ކުޅިވަރު ގާނޫނުގެ އިސްލާހުން މުޅި ރާއްޖޭގެ ޝާމިލުވުން ބޮޑުވާނެ

އިވެންޓެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

އިވެންޓެއްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު

ދެން އަމަލުކުރަން ފަށާ ކުޅިވަރު ގާނޫނުގެ ކަންކަން ފަރުމާ ކުރެވިގެންދާނީ ކުރިއަށް ވުރެ ބޮޑަށް ކުޅިވަރުގެ މަސައްކަތުގައި ވީހާވެސް ބޮޑަށް މުޅި ރާއްޖޭގެ ބައިވެރިވާނެ ގޮތަށް ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.

ކުޅިވަރު ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުގެ މަސައްކަތް ސްޕޯޓްސް މިނިސްޓްރީން ނިންމާލައި، އެޓާނީ ޖެނެރަލް އޮފީހަށް ވަނީ ފޮނުވައިފަ އެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގެ މެޖޯރިޓީ އޮވެގެން 2015 ވަނަ އަހަރު ފާސްކުރި ކުޅިވަރު ގާނޫނު އިސްލާހުކުރުމަކީ، 2018 ގެ އިންތިހާބުގެ ކުރިން އެމްޑީޕީން ވަރަށް ބޮޑަށް ދެއްކި ވާހަކަ އެކެވެ. އެ ކަމަށް، އިޝާރާތް ކުރައްވައި، ކުރީގެ ސްޕޯޓްސް މިނިސްޓަރު އަދި، ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ކުޅިވަރު ގާނޫނަށް އިސްލާހުތަކެއް ގެންނަ ބިލެއް މަޖިލީހަށް ހުށަހަޅުއްވައިފަ އެވެ. އެކަމަކު، އެ އަށް ކުރިއެރުމެއް ނުލިބުނެވެ.

މިދިޔަ މަހު 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހު ޖަލްސާ އަށް ހާޒިރުވެ، ސްޕޯޓްސް މިނިސްޓަރު، ރާފިއު ވަނީ ދެ ދުވަހެއްގެ ތެރޭގައި ކުޅިވަރު ގާނޫނަށް ގެންނަ އިސްލާހުގެ ކަންކަމާ ގުޅޭ ކަރުދާސް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާނެ ކަމަށް ވިދާޅުވެފަ އެވެ.

އެ ގޮތުން، އެ ކަރުދާސް އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވާފައިވާއިރު، "އަދަދު ސްޕޯޓްސް" އަށް މިނިސްޓަރު ރާފިއު ވަނީ ގެންނަން މަސައްކަތްކުރާ އިސްލާހުތަކާ ގުޅޭގޮތުން މައުލޫމާތު ދޭން އިންޓަވިއުއެއް ދެއްވައިފަ އެވެ.

މިނިސްޓަރު ރާފިއު ވިދާޅުވީ، ރާއްޖޭގެ ކުޅިވަރުގެ ތެރެއިން ލާމަރުކަޒީ އޮނިގަނޑެއް އެކުލަވާލައި، އެންމެހާ ރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ގޮތަކަށް ކަންކަން ރާވައި، ހިނގުން މުހިންމު ކަމަށާއި ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން އެކަން ކަށަވަރުކުރަން ހާއްސަ އަހައްމިއްޔަތުކަމެއް ދެވުނު ކަމަށެެވެ.

"އެންމެ ހަގު އުމުރުން ފެށިގެން ކުޅުންތެރިންގެ ހުނަރު ފާހަގަކޮށް ކުރިއަރުވައި ކަންކަން ކުރެވޭނެ މަންހަޖެއްގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ހިންގުން، އެއީ ސްކޫލް ކުޅިވަރު، ކޮލެޖާއި ޔުނިވާސިޓީ ވެސް ލައިގެން، އިންޓަ ސްކޮލާސްޓިކްކޮށް ގެންދިއުމަށް ވިސްނުން ހުރީ،" މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.

