ރައީސުލްޖުމްހޫރިއްޔާ އާއި ސަރުކާރުގެ އިސް އޮފިޝަލުން މިހާރު ހުރި މާލީ ގޮންޖެހުންތައް ހައްލުކުރުމަށް ފައިސާ ޗާޕުކުރުމަކީ ފަސޭހަ ކަމެއް ކަމަށާއި އެކަން އެގޮތަށް ނުކުރައްވާނެ ކަމަށް ކެނޑިނޭޅި ގެންދަވަނީ ވިދާޅުވަމުންނެވެ. ކޮންމެ ޕޯޑިއަމެއްގައި ވެސް އެއީ ތަކުރާރު ކުރައްވާ ވާހަކަ އެކެވެ.
ފައިސާ ޗާޕު ކުރުމަކީ ސަރުކާރުން އެ ވިދާޅުވާހާ ފަސޭހަކޮށް އޮންނަ ކަމެއްތޯ އެވެ. ސަރުކާރުން ބޭނުންވީމާ އެކަން ކުރުމަށް މާލިއްޔަތާ ގުޅޭ ގާނޫނުތައް ތަންދޭތޯ އެވެ.
ކޮވިޑްގެ ދުވަސްވަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޕަބްލިކް ބޭންކް އެކައުންޓުން އޯވަޑްރޯކޮށްގެން ނުވަތަ ސެކިއުރިޓީއެއް ވިއްކައިގެން މަރުކަޒީ ބޭންކުން ފައިސާ ހޯދުން ނުވަތަ "ފައިސާ ޗާޕުކޮށްގެން" ސަރުކާރަށް ބޭނުންވާ ފައިސާ ހޯދާފައިވެ އެވެ.
މިއީ އެ ސަރުކާރުން ފަސޭހަކޮށްލަން ނިންމި ނިންމުމެއް ނޫނެވެ. މުޅި ދުނިޔެއަށް ކުރިމަތިވި އޭރު ވެކްސިނެއް ވެސް ހޯދިފައި ނުވާ ބަލިމަޑުކަމާއެކު ދަތުރުފަތުރު ހުއްޓި ބޯޑަރުތައް ބަންދުކޮށް ގައުމަށް އާމްދަނީ ވަންނަމުންދިޔަ ހުރިހާ ދޮރެއް ޓަސް ކިޔާފައި ބަންދުކުރަން ޖެހުނެވެ. އެއީ އެ ބޮޑު އިގުތިސޯދީ ތަދުމަޑުކަމުން އަރައިގަތުމަށް އަޅަން ޖެހުނު ފިޔަވަޅެއް ކަމުގައި އޭރުގެ ސަރުކާރުން ގަބޫލުކުރެ އެވެ. އަދިވެސް, އޭރުގެ ވެރިން ވިދާޅުވަނީ އެހެންނެވެ.
އެކަން ކުރީ ރައްޔިތުންގެ މަޖިލީހުން ނަގަން ޖެހޭ ހުއްދަ ނަގައިގެންނެވެ. ވަކި ހުދޫދެއްގެ ތެރެއިންނެވެ. ހަމަ ހިތު ހުރި ވަރަކަށް ޗާޕު ކުރީއެއް ނޫނެވެ. ޕަބްލިކް ބޭންކް އެކައުންޓް (ޕީބީއޭ) އިން ވަކި ލިމިޓެއްގެ ތެރޭގައި އޯވާޑްރޯ ކުރި އަދަދު ތިން ފަހަރެއްގެ މަތިން ސެކިއުރިޓައިޒްކޮށްފައިވެ އެވެ.
ކޮވިޑުން ފެށުނު 2020 އިން ފެށިގެން ގުނި ހަތަރު ހަތަރު ޖުމުލަ އަށް ބިލިއަން ރުފިޔާ ޗާޕު ކުރި އެވެ. މިކަން ކޮށްފައިވަނީ ހަރަދަށް ޒިންމާވުމުގެ ގާނޫނުން ކަނޑައަޅާފައިވާ އިސްތިސްނާތަކުގެ ދަށުންނެވެ.
ގާނޫނުގައި އޮތް ގޮތް
އާންމު ހާލަތުގައި ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން އޯވަޑްރޯ ކުރެވެނީ ތިން މަހުން އަނބުރާ ދައްކާ ގޮތަށް ގާތްގަނޑަކަށް 270 މިލިއަން ރުފިޔާއާ ހަމައަށެވެ. އަދި މިހާރު ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ފިސްކަލް ޒިންމާގެ ބިލުގައި މަރުކަޒީ ބޭންކުން އޯވަޑްރޯ ކުރުމަށް ކަނޑައަޅާފައިވަނީ ތިން މަހުން އަނބުރާ ދައްކާ ގޮތަށް ގާތްގަނޑަކަށް 700 މިލިއަން ރުފިޔާގެ ލިމިޓެކެވެ.
