ފްރާންސްގެ ޕެރިހުގައި ބާއްވާ މި ފަހަރުގެ އޮލިމްޕިކްސް އަކީ ރާއްޖެ އަށް ވަރަށް މުހިންމު ގޭމްސްއެއް ކަމަށާއި ރާއްޖޭން މި މުބާރާތުގައި ފަހުރުވެރިވާންޖެހޭ ސަބަބުތައް ވަރަށް ގިނަ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މި ގޮތަށް ވިދާޅުވީ، ޕެރިސް އޮލިމްޕިކްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާނެ އެތުލީޓުން އިއުލާނުކުރަން ރައީސް އޮފީހުގައި ބޭއްވި އިވެންޓްގައި ދެއްކެވި ވާހަކައިގަ އެވެ.
މިއީ، ރާއްޖޭގެ ކުޅިވަރު ތާރީހުގައި ވެސް އޮލިމްޕިކްސް އަށް އެންމެ ގިނަ ކުޅިވަރުގެ ބައިވެރިވުމާ އެކު، ބޮޑު ކޮންޓިންޖެންޓެއް ދާނެ ފަހަރެވެ. އެ ގޮތުން ފުރަތަމަ ފަހަރަށް މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރާނެ އެވެ. އެއީ، ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިސް އެވެ.
މި ފަަހަރުގެ އޮލިމްޕިކްސްގައި ޓޭބަލް ޓެނިހުން ފާތިމަތު ދީމާ އަލީ ވާދަކުރާއިރު، ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާ އެވެ. އެތުލެޓިކްސް އިން އިބާދުﷲ އާދަމް ވާދަކުރާއިރު، ސްވިމިން އިން ވާދަކުރަނީ، މުހައްމަދު އާން ހުސައިން އާއި ޢާއިޝަތު އުލްޔާ ޝާއިގް އެވެ.
މީގެ ތެރެއިން ދީމާ އަކީ ކޮލިފައިވެގެން އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ އެތުލީޓެވެ. ދެން ތިބި ހަތަރު އެތުލީޓުންނަކީ ޓްރައިޕާޓައިޓް އިންވިޓޭޝަނަލް ފުރުސަތަށް ހޮވޭ ވަރަށް ރޭންކް ކުރެވިފަައިވާ އެތުލީޓުންނެެވެ.

އޮލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންގެ ތެރެއިން ދިދަ އުފުލާނެ ދެ އެތުލީޓުން ކަމަށްވާ ދީމާ އާއި އިބާދުﷲ، ރައީސުލްޖުމްހޫރިއްޔާ، ޑރ، މުހައްމަދު މުއިއްޒު އާއި ސްޕޯޓްސް މިނިސްޓަރު ރާފިއު އަދި އޮލިމްޕިކް ކޮމިޓީގެ ރައީސް، ސައްތާރުއާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ / އިސްމާއިލް ތޯރިގު
ދިދަ ހަވާލުކުރުމުގެ އިވެންޓްގައި ވާހަކަ ދައްކަވަމުން، މިނިސްޓަރު ރާފިއު ވަނީ ކޮންމެ އެތުލީޓެއްގެ ވެސް ހާއްސަ ކަމެއް ފާހަގަކުރައްވައިފަ އެވެ.
މިނިސްޓަރު ވިދާޅުވީ، އޮލިމްޕިކްސްގައި ރާއްޖޭގެ ބެޑްމިންޓަންގައި ބައިވެރިވާ ނަބާ އަކީ ދެ ވަނަ ފަހަރަށް ޓްރައިޕާޓައިޓް އިންވިޓޭޝަންގެ ގޮތުން ރާއްޖެ ތަމްސީލްކުރާ (ބެޑްމިންޓަން) ފުރަތަމަ އެތުލީޓު ކަމަށެވެ. އެތުލެޓިކްސް އިން ރާއްޖެ ތަމްސީލުކުރާ އިބާދުﷲ އަކީ އަނިޔާގެ ސަބަބުން މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ބައިވެރިނުވެވުނު ނަމަވެސް ރިހެބިލިޓޭޝަން ޕްރޮގްރާމްގެ ދަށުން އިންޖަރީން ރިކަވާވެ، އިތުރު ހިތްވަރާ އެކު މަސައްކަތްކުރުމުގެ ސަބަބުން، މި ފަހަރުގެ އޮލިމްޕިކްސްއާ ހަމައަށް ދަތުރުކުރި އެތުލީޓެއް ކަމަށެވެ.