"ސްކޫލުން ނިމިގެން ދެން ކެރިއަރު ޕާތުވޭ ޗޫސްކުރާ (ކުރިއަށްދާނެ މަގެއް ކަނޑައަޅާ) ހިސާބުން އެދޭތެރެއިން ފިލްކުރާނެ ގެޕެއް ނެތް، އެބައި ވެސް ހިމެނޭ ގޮތަށް (ކުޅިވަރު ގާނޫނުގެ އިސްލާހު) ނިމޭނީ. ރީޖަނަލް ސްޕޯޓްސް އޮތޯރިޓީ އިތުރުކޮށްފައި، ސްކޫލް ސްޕޯޓްސް އޮތޯރިޓީ އިތުރުކޮށްފައި. އަސްލު ކިޔާނީ، ރީޖަނަލް އިންޓަސްކޮލާސްޓިކް ސްޕޯޓްސް އޮތޯރިޓީ. އެއީ މުޅި ސްޓްރަކްޗާ ހަރުދަނާވާނެ ގޮތަކީ،"

ކުޅިވަރު ގާނޫނުގެ ތެރެއިން މި ކަނޑައަޅާ އޮނިގަނޑަށް ރީޖަންތައް ބެހުމުގައި އަދި ސީދާ ގޮތެއް ނިމިފައި ނެތެވެ. އެކަން ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުން ފާސްކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކުރެވެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، "މި ވަގުތަށް ބެލެވިފައި އޮތީ، ނޯތު، ސެންޓްރަލް ދެން ސައުތު" މި ގޮތަށް ރީޖަން ބެހުމަށެވެ.

ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން، ކުޅިވަރުގެ ވުޒާރާތަކުގެ ތެރޭގައި، ގާނޫނުގައި ވެސް ހިމެނޭ ގޮތަށް މޯލްޑިވްސް ޕެރަލިމްޕިިކް ކޮމިޓީ ހިމެނުމާއި، ކުޅިވަރު އެސޯސިއޭޝަންތައް ފެޑެރޭޝަނަކަށް ހެދުމަށް ފުރުސަތު ދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުުން، ކުޅިވަރު ގާނޫނުގެ ކަންކަން ތަންފީޒުކުރުމާއި ސިޔާސަތު ކަނޑައެޅުމަކީ އިތުރު ބާބެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވަނީ ހިމަނައިފަ އެވެ.

"ކުރީގެ ކުޅިވަރު ގާނޫނުގައި ހުރި ބައެއް ފުށުއަރާ ތަންތަަނަށް ވެސް ބަދަލުގެނެވިފައިވާނެ. ކުޅިވަރާ ބެހޭ މިނިސްޓްރީގެ ނަން ނުގެނެސް ކުޅިވަރާ ބެހޭ ވުޒާރާ ހިމަނާފައިވާނީ، އެއީ، ކޮންމެ ފަހަރަކު މިނިސްޓްރީގެ ނަން މިސާލަކަށް ބަދަލުވިޔަސް ގާނޫނުން އެކަން ކުޅިވަރުގެ ޒިންމާ އޮތް ވުޒާރާ އަށް ރައްދުކުރުމުގެ ގޮތުން،" ރާފިއު ވިދާޅުވި އެވެ.

ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރޭގައި ދެން ހިމަނާފައިވާ ކުޅިވަރާ ބެހޭ މަޖިލީހުގެ ކަންކަމަށް ބަލާއިރު، ކުޅިވަރު ގައުމީ މަޖިލީހުގައި މެމްބަރަކަށް އެންމެ ގިނަ ވެގެން ހުރެވޭނީ ދެ ދައުރު ކަމަށް ވަނީ ލިޔެފަ އެވެ. މީގެ ދެ ދައުރު މާނަ ކުރާ ގޮތެއް ކަނޑައެޅުމުގައި އެޓާނީ ޖެނެރަލްގެ ލަފަޔަކަށް އަހާނެ އެެެވެ. އެއީ، ޖެހިޖެހިގެން ދެ ދައުރުގައި މެމްބަރުކަން ކުރުމަަށް ފަހު، ދެން ބްރޭކެއް ނަގައި (މެދުކެނޑުމަކަށް ފަހު) އަލުން އެ މަގާމަށް އާދެވޭނެތޯ ބެލުމަށެވެ.