ނަމަވެސް, އާދަޔާ ހިލާފު ބޮޑު އިގުތިސޯދީ ރިސެޝަނެއް ނުވަތަ އާބާދީގެ ބޮޑު ބަޔަކަށް އަސަރުކުރާ ގުދުރަތީ ކާރިސާއެއް ކުރިމަތިވާ ދަނޑިވަޅެއްގައި ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ހަމަތަކުން އިސްތިސްނާކުރުމުގެ އިހުތިޔާރު އެ ގާނޫނު ފޯރުކޮށްދެ އެވެ.
މިފަދަ އިސްތިސްނާއެއްގެ ދަށުން ގާނޫނީ މިންގަނޑަށްވުރެ ބޮޑުކޮށް ނުވަތަ ދިގު މުއްދަތަކަށްވެސް އޯވަޑްރޯ ކުރުމަށް ފުރުސަތު ލިބެ އެވެ. ނަމަވެސް, މިކަން ކުރެވެނީ ގާނޫނުގައި ބަޔާންކޮށްފައިވާ އިސްތިސްނާ ދެ ހާލަތުން ކުރެ ހާލަތެއް ކުރިމަތިވުމުންނެވެ. އެއީ;
- ރާއްޖޭގެ އާބާދީގެ 15 ޕަސެންޓު މީހުންނަށް އޭގެ ސަބަބުން ގެއްލުން ލިބޭ ގުދުރަތީ ކާރިސާއެއް ކުރިމަތިވުމާއި، (2) އިޤްތިސާދީ ބޮޑު ހީނަރުކަމެއް ކުރިމަތިވުމެވެ.
އާބާދީގެ ބޮޑު ބަޔަކަށް އަސަރުކުރާ ގުދުރަތީ ކާރިސާތަކަކީ މިފަހުގެ ތާރީހެއްގައި ވަރަށް މަދުން ނޫނީ ދިމާވާ ކަމެކެވެ. މިދިޔަ 20 އަހަރަށް ބަލާއިރު އެއީ ރާއްޖެއަށް އެފަދަ އަސަރެއް ކުރީ 2006 ގެ ސުނާމީ އާއި 2020 ގެ ކޮވިޑެވެ.
މިފަދަ ބޮޑު ކާރިސާތަކާ ކުރިމަތިލައި، ރައްޔިތުންނާއި އިޤްތިސާދު ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް، އާންމުކޮށް ބޭނުން ނުކުރާ ކިތަންމެ އިގުތިސޯދީ އަދި ސައިންސްގެ ކިތަންމެ އާލަތެއް ބޭނުން ކުރަން ޖެހޭނެކަމީ ހަގީގަތެކެވެ. ސަރުކާރެއްގެ ޒިންމާއަކީ އެއީ އެވެ. ކާރިސާތަކާއެކު ގައުމު ފުނޑުނަ ނުދީ ސަލާމަތުގެ އައްސޭރިއަކަށް ރައްޔިތުން ގެންގޮސްދިނުމެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި މި ކަންކަމަށް އިސްތިސްނާއެއް ކަނޑައަޅާފައިވަނީ މި ބޭނުމުގައިކަންވެސް ކަށަވަރެވެ.
އެ ގާނޫނޫން އިސްތިސްނާދޭ ދެވަނަ ހާލަތަކީ އިގުތިސޯދީ ބޮޑު ހީނަރުކަމެއް ކުރިމަތިވުމެވެ. 2007, 2008 އަދި 2009 ގައި ދުނިޔޭގެ އިގުތިސޯދު އޮތް ކްރައިސިސް އެވެ. އޭގެ ދަހަރެއް ފަހުން ކުރިމަތިވި ކޮވިޑެވެ.
އިގުތިސާދީ ހީނަރުކަން އެ ގާނޫނުގައި މާނަކޮށްފައިވަނީ ވިދިވިދިގެން ދެ ކުއާޓަރުގައި ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ސުން ޕަސެންޓަށް ވުރެ ދަށްވުމާއި، އިންފްލޭޝަން ކޮންޓްރޯލުން ނެއްޓި ދިއުމާއި، އަންއެމްޕްލޯއިމަންޓް ރޭޓް ވަރަށް ބޮޑަށް މައްޗަށް ދިއުމާއި، ފައިނޭންޝަލް ނުވަތަ ބޭންކިން ކްރައިސިސްއެއް ކުރިމަތިވުމާއި، ބެލަންސް އޮފް ޕޭމަންޓްސް ކްރައިސިސްއެއް ކުރިމަތިވުމެވެ.
ރާއްޖޭގެ އިގުތިސޯދަކީ ބޭރުން ކުރިމަތިވާ އެކި ޝޮކްތަކުން އަސަރުކުރާ އިގުތިސޯދެކެވެ. މުޅި އިގުތިސޯދުގެ ގިއުގަނޑު ރާވައި އަތުރާފައި އޮތީ އެހެންނެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަކީވެސް އެފަދަ ސިނާއަތެކެވެ. އެހެންކަމުން ބޭރުން ދިމާވާ ޝޮކެއްގެ ސަބަބުން އިގުތިސޯދީ ކުރިއެރުން ދަށްވެ، ބެލަންސް އޮފް ޕޭމަންޓްސް ކްރައިސިސްއަށް ދިއުމަކީ އަބަދުވެސް އޮންނަ ހިރާހެކެވެ.
