ލަންޑަން (ޖުލައި 26) - މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަށް އިންގްލެންޑް ގައުމީ ޓީމުގެ ކޯޗުގެ މަގާމު ހުށަހަޅަން އޮފާއެއް ދިނުމާ މެދު އިނގިރޭސި އެފްއޭ އިން މަޝްވަރާކުރަމުން އަންނަ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި ސިޓީ އަށް އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބު ކޮށްދިނުމަށް ފަހު، ދިން އިންޓަވިއުއެއްގައި ގާޑިއޯލާ ވަނީ އަންނަ ސީޒަނަށް ފަހު، ސިޓީގެ ކޯޗުކަން ދޫކޮށްލަފާނެ ފަދަ މޭރުމަކުން ވާހަކަ ދައްކައިފަ އެވެ. ސިޓީއާ އެކު، އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ގާޑިއޯލާ، އާ އެކު، އެއްބަސްވުން އާ ކުރަން ސިޓީން ކުރާ މަސައްކަތުގައި އަދި އޮތީ އެއްބަސްނުވެވި އެވެ.
މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުން ސްޕެއިން އަތުން އިންގްލެންޑް ބަލިވިއިރު، އިންގްލެންޑް މި ވަނީ ޖެހިޖެހިގެން ދެ ޔޫރޯގެ ފައިނަލުން ބަލިވެފަ އެވެ. މިއާ އެކު، އަށް އަހަރު އިންގްލެންޑް ކޯޗަށް ހުރި ގަރެތު ސައުތުގޭޓް ވަނީ އަމިއްލަ އަށް އިސްތިއުފާދީފަ އެވެ. އިންގްލެންޑްގެ އާ ކޯޗެއް ކަނޑައެޅުމުގެ މަސައްކަތް އިނގިރޭސި އެފްއޭ އިން ކުރަމުން އަންނައިރު، ގިނަ ކޯޗުންގެ ނަންތަކެއް އަންނަނީ މަޝްވަރާ ކުރަމުންނެވެ.
އެ ގޮތުން، ގާޑިއޯލާގެ ނަން ވެސް އިނގިރޭސި އެފްއޭގެ ބޯޑު މެމްބަރަކު ވަނީ ހުށަހަޅައިފަ އެވެ. އެއީ، އަންނަ ސީޒަނުގެ ނިޔަލަށް ސިޓީގައި ގާޑިއޯލާ މަޑުކޮށްފައި، އެ ކޮންޓްރެކްޓް ނިންމާލުމަށް ފަހު، އިންގްލެންޑާ ހަވާލުވާ ގޮތަށް އޮފާއެއް ހުށަހެޅުމަށެވެ. އެ ގޮތުން، ގާޑިއޯލާ އެ ގޮތަށް ރުހޭނަމަ، އިންގްލެންޑްގެ ކޯޗުކަން ވަގުތީ ގޮތުން، ލީ ކާސްލީއާ ހަވާލުކުރުމަށް ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.
ގާޑިއޯލާ، މި އަަހަރުގެ ކުރީކޮޅުގައި ދިން އިންޓަވިއުއެއްގައި ވަނީ، ގައުމީ ޓީމަށް ކޯޗުކޮށްދިނުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށް ބުނެފަ އެވެ. އެ ގޮތުން، ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ނޫނީ ފީފާ ވޯލްޑް ކަޕެއްގައި ކޯޗުކޮށްދިނުމުގައި ކެރިއަރުގައި ކުރަން ބޭނުންވާ ކަމެއްގެ ގޮތުގައި ގާޑިއޯލާ އެ އިންޓަވިއުގައި ވަނީ ފާހަގަކޮށްފަ އެވެ.












