ލިލީ އިންޓަނޭޝަނަލްއިން އިންތިޒާމުކޮށްގެން ޖިފާޑުން މެދުއިރުމަތި އަދި އުތުރު އެފްރިކާއަށް ކަނޑައަޅާފައި ހުރި ބްރޭންޑް އެމްބެސެޑާ މެލޮރީ ލީ ރާއްޖެ ގެނެސް ވޯކްޝޮޕެއް ފަށައިފި އެވެ.
ހުޅުމާލޭ ވޯޓާސް އެޖްގައި ކުރިއަށްދާ އެ ވޯކްޝޮޕްގައި 50 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެ އެވެ. ވޯކްޝޮޕް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ހަވީރު 05:00 ޖަހަންދެންނެވެ.
ފުޑް އެންޑް ބެވެރެޖް ދާއިރާގައި 10 އަހަރު ހިދުމަތްކޮށްފައިވާ މެލޮރީ ދަނީ ވޯކްޝޮޕްގެ ބައިވެރިންނަށް ޖިފާޑް ބްރޭންޑާއި ގުޅޭ ގޮތުން މައުލޫމާތުދީ، އެކި ހުނަރުތައް ދަސްކޮށްދީ، ތަޖުރިބާތައް ހިއްސާކުރަމުންނެވެ.
އެގޮތުން ޖިފާޑުން އުފައްދާފައިވާ ސިރަޕްތަކުން އެކި ބުއިންތައް ހަދާނެ ގޮތް ވެސް އެ ވޯކްޝޮޕް ތެރެއިން ބައިވެރިންނަށް ދަނީ ކިޔައިދެމުންނެވެ.

ޖިފާޑުން ކުރިއަށްގެންދާ ވޯކްޝޮޕްގެ ތެރެއިން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
ޖިފާޑްއަކީ 1885 ގައި ވުޖޫދަށް އައި އާއިލީ ވިޔަފާރިއެކެވެ. އެ ކުންފުނިން ވަނީ ފާއިތުވި 135 އަހަރު ތެރޭގައި ބޮޑެތި ކުރިއެރުންތައް ހޯދައި، ތަފާތު ސިރަޕްތައް 110 އަށްވުރެ ގިނަ ގައުމަށް ވިއްކަމުންނެވެ.
އެ ކުންފުނިން ހިންގާ ހަމައެކަނި ފެކްޓްރީ ހުންނަނީ ފްރާންސްގެ ލޮއިރް ވެލީގަ އެވެ. އެއީ އެ ކުންފުނިން އުފައްދާ ސިރަޕްތަކުގައި އެއް ރަހައެއް އަދި އެއް މިންގަނޑެއް ދެމެހެއްޓުމަށް ކުރާ ކަމެކެވެ.
ލިލީ އިންޓަނޭޝަނަލްއިން ވަނީ މީގެ ކުރިން ވެސް ޔޫރަޕްގެ އެކި އުފެއްދުންތަކާ ގުޅޭ މީހުން ރާއްޖެ ގެނެސް ވޯކްޝޮޕްތައް ހިންގާފައިވެ އެވެ.