ސްވިމިން އިން ބައިވެރިވާ އެއް އެތުލީޓު، އާން އަކީ ދެކޮނޑުގެ އޮޕަރޭޝަނެއް ކުރުމަށް ފަހު، ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަަމަކޮށް، އެ ކަމަށްޓަކައި ކުރަންޖެހޭ ރިހެބިލިޓޭޝަންގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސް ސްވިމިން އިން އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލްކުރާ އެތުލީޓަކަށް ހޮވުނު ފަރާތެއްކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އޮލިމްޕިކްސްގައި ވާދަކުރާ ސްވިމިންގެ އަންހެން އެތުލީޓު، އުލްޔާ ވަނީ ފާއިތުވި އެއް މަސް ތެރޭ ދެ ފަހަރަށް 50 މީޓަރު ފްރީ ސްޓައިލްގެ ގައުމީ ރެކޯޑް އާ ކޮށްފައިކަން މިނިސްޓަރު ވިދާޅުވު އެވެ.

މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ އިވެންޓްގެ ތެރެއިން މިނިސްޓަރު ރާފިއު ވާހަަކަ ދައްކަވަނީ.--- ފޮޓޯ: ރައީސް އޮފީސް
މީގެ އިތުރުން، ދެން ބައިވެރިވާ، ރާއްޖޭގެ އެތުލީޓު، ދީމާ އަކީ، މާ ބޮޑު ތައާރަފެއް ނުދިނަސް، ދިވެހި ހުރިހާ ރައްޔިތުން އެ އެތުލީޓަކާ މެދު ފަހުރުވެރިވާ އެތުލީޓެއް ކަމަށް ރާފިއު ވިދާޅުވި އެވެ.
"މި ހުރިހާ އެތުލީޓުންނަކީ އަޅުގަނޑުމެންނަށް އެކްޒާމްޕަލް (މިސާލެއް)، އެތުލީޓެއްގެ ސިފަ ހުންނަންޖެހޭ ބައެއްކަން ދެން ތިބި އެތުލީޓުންނަށް ދައްކާފައިވާ އެތުލީޓުން. މާނަ އަކީ ކުޅިވަރު ކުޅޭއިރު އިންޖަރީ ވެސް ވެދާނެ. އެހެން ނަމަވެސް އެ އަޒުމު ނުގުޑާ އެ އަށް ވުރެ ވަރުގަދަ އަޒުމެއްގައި އަނެއްކާ ވެސް އެނބުރި އައިސް. ކުރިއަށް ވުރެ ރަނގަޅަށް ފަރިތަކުރުންތަކުގައި ބައިވެރިވެ ކުރިއަށް ވުރެ ރަނގަޅަށް ޕާފޯމްކޮށް ދިވެހިރާއްޖެ ތަމްސީލްކުރާ ވަރަށް ކުޅިވަރުތަކުން އެކަން ހާސިލްކޮށްފައިވާ އެތުލީޓުން،" ރާފިއު ވިދާޅުވި އެވެ.
ގައުމީ ޖޯޒީގެ މޭމަތީގައި ދިވެހި ދިދަ ހުރުމުން، ދޭހަވާ ކަމަކީ އެއީ، ރާއްޖެ ތަމްސީލްކުރާނެ އެތުލީޓެއްކަން ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެހެން ގައުމުތަކާ ކުޅެން ދާއިރުގައި، އަޅުގަނޑުމެންގެ އަޒުމާއި އަޅުގަނޑުމެންގެ ހިތްވަރާއި ފެންވަރު ދައްކަން ޖެހެނީ ގައުމުގެ ދިފާއުގައި. މާނަ އަކީ، ދެވެން އޮތް އެންމެ މެކްސިމަމް، ސަތޭކަ ޕަސެންޓް ދީގެން އަޅުގަނޑުމެން ކުޅޭ ކުޅިވަރު ކުޅެންވާނީ،" ރާފިއު ވިދާޅުވި އެެވެ.
ރައީސުލްޖުމްހޫރިއްޔާ، ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދާ އެކު، ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ލޯންގް ޓާމް އެތުލީޓު ޑިވެލޮޕްމަންޓް ޕްލޭނެއްގެ ތެރެއިން، ކުޅިވަރު އިތުރު ހަރުފަތަކަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އެ ގޮތުން، ހައި ޕާފޯމަންސް ސެންޓަރެއް ގާއިމްކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް މިނިސްޓަރު ރާފިއު ވިދާޅުވި އެވެ.












