ޕެރިސް (ޖުލައި 30) - މެންޗެސްޓާ ސިޓީގައި އޭނާގެ މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ މިހާރު ކުރިއަށްދާ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓަށް ފަހު ކަމަށް، އާޖެންޓީނާގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް ބުނެފި އެެވެ.
އަލްވަރޭޒް، 24، އަށް ސިޓީން މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އާ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، އޭނާ އެ ޑީލަށް އެއްބަހެއްނުވި އެވެ. އެއީ، މިހާރު، ހަދާފައި އޮތް ޑީލަށް އިތުރު އެއް އަހަރު ހިމަނައި، މުސާރަ ބޮޑުކޮށްފަ އެެވެ. އެކަމަކު، 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަދަން އުޅުނު އެ ޑީލް ކުރިއަކަށް ނުދިޔަ އެވެ.
މިދިޔަ އަހަރުގެ މާޗް މަހު އަލްވަރޭޒް ސޮއިކުރި، ކޮންޓްރެކްޓް، 2028، ޖޫންގެ ނިޔަލަށް ހަމަވާނެ އެވެ.
މުސްތަގުބަލާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެމުން އަލްވަރޭޒް ބުނީ، މި ވަގުުތު ފޯކަސް ހުރީ އޮލިމްޕިކްސްގައި ރަނގަޅު ނަތީޖާއެއް ނެރުމަށް ކަމަށެވެ.
"ވަރަށް ގިނަ ވާހަކަ އެބަދެކެވޭ. އަހަރެން މި ވަގުތު މި ވިސްނަނީ މި ޓޯނަމަންޓަށް (އޮލިމްޕިކްސް އަށް)، މިއީ ކުރު މުބާރާތެއް. މެންޗެސްޓާ ސިޓީގައި ވެސް އަހަރެން މި ހުރީ ހިތްހަމަޖެހިގެން، ކުޅެން ފުރުސަތު ވެސް ލިބޭ،" އަލްވަރޭޒް ބުންޏެވެ.
"ގޮތެއް ނިންމާނީ މި ގޭމްސް އަށް ފަހު، އަހަރެން ދުވަސްކޮޅެއްގެ ޗުއްޓީ އެއް ނަގާނަން. ދެން ވަރަށް ރަނގަޅަށް މި ހުރި ކަންކަމަށް ވިސްނާނަން،"
ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑުން އަންނަނީ އަލްވަރޭޒްގެ ސޮއިހޯދަން މަސައްކަތް ކުރަމުންނެވެ.
އާޖެންޓީނާގެ ރިވަޕްލޭޓް ދޫކޮށް، ޖުމްލަ އެކު، 25 މިލިއަން ޑޮލަރަށް އަލްވަރޭޒް، ސިޓީ އަށް ބަދަލުވީ، 2022 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެ ޑީލް އޮތީ، އެ އަހަރުގެ ޖެނުއަރީގައި ވެސް އެއްބަސްވެފަ އެވެ. ސިޓީން ބޭނުންވީ، އަލްވަރޭޒް، ވެސް އެދޭތީ، ރިވަޕްލޭޓާ އެކު ސީޒަން ނިންމާފައި ސިޓީ އަށް ބަދަލުވުމަށެެވެ. އަލްވަރޭޒް ވަނީ ސިޓީއާ އެކު، ޕްރިމިއާ ލީގު ދެ ފަހަރު، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އަލްވަރޭޒް ކްލަބް ބަދަލުކުރަން ބޭނުންވާ އެއް ސަބަބަކީ، ބޮޑެތި މެޗުތަކުގައި ކުޅެވޭ ވަގުތު އިތުރު ކުރުުމުގެ ގޮތުންނެވެ. ސިޓީން ބޮޑެތި މެޗުތަކުގައި، އެއް ވަނަ ފޯވާޑަކަށް ބޭނުންކުރަނީ ނޯވޭގެ ފޯވާޑް، އާލިން ބްރައުޓް ހާލަންޑް ކަމަށްވާއިރު، އަލްވަރޭޒަށް ލިބެނީ، މެޗު ފަށައިގެން ކުޅެން ނިސްބަތުން މަދު މިނިޓެވެ.