މީގެ އިތުރުން، ކުޅިވަރު ގައުމީ މަޖިލީހުގެ މެމްބަރެއްގެ މަގާމު ހުސްވުމުން އެ މަގާމަށް މީހަކު ކަނޑައަޅަން ކުރިން 60 ދުވަސް ލިބުނު ނަމަވެސް އިސްލާހަށް ފަހު ލިބޭނީ 45 ދުވަހެވެ.

މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އެއް ކަމަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ބާރުވެރިކުރުމެވެ. އެ ގޮތުން، ކުޅިވަރު ގާނޫނަށް ގެނެވޭ އިސްލާހުގެ ތެރެއިން، އޮލިމްޕިކް ކޮމިޓީގެ ދައުރު ވެސް އިތުރަށް ފުޅާވާނެ އެވެ.

އޮލިމްޕިކް ކޮމިޓީ އަކީ ހަމައެކަނި ރާއްޖޭން ބޭރުގައި އޮންނަ ގޭމްސްތަކުގެ އިންތިޒާމްތަކާ ބެހޭ، އެ ކަހަލަ ކަންކަމަށް ބޮޑަށް މަސައްކަތްކުރާ ބަަަޔަކަށް ވުރެ، އެސޯސިއޭޝަންތަކާ ގުޅިގެން އެކުއެކީގައި އިތުރު ކަންތައްތައް ގައުމީ ފެންވަރުގައި ވެސް ރާވައި، ހިންގޭނެ ބަޔެއްގެ ގޮތުގައި ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ އެންމެ ބޮޑު އެއް ސަބަބަކީ، އެތުލީޓުން އުފެއްދުމުގެ މުހިންމު ކަމެއް ކަމަށްވާ ގައުމީ ކުޅިވަރު ގޭމްސްއެއް ބޭއްވުމުގެ މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި އޮލިމްޕިކް ކޮމިޓީގެ ބައިވެރިވުމާ އެކު ކުރެވިގެންދިއުން،" ރާފިއު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުޅިވަރު ގާނޫނު އިސްލާހުކުރަން ކުރެވޭ މަސައްކަތުގެ ތެރެއިން، ކުޅިވަރުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދޭ ސްޕޯޓްސް އާބިޓްރޭޝަން ވުޖޫދުކުރުން، ހައި ޕާފޯމަންސް ސެންޓަރުގެ ކަންކަން، ލައިފް އާފްޓާ ސްޕޯޓްސް ފެށުން، ސްޕޯޓްސް މެޑިސިން އާއި އެހެނިހެން ދާއިރާތަކުން މީހުން ބިނާކުރުން ހިމެނެ އެވެ. އަދި ކުޅިވަރު ހިމެނޭ މީހުންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ބާރު އަޅާ ގޮތަށް ކުޅިވަރު ގާނޫނުގެ އިސްލާހުތަކުގެ ތެރޭގައި ކަންތައްތަކެއް ހިމަނާފައިވެ އެެވެ.

ރާއްޖޭގެ އެންޓި ޑޯޕިން އެޖެންސީ، މުސްތަގިއްލުކޮށް، ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްގެ ތެރެއިން ހިންގުމުގެ އިތުރުން، ކުޅިވަރުގެ އިންސާނީ ވަސީލަތްތައް ވަރުގަދަކުރުމަށް، ސްޕޯޓްސް ފަންޑެއް ހިންގުމަކީ، ކުޅިވަރު ގާނޫނަށް ގެންނަން މަސައްކަތްކުރާ އިސްލާހުގެ ތެރޭގައި ހިމެނޭ ބޮޑެތި ކަންކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox