މ. ކޮޅުފުށީގެ އިހުތިސާސް ތެރޭގައި އޮންނަ މ. ދިއްތުނޑީގައި ޓޫރިޒަމް ތަރައްގީކުރާނެ ބަޔަކު ހޯދަން ކައުންސިލުން މިއަދު ހުޅުވާލައިފި އެވެ.
ކޮޅުފުށި ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ 9.79 ހެކްޓަރުގެ ދިއްތުނޑި ރާއްޖެއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ލީޒް އެއްބަސްވުމެއްގެ ދަށުން ދޭނީ ޑިޒައިން، ޑިވެލޮޕްމަންޓް، އޮޕަރޭޝަން އަދި އިންޓަގްރޭޓެޑް ޓޫރިޒަމް ޒޯނެއް ގޮތުގައި ތަރައްގީ ކުރުމަށް ކަމަށެވެ.
"ރަށާ މެދު ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓާވުމަށްފަހު ބިޑު ޑޮކިއުމަންޓްތައް ގަތުމަށްފަހު އޯގަސްޓް، 13 މެންދުރު 11:30 ގެ ކުރިން ސިޓީއެއް މެދުވެރިކޮށް ހުށަހަޅަން ޖެހޭނެ. ރަޖިސްޓްރޭޝަން ސިޓީ Info@kolhufushi.gov.mv ގެ މައިލްއަށް ރިކުއެސްޓް ކުރުމުން ލިބޭނެ،" އެ ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނީ ޝައުގުވެރިވާ ފަރާތްތަކާއެކު އޯގަސްޓް، 14 ގެ މެންދުރު 11:30 ގައި މައުލޫމާތު ދިނުމުގެ ސެޝަނެއް އޮންލައިންކޮށް ބައިވެރިވެވޭނެ ފުރުސަތާއެކު ބާއްވާނެ ކަމަށެވެ.
މީގެ އިތުރުން ބިޑިން ސެޝަން އޮންނާނީ އޯގަސްޓް 22، ގެ މެންދުރު 13:00 ގައި ކަމަށާއި ބިޑުކުރާ ފަރާތްތައް ނުވަތަ ރިޕްރެޒެންޓޭޓިވްއިން ކައުންސިލުން ބުނާ ތަނަކަށް ދާން ޖެހޭނެ ކަމަށް ކައުންސިލުން ބުނެ އެވެ.

ކޮޅުފުއްޓާ އެއް ފަޅެއްގައި އޮންނަ ދިއްތުނޑި މިދިޔަ އަހަރުގެ މާޗު މަހު ވެސް ޓޫރިޒަމަށް ހުޅުވާލި އެވެ. އެ ރަށް ކުރިން އޮތީ ވަރުވާއަށް ވެސް ދޫކުރި އެވެ.












