ޓޫރިސްޓުންގެ އަދަދު އިތުރުވިޔަސް އާމްދަނީ ދަށީ ޑިސްކައުންޓް ދޭތީ: އެޑްވައިޒަރު ހަލީލު

ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު  ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްޕީއާރްސީ

ރައީސްގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު ނޫސްވެރިންނާ ވާހަކަދައްކަވަނީ. ފޮޓޯ: އެމްއެމްޕީއާރްސީ

ރާއްޖެއަށް ޓޫރިސްޓުން އަންނަ އަދަދު އިތުރުވިޔަސް ޓޫރިޒަމްގެ ސިނާއަތުން ލިބޭ އާމްދަނީ ދަށްވަމުން ދަނީ ޓޫރިސްޓުން އަންނަނީ ޑިސްކައުންޓް އަގުތަކެއްގައި ކަމަށްވާތީ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން ( އެމްއެމްޕީއާރުސީ) އިން މިއަދު ބުނެފި އެވެ.

އިންޑިއާއިން ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރުކުރަން އިންޑިއާގައި ހިންގި "ވެލްކަމް އިންޑިއާ" ކެމްޕެއިން ނިންމަވައިލުމަށް ފަހު ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލާއި އެމްއެމްޕީއާރުސީގެ އިސްވެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައިސަލް ވިދާޅުވީ ރާއްޖެއަށް މިއަހަރުގެ މިހައިތަނަށް ރާއްޖެއަށް 1.2 މިލިޔަން ޓޫރިސްޓުން އައިސްފައިވާ ކަމަށެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް ދެ މިލިޔަން ޓޫރިސްޓުން ގެނައުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފަތުވެރިން އަދި އަންނަ އަދަދު އިތުރުވިޔަސް، ރެވެނިއު އެބަ ދަށްވޭ، މިއީ އިންޑަސްޓްރީން ވެސް ދައްކާ ވާހަކައެއް، ދެން އަދި އަޅުގަނޑުމެންނަށް ވެސް މިކަން އޮތީ އައިޑެންޓިފައި ކުރެވިފައި،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެކަން ރަނގަޅުކުރާނީ ކިހިނެތްތޯ ބަލަން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިއަހަރާ އަޅާ ބަލާއިރު އަންނަ އަހަރުގެ ލޯ ސީޒަންގައި ލިބޭ އާާމްދަނީ 15 ނުވަތަ 20 ޕަސެންޓަށް އިތުރުކުރުމަކީ އަމާޒެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އެންމެން އެކަކުގައި މަސައްކަތްކުރީމާ އަޅުގަނޑުމެންނަށް މިކަމުގެ ހައްލު ހޯދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އެމްއެމްޕީއާރްސީގެ ޗެއާމަން އަދި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރު މުހައްމަދު ހަލީލު ވިދާޅުވީ ޓޫރިސްޓް ރޫމަކަށް ދުވާލަކު އެވްރެޖްކޮށް ލިބޭ އާމްދަނީ (އޭޑީއާރް) ބޮޑުކޮށްގެން ކަމަށާއި އެހެން ނޫނީ ޓޫރިސްޓުންގެ އަދަދު އިތުރު ވިޔަސް އާމްދަނީ އިތުރު ނުވާނެ ކަމަށެވެ.

"ނަމްބަރު އޮފް ޕެކްސް ކިތަންމެ ވަރަކަށް އަދި އިތުރުކުރިޔަސް، އަޅުގަނޑުމެން ހެވިލީ ޑިސްކައުންޓްކުރަންޏާ، ރިސޯޓްތައް ފިލްކުރަންޏާ ނޫނީ ގެސްޓްހައުސްތައް ފިލްކުރާ ކަމަށް ވަންޏާ ދައުލަތަށް ލިބޭ އާމްދަނީއެއް އަސްލުގައި ނާންނާނެ،" ހަލީލު ވިދާޅުވި އެވެ.

ޓޫރިސްޓުން އަންނަ އަދަދު އިތުރުވާ އިރު ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބޭ އާމްދަނީ އިތުރުނުވަނީ ކީއްވެތޯ މީހުން ސުވާލުކުރާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"އަސްލު ޓެކްސް އިތުރުނުވާ އެއް ސަބަބަކަށް ވާ ކަމަކީ އަޅުގަނޑުމެން 100 ޑޮލަރަށް ވިއްކި އެތި 80 ޑޮލަރަށް ޑިސްކައުންޓް ކޮށްފައި ވިއްކީމާ، އަދި [ޓޫރިސްޓުންގެ އަދަދު] ފަސް ޕަސެންޓް އިތުރުވިޔަސް، ޓެން ޕަސެންޓް ޑިސްކައުންޓް ކުރީމާ އޭގެ ލިބޭ ޓެކްސް ޕޯޝަން ކުޑަވާނެ ނޫންތޯ،" ހަލީލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދާއި ދައުލަތަށް ލިބޭ އާމްދަނީ އާ ދެމެދު ފަރަގެއް ހުންނަނީ އެހެންވެ ކަމަށާއި އެކަން ހައްލު ކުރުމަށް ޓަކައި އަންނަ މީހުންގެ އަދަދު އިތުރުކޮށް، ޑިމާންޑް އިތުރުކުރަން ޖެހޭ ކަމަށެވެ. އެ މަސައްކަތް އެމްއެމްޕީއާރުސީން ވަރަށް ރަނގަޅަށް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox