ނޭޕާލުގައި މިހާރު ކުރިއަށްދާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގައި ރައުންޑް ރޮބިން ބުރުގައި ވަރުގަދަ މެޗުތަކަކަށް ފަހު ރާއްޖެ އަށް މުބާރާތް ނިމިއްޖެ އެވެ.
ކާވާ ވިމެންސް ނޭޝަންސް ލީގުގައި ފަސް ޓީމު ވާދަކުރާއިރު، އެއީ މުބާރާތް ބާއްވާ ގައުމު ނޭޕާލުގެ އިތުރުން ރާއްޖެ. ސްރީ ލަންކާ، އިންޑިއާ އަދި އިރާން އެވެ.
ލީގު ބުރުގެ މެޗުތަކަށް ފަހު، ރާއްޖެ ފިޔަވައި ދެން އޮތް ހަތަރު ޓީމު ވަނީ ސެމީ އަށް ދަތުރުކޮށްފަ އެވެ.
އިންޑިއާ އަތުން 25-06، 25-11 އަދި 25-10 ރާއްޖެ ބަލިވިއިރު، އިރާން އަތުން ބަލިވީ، 25-21، 25-20، 25-16 އިންނެވެ. ތިން ވަަނަ މެޗުގައި ސްރީ ލަންކާ އަތުން 25-22، 25-12 އަދި 25-12 އިން ބަލިވިއިރު، ފަހު މެޗުގައި ނޭޕާލް އަތުން ބަލިވީ، 25-08، 25-19 އަދި 25-18 އިންނެވެ.
މި މުބާރާތަށް ނުކުތްއިރު ވެސް ގައުމީ ޓީމުގެ ކޯޗު، ސޮފްވާން އަހުމަދު ދިން އިންޓަވިއުގައި ފާހަގަކޮށްފައިވަނީ މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ފެންވަރު ރަނގަޅު ކަމަށާއި މި މެޗުތަކުގެ ބޭނުންހިފައިގެން ތައްޔާރުވަނީ، މާލޭގައި ބާއްވަން ނިންމާފައިވާ ކާވާ މުބާރާތަށް ކަމަށެވެ.
ނޭޝަންސް ލީގުގައި ރާއްޖޭން ފުރަތަމަ މެޗުތައް ކުޅެން ޖެހުނީ، ޓީމުގެ މުހިންމު ކުޅުންތެރިން ކަމަށްވާ ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އަދި އައިމިނަތު އަރީޝާ (އަރީ) ނުލަ އެެވެ. އެއީ، އެ ތިން ކުޅުންތެރިން، ބޫޓާނުގައި ބޭއްވި ކާވާ ބީޗްވޮލީބޯޅަ މުބާރާތުގައި ކުޅެން ޖެހުމުންނެވެ.
ރާއްޖޭގެ އުންމީދީ ކުޅުންތެރިޔާ، މާޔާ ހުސެއިން ސޮލާހު، އިންޑިއާ މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާއިރު، ދެ ވަނަ މެޗުގައި، އިރާނާ ކުޅެނިކޮށް، ފައިގެ ކުޑަހުޅަށް އަނިޔާވި އެވެ. އެހެންވެ، ދެން ކުޅުނު މެޗުތައް ގެއްލުނެވެ. މާޔާ ވަނީ މާލޭގައި ދާދި ފަހުން ނިމުނު ކާވާ 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅެފަ އެވެ.












