ނޭޕާލުގައި މިހާރު ކުރިއަށްދާ، ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ވިމެންސް ވޮލީބޯލް ނޭޝަންސް ލީގުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާ އަތުން 3-0 އިން ބަލިވެއްޖެ އެވެ.
އިންޑިއާ އިން ރާއްޖެ ބަލިކޮށް ޖެހިޖެހިގެން ދެ ވަނަ މޮޅު ހޯދިއިރު، ސެޓުތައް ދިޔައީ، 25-06، 25-11 އަދި 25-10 އިންނެވެ.
މެޗުގައި ރާއްޖޭގެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދައްކައިދީ ގިނަ ޕޮއިންޓްތަކެއް ހޯދައިދިން ކުޅުންތެރިއަކީ، 20 އަހަރުން ދަށުގެ އަންހެން ވޮލީ ޓީމުގައި ތަފާތު ދެއްކި، މާޔާ ހުސެއިން ސޮލާހު އެވެ. މުޅި މެޗަށް ބަލާއިރު، ރާއްޖެ އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކުނީ ދެ ވަނަ ސެޓުގަ އެވެ. އެ ސެޓުގައި، ރާއްޖޭން ވަނީ އެއް ފަހަރު ސްކޯ އެއްވަރުވެސް ކޮށްފަ އެވެ.
އިންޑިއާ އިން މި މުބާރާތުގައި ފުރަތަމަ ދެ މެޗުން، ރާއްޖެ އާއި އިރާން ބަލިކުރިއިރު، އެންމެ ބޮޑު ތަފާތަކަށް ބޭނުންކުރީ އެ ޓީމުގެ އިސްކޮޅުން ދިގު ކުޅުންތެރިންގެ އެވެ.

އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ހަމްރޯކެލްކުޑް
ރާއްޖެ ޓީމުގެ ކޯޗު ސޮފްވާން އަހުމަދު ފާހަގަކުރި ކަމަކީ، ޓީމުގެ އެޓޭކިންގައި ތިބި މުހިންމު ކުޅުންތެރިންތަކެއް ނުލައި ކުޅެން ޖެހުމުގެ މައްސަލަ އެވެ. އެ ގޮތުން، ކާވާ ބީޗް މުބާރާތުގައި ވާދަކުރަން ބޫޓާންގައި ތިބި، ހައްވާ ރާޝިދާ (ހައްވަ) އާއި އައިޝަތު މާޖިދާ (މާޖީ) އަދި އައިމިނަތު އަރީޝާ ނެތުމުގެ އުނިކަމުގެ ވާހަަކަ ސޮފްވާން ހިއްސާކުރި އެވެ.
މީގެ އިތުރުން، ސޮފްވާން ވަނީ ޓީމުގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ޝަހާ ޝާމިން އަށް އިންޑިއާ މެޗުގައި ރަނގަޅު ސްކޯއެއް ނުކުރެވުނީ ކޮންފިޑެންސް އެންމެ ރަނގަޅަށް ނެތުމުން ކަމަށެވެ.
"މެޗުގެ ނަތީޖާއާ ދޭތެރޭ ހިތްހަމަޖެހޭ. އަދި ކުދިންގެ ކުޅުމާ ދޭތެރޭ ވެސް ހިތްހަމަޖެހޭ. ސަބަބަކީ މިއަދު (އިއްޔެ) މި ޓީމުގައި ސްކޯ އިތުރު ކުރަން ބޭނުންވާ ދެ ކުޅުންތެރިން މަދުކޮށް އަޅުގަނޑުމެން މި ކުޅުނީ، އެއީ ޓީމަށް ވަރަށް މުހިންމު ދެ ކުޅުންތެރިން، މާޖިދާ އަދި ހައްވަ، ދެ ކުޅުންތެރިންނަކީ ވެސް ލައިނަޕްގެ ދެ ކުުޅުންތެރިން،" ޕީއެސްއެމް ސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ސޮފްވާން ބުންޏެވެ.
"މިއަދު (އިއްޔެ) ފެނިގެންދާނެ ޓީމުގައި އެންމެ ކުއްޖެއް ގިނަ ޕޮއިންޓްތަކެއް ހޯދާފައި ހުރީ. ޝަހާގެ ނިންމުންތައް އެހާ ރަނގަޅެއް ނުވެ، ދެން، ބޮޑަށް އަޅުގަނޑަށް ފެނުނީ ޝަހާ ކޮންފިޑެންސް ދަށްކަން. އަޅުގަނޑުމެން އިތުރަށް ކުރިއަށް ހުރި މެޗުތައް ރަނގަޅުކުރާނަން،"
އިންޑިއާ ޓީމަކީ ވަރަށް އިސްކޮޅުން ދިގު ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށާއި ބޮޑު ކުރިއެރުމެއް ފެނުނީ ފުރަތަމަ ޕާސް ރަނގަޅުވުން ކަމަށް ސޮފްވާން ފާހަގަކުރި އެވެ. އަދި ސާވިސް ރިސީވިން ފެނުނީ ވަރަށް ރަނގަޅަށް ކަމަށާއި، ދެން އޮތް މެޗުތަކުގައި ބޭނުންވަނީ ކުޅުންތެރިންނަށް އިތުރު ކޮންފިޑެންސެއް ދީގެން ކުޅުން ރަނގަޅުކުރުމަށް ކަމަށާއި ހާއްސަކޮށް ޝަހާ އަށް އެ ކަމުގައި އެހީތެރިވެދޭން މަސައްކަތްކުރާނެ ކަމަށް ސޮފްވާން ބުނެފައިވެ އެވެ.
ރާއްޖޭން ކާވާ ވިމެންސް ނޭޝަންސް ލީގުގައި ކުޅޭ ދެ ވަނަ މެޗުގައި މިއަދު އިރާނާ ބައްދަލުކުރާނެ އެވެ. މި މެޗުގައި، ހައްވަ އާއި މާޖިދާ އަށް ކުޅެވޭނެ އެވެ. އެއީ، ކާވާ ބީޗް މުބާރާތުން އެ ޕެއާ ވަނީ ގްރޫޕް ސްޓޭޖުން ކަޓައިފަ އެވެ. އެކަމަކު، އަރީޝާ އާއި ފާތިމަތު ޒީނިޔާގެ ޕެއާ ސެމީ ފައިނަލަށް ދަތުރުކޮށްފައިވާތީ، އަރީޝާ އަށް ދެ ވަނަ މެޗު ވެސް ގެއްލޭނެ އެވެ.
ކާވާ ވިމެންސް ނޭޝަންސް ލީގުގައި ފަސް ޓީމު ވާދަކުރާއިރު، ދެން ހިމެނެނީ ސްރީ ލަންކާ އާއި މުބާރާތް ހޯސްޓްކުރާ ނޭޕާލް އެވެ. ސެމީ އަށް ދާނީ، އެންމެ ރޭންކިން ރަނގަޅު ހަތަރު ޓީމެވެ.












