ކޯޕަރޭޓް ޓްރެއިނިން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ސީޓީއައި) ގެ ޗީފް އޮޕަރޭޝަންސް އޮފިސާ (ސީއޯއޯ) ގެ މަގާމަށް އަހުމަދު ނަވާޒް ރަޝީދު ހަމަޖައްސައިފި އެވެ.
ސީޓީއައިގައި 2020 އިން ފެށިގެން އިންޑިޕެންޑެންޓް ޓްރެއިނިން ކޯޗެއް ގޮތުގައި ނަވާޒް އުޅެފައިވާއިރު، އެ އިންސްޓިޓިއުޓްއިން ބުނީ އޭނާއަށް ލިބިފައިވާ ތަޖުރިބާގެ އެހީގައި އެތަނަށް ކުރިއެރުންތަކެއް ލިބޭނެ ކަމަށެވެ.
ނަވާޒްގެ އެހީތެރިކަމާއެކު ސީޓީއައި އިން ސްކިލްސް ފާމް ޕްރައިވެޓް ލިމިޓެޑް، މޯލްޑިވްސް ބަޓްލާ އެކަޑަމީ، ޖޮބްޑޮޓްއެމްވީ އަދި ޓެލެންޓްޑޮޓްއެމްވީ އިތުރަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޯޕަރޭޓް ދާއިރާއިން 15 އަހަރުގެ ތަޖުރިބާ ލިބިފައިވާ ނަވާޒް ވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީގެ ޖެނެރަލް މެނޭޖަރުގެ މަގާމު ކުރިން ފުރުއްވާފަ އެވެ.
ނަވާޒް އޭނާގެ އެމްބީއޭ ހާސިލުކުރެއްވީ ބްރިސްޓޮލްގެ ޔުނިވާސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްއިންނެވެ. އެގޮތުން މާކެޓިން އާއި ސޭލްސްގެ ދާއިރާއިން އޭނާއަށް ވަނީ ތައުލީމުގެ އިތުރުން ގިނަ ތަޖުރިބާ ވެސް ހާސިލު ކުރެވިފަ އެވެ.










