ލަންޑަން (ޖުލައި 27) - ޕީއެސްޖީ އަށް ކުޅެމުން އަންނަ ސްޕެއިން ގައުމީ ޓީމުގެ މިޑްފީލްޑަރު، ފަބިއަން ރުއިޒްގެ ސޮއި ހޯދަން އާސެނަލުން މަޝްވަރާތައް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބޮލޯނިއާ އަށް ކުޅެމުން އަންނަ އިޓަލީ ގައުމީ ޓީމުގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ، 50 މިލިއަން ޑޮލަރުގެ ޑީލެއްގައި އާސެނަލަށް ސޮއިކުރަން އެއްބަސްވެފައިވާއިރު، އާސެނަލުން އަންނަނީ އެހެން ކުޅުންތެރިންގެ ސޮއި ހޯދަން ވެސް ވާހަކަ ދައްކަމުންނެވެ.
އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާާރާތުގެ ޗެމްޕިއަންކަން، ސްޕެއިނަށް ހޯދައިދޭން މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ފަބިއަން ރުއިޒް އެވެ.
ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭގެ ޓީމުން، ފަބިއަން ރުއިޒް އަށް ޖާގަ ލިބެނީ ގިނައިން ކަޕް މެޗުތަކުގަ އެވެ. ފްރެންޗް ލީގުގައި މިދިޔަ ސީޒަނުގައި ފަބިއަން ރުއިޒް ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ 14 މެޗުގަ އެވެ. ސީޒަނުގެ ހުރިހާ މުބާރާތެއްގައި ފަބިއަން ރުއިޒް ވަނީ ހަތް ގޯލު ޖަހައި، ތިން ލަނޑު ޖަހަން ފުރުސަތު ތަނަަވަސްކޮށްދީފަ އެވެ. އޭގެއިން ގިނަ ލަނޑުތައް ފެނުނީ، ފްރެންްްޗް ކަޕްގެ މެޗުތަކުގަ އެވެ.
ޔޫރޯގެ ތަށި އުފުލާލިއިރު، ސްޕެއިނުން ވަނީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެފަ އެވެ. އެ ހުރިހާ މެޗެއްގައި ވެސް ފަބިއަން ރުއިޒް ކުޅުނުއިރު، ދެ ގޯލު ޖަހައި، ދެ ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. ޔޫރޯގައި ހުރި ފޯމު ކްލަބް ފުޓްބޯޅަ އަށް ގެންނަން ފަބިއަން ރުއިޒް ބޭނުންވަނީ އެހެން ކްލަބަކާ ގުޅޭށެވެ.
އެ ގޮތުން، ޕީއެސްޖީން ބެންފީކާ އަށް ކުޅޭ ޖޮއާއޯ ނެވޭސް ގަންނަން 70 މިލިއަން ޑޮލަރު ހަރަދުކުރާއިރު، އެ ޓްރާންސްފާ އަށް ފަންޑް ހޯދަން އާސެނަލަށް 40 މިލިއަން ޑޮލަރަށް ފަބިއަން ރުއިޒް ވިއްކާލުމުގެ ފުރުސަތު އެބައޮތެވެ. އާސެނަލުން އަންނަނީ ފަބިއަން ރުއިޒް ގަންނަން ފަންޑް ހޯދުމުގެ ގޮތުން، އެ ޓީމަށް ކުޅޭ އެމީލް ސްމިތު ރޯވް، 40 މިލިއަން ޑޮލަަރަށް ފުލަމް އަށް ވިއްކާލަން ތައްޔާރުވަމުންނެވެ.
ރެއާލް ބެޓިސްގައި ކުރިން ހުރި ފަބިއަން ރުއިޒް، ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތީ، 2018-2022 އަށް ނަޕޯލީ އަށް ކުޅުނުއިރު އެވެ. ނަޕޯލީން ފަބިއަން ރުއިޒް ގަތީ 30 މިލިއަން ޑޮލަރަށެވެ. މީގެ ދެ އަހަރު ކުރިން، ފަބިއަން ރުއިޒްގެ ސޮއި ހޯދަން ޕީއެސްޖީން ވަނީ ނަޕޯލީ އަށް 22 މިލިއަން ޑޮލަރު ދައްކައިފަ އެވެ.












