ހާލަތުވެސް ތަން ނުދޭތީއާ އެކު. އެކަމަކު ކާއްޓޭ ކޯޗުގެ މަސައްކަތުން އެސޯސިއޭޝަން ތުރޫކޮށް ސާޖަރީގެ ބޮޑު ބައެއް ކަވާ ކުރަން ނިންމި ނިންމުމަކީ ލިބުނު ހިތްވަރެއް." ޝަމާއިލް ބުންޏެވެ.

ހަށިގަނޑަށް ބޮޑު އަނިޔާ އެއްވެ، އެ އަނިޔާތަކުގެ ބައެއް ކަންކަމުން ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކޮށް، ކެރިއަރުން އަހަރެއް ގެއްލޭނެކަން އެނގުމުން ޝަމާއިލް ވަރަށް ބޮޑަށް ނާއުންމީދު ވާން ފެށި އެވެ. ހާއްސަކޮށް ފެންވަރު ރަނގަޅު ބިދޭސީ ގިނަ ކޯޗުންތަކެއް އައިސް އެ ކޯޗުންނާ އެކު، ކެރިއަރުގައި ކުރިއެރުން ހޯދަން މަސައްކަތްކުރުމުގެ ފުރުސަތު ނުލިބުން އެއީ ޝަމާއިލް އަށް އުނދަގޫވި ކަމެކެވެ.

ސާޖަރީ އަށް ފަހުވެސް ޝަމާއިލް ވޭތުކުރަން ޖެހުނީ ހިތްދަތި ދުވަސްތަކެކެވެ. ރިކަވަރީ ދުވަސްވަރު އޭނާ ވަރަށް ބޮޑަށް މެންޓަލީ ދަށްކޮށްލި ދުވަސްވަރެކެވެ. ހާއްސަކޮށް ވޮލީ މެޗެއް ބަލަން ދިޔަ ދުވަސް އެއީ ކެރިޔަރުގައި އެންމެ ހިތްދަތިވި އެއް ދުވަހެވެ.

"ދެން ސާޖަރީ ކޮށްގެން ރިކަވަރީގައި ހުރިއިރު، ދިޔައިން ވޮލީ މެޗެއް ބަލަން. ދެން ކުޅޭ މީހަކަށް މެޗެއް ބަލަން ދާއިރު، ނުކުޅެވޭކަން އެނގުން އެއީ ވަރަށް ހިތްދަތިވާނެ ކަމެއް. އެ ދުވަހަށްފަހު ދެން ނުދަން ރިކަވަރީގައި ހޭދަކުރި ދުވަސްތަކުގައި މެޗެއް ބަލަން ވެސް." ޝަމާއިލް ބުންޏެވެ.

އަނިޔާ އިން ރިކަވާ ވުމަށް ފަހު ޝަމާއިލް ބީޗްވޮލީ ޓީމާ އެކު މުބާރާތެއްގައި.

އަނިޔާއިން ސަލާމަތްވެ, ނުކުތީ ބީޗު ކޯޓަށް

ޝަމާއިލް އަނިޔާއިން ސަލާމަތްވެ, އޭރު ހުރި އިންޑޯ ކޯޗާ ވާހަކަ ދެއްކުމަށްފަހު, ބަދަލުވީ ބީޗް ވޮލީ އަށެވެ. އެއީ ފަސްގަނޑު މަޑުވެ، މީހާ ފިޓްވުމުގެ ބޭނުމުގައި ވެސް މެ އެވެ.

ބީޗް ވޮލީ އަށް ނުކުމެ ބްރެޒިލްގެ ވިނީޝިއުސް އާ އެކު ކުރި މަސައްކަތް ވެގެންދިޔައީ ބީޗަށް ޝަމާއިލްގެ ޝައުގުވެރިކަން ދަމައިގަން ކަމަކަށެވެ.

"ބީޗުގައި އޭރު ހުރި ކޯޗާއެކު, ވަރަށް ބޮޑަށް އަސްލު މީހާ ފިޓްވި. އިންޑޯ ނުކުޅެ ބީޗަށް އެއްކޮށް ބަދަލުވާންވެސް ނިންމިން. އެކަމަކު ކޯޗު ދިޔުމުން އަލުން އެކަން ބަދަލުވީ މި"

އަމާޒަކީ ރާއްޖެ އަށް ރަން މެޑަލް ހޯދައިދިނުން

ރާއްޖޭގެ ބީޗްވޮލީ ޓީމުން ވަނީ ދެ ފަހަރެއްގެ މަތިން ރަން މެޑަލް ހޯދައިފަ އެވެ. އެކަމަކު، އިންޑޯ ވޮލީ އަށް އެންމެ މައްޗަށް ވެސް ހޯދިފައިވަނީ ރިހި މެޑަލް އެވެ.

ގައުމީ ޓީމުގައި މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި މި ވަގުތު ވެސް ހުރި، ޝަމާއިލްގެ މިހާރު އެންމެ ބޮޑު އަމާޒަކީ ސެންޓްރަލް ޒޯން ކަހަލަ ސަރަހައްދުގެ މުބާރާތަކުން ރާއްޖެ އަށް ރަން މެޑަލް އެއް ހޯދަދިނުމެވެ. އަދި އެކުގައި މަސައްކަތް ކުރާ ކުޅުންތެރިންނާ އެކު، އެ ކާމިޔާބު ހޯދޭނެ ކަމާމެދު ޝަމާއިލް ޝައްކެތް ނުކުރެ އެވެ.

އަލަށް ނުކުންނަ ވޮލީ ކުޅުންތެރިންނަށް ޝަމާއިލްގެ މެސެޖެއް އެބައޮތެވެ. އެއީ، އުންމީދެއް އޮވެގެން ކުރިއަށްދާން މަސައްކަތް ކުރާ ކޮންމެ ކަމަކުން ވެސް ކުރިއަރައި ދާނީ އަމިއްލަ މީހާ ގަދަ އަޅާ ކުރާ މަސައްކަތުންކަން ދަތުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox