މިއުނިކް (އޮގަސްޓް 5) - ބަޔާން މިއުނިކް ދޫކޮށް އެހެން ކްލަބަކަށް ބަދަލުވާން ނިންމާފައިނުވާ ކަމަށް ޖަރުމަނުގެ މިޑްފީލްޑަރު، ޔޯސުއާ ކިމިކް ބުނެފި އެވެ.
މި ވަގުތު، ކިމިކް، 29، ބަޔާނާ އެކު ހަދާފައި އޮތް އެއްބަސްވުން އޮތީ، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ބަޔާނުން ކިމިކް ވިއްކާލައިގެން ފައިދާއެއް ހޯދާނަމަ، މި ސީޒަނަށް ނިމުމުން އޭނާ އަށް ރަނގަޅު ޑީލެއް ހޯދަން ޖެހޭނެ އެވެ. ނޫނީ ކުރިއަށް އޮތް ސީޒަން ނިމުމުން ކިމިކް ކްލަބް ބަދަލުކުރާނީ ހިލޭ ޓްރާންސްފާއެއްގަ އެވެ.
އާސެނަލާއި ޕީއެސްޖީ އަދި ބާސެލޯނާ އިން ކިމިކް ގެންދަން މަޝްވަރާތަކެއް ކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެކަމަކު، ރަސްމީ ސިފައެއްގައި ކިމިކް އެއްވެސް ޓީމަކާ އަދި ވާހަކަ ނުދައްކަ އެވެ.
ކިމިކް ބުނީ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ޖެހޭނީ ވަރަށް ވިސްނާފައި ކަމަށާއި ދެން ސޮއިކުރަން ޖެހޭނީ ކެރިއަރުގެ އެންމެ މުހިންމު ކޮންޓްރެކްޓްގައި ކަމަށެވެ.
"ކޮންމެ ކަމެއްގައި ވެސް ރަނގަޅު މަޝްވަރާތަކެއް ކުރުން ނޫނީ ވާހަކަތަކެއް ދެއްކުން މުހިންމު، ހުރިހާ ދޮރެއް ވަނީ ހުޅުވިފައި،" ސްކައިޖާމަނީ އަށް ދިން އިންޓަވިއުއެއްގައި ކިމިކް ބުންޏެވެ.
"ޖުމްލަކޮށް ބަލާއިރު މި ތަނުގައި (ބަޔާންގައި) ވެސް އަހަރެން ހިތްހަމަޖެހޭ. އެއީ އަހަރެންގެ ހުރިހާ ދަރިން ބޮޑުވީ ވެސް މި ތަނުގައި، މިދިޔަ ސީޒަނުގައި މި ޓީމުގެ ފެންވަރު ފެނުނީ އަސްލު ލެވަލްގައެއް ނޫން. ހަމަ އެ ގޮތަށް އަހަރެން ވެސް އަމިއްލަ ނަފްސާ މެދު ވިސްނާއިރު ރަނގަޅެއް ނޫން ޕާފޯމަންސެއް،"
ކިމިކް، ބަޔާނަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭރު ބަޔާންގެ ކޯޗަކީ، މި ވަގުތު މެންޗެސްޓާ ސިޓީއާ ހަވާލުވެހުރި، ސްޕެއިނުގެ ޕެޕް ގާޑިއޯލާ އެވެ. ބަޔާންގެ ހިންގާ ބޯޑަށް ކިމިކް ގަންނަން އެންމެ ބޮޑަށް ބާރު އެޅީ ގާޑިއޯލާ އެެވެ. ޖަރުމަނުގެ ކްލަބް، އާރްބީ ލައިޕްޒިގުގައި ކިމިކް ހުއްޓައި، ބަޔާނުން އޭނާގެ ސޮއި ހޯދީ 10 މިލިއަން ޑޮލަރުގެ ފީ އެއް ދައްކައިފަ އެވެ.
ބަޔާންގެ އާ ކޯޗު ވިންސެންޓް ކޮމްޕެނީ އަށް ކިމިކްގެ މުސްތަގުބަލާ ގުޅޭގޮތުން އަމާޒުވާ ސުވާލުތަކަށް ސީދާ ޖަވާބެއް ނުދެ އެވެ. އެކަމަކު، ކޮމްޕެނީ ވަނީ ކިމިކް މަޑުކުރުވަން ކްލަބުން ބޭނުންވާ ކަމަށް ބުނެފަ އެވެ.
ކިމިކް ވިއްކާލަން ބަޔާނުން ނިންމާނަަމަ، އެ ޑީލް 50 މިލިއަން ޑޮލަރަށް ވުރެ މަތިވާނެ އެވެ.