ނަމަވެސް، މި ފަދަ ހިސާބަކަށް އިގުތިސޯދު ދަނީ ވަރަށް ބޮޑު ޝޮކެއް ކުރިމަތިވުމުންކަން މާޒީއަށް ބަލާލުމުން ފެނެ އެވެ. މިފަހުން ސުނާމީ އާއި ކޮވިޑެވެ. ރާއްޖޭގެ އެތެރޭގެ ސިޔާސީ ހަމަނުޖެހުން ފަދަ އެތެރެއިން ދިމާވާ ޝޮކެއްގެ ސަބަބުން ރާއްޖޭގެ އިގުތިސޯދީ ކުރިއެރުމުގެ ދުވެލި މަޑުޖެހުނު ނަމަވެސް، އިގުތިސޯދު ދަށްވެފައި ނުވެ އެވެ.
ޗާޕުކުރުން, ސަރުކާރުގެ އިހުތިޔާރުގައި އޮތް ކަމެއް؟
ސުވާލަކީ ސަރުކާރުން ތިމާމެން ބޭނުންވީމާ ފައިސާ ޗާޕުކުރެވިދާނޭ ބުނާ ބަހަކީ ތެދު ބުނުމެއްތޯ އަދި އެއީ ރާއްޖޭގެ ގާނޫނުތަކުގެ ތެރެއިން މި ވަގުތު އޮތް އިހުތިޔާރެއްތޯ އެވެ.
ޖަވާބު ވަރަށް ސާފެވެ. މިވަގުތު ސަރުކާރުން އަދި ބޭނުންވި ނަމަވެސް، އެއީ އޮތް އިހުތިޔާރެއް ނޫވެ. އަދި ގުދުރަތީ ކާރިސާއެއް ދިމާނުވާނަމަ ކައިރި މުސްތަގުބަލުގައި ވެސް އެ ހާލަތެއް ނުދާނެ ކަމެވެ. އެ ހިސާބަށް މި ގައުމު ދާނީ ސިޔާސީ އަސްލަށް ބިނާވެފައިވާ "ޕޮލިސީ މިސްޓޭކް"ތަކުންނެވެ.
މަރުކަޒީ ބޭންކާއި މާލީ ވުޒާރާގެ ހިސާބުތަކުން ރާއްޖޭގެ އިގުތިސޯދު ދަނީ ކުރިއަރަމުންނެވެ. އިގުތިސޯދީ ކުރިއެރުމުގެ ދުވެލި ދަށްކޮށްފައިވީ ނަމަވެސް، 4.9 ޕަސެންޓުން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވެ އެވެ. މެދު ރާސްތާއަށް ވެސް އަންދާޒާ ކޮށްފައިވަނީ ކުރިއެރުމެވެ.
އޭގެ މާނައަކީ ވިޔަފާރިތަކާއި ސަރުކާރުގެ އާމްދަނީ ޖުމްލަ ގޮތެއްގައި މަތިވުމެވެ. ބޭރު ފައިސާ ލިބޭ މިންވަރުވެސް އިތުރުވުމެވެ. މިހާރު އާންމުކޮށްފައި ހުރި ހިސާބުތަކުން ވެސް ދައްކަނީ އާމްދަނީ އިތުރުވެފައިވާ ތަނެވެ. ޓޫރިސްޓުން އައި އަދަދު މިދިޔަ އަހަރަށް ވުރެ އިތުރެވެ.
ފިސްކަލް ހާލަތު މެނޭޖު ނުކުރެވޭ؟
ކަންމިހެން އޮތް ނަމަވެސް, ރާއްޖޭގެ އިގުތިސޯދާ މެދު ކަންބޮޑުވާ ހާލަތެއް އޮތީ އެބައޮތެވެ. ސީދާ ރައީސް މުއިއްޒު ވެސް އެއް ޕޯޑިއަމެއްގައި އެއް ތަގުރީރެއްގައި އިގުތިސޯދާ މެދު ތިން ހަތަރު އޭންގަލަކުން ވާހަކަ ދައްކަވަ އެވެ. ސަރުކާރުގެ މާލީ ހާލަތު ގޯސް ކަމަށް ވިދާޅުވާ ވާހަކަ ނަފީކުރައްވަނީ އިއުލާނު ކުރައްވާ މަލްޓި މިލިއަން ރުފިޔާގެ މަޝްރޫއުތަކުންވެ.
އަމަލުތައް ވެސް ހުރީ އެބީދައިންނެވެ. ސިޔާސީ މުވައްޒަފުން އިތުރު ނުކުރައްވާނެ ކަމަށް ވިދާޅުވުމަށް ފަހު ޖެހިގެން އަންނަ ދުވަހު ދެތިން ބޭފުޅުންނަށް ޑެޕިއުޓީ މިނިސްޓަރުކަން ވެސް ދެއްވަ އެވެ. މަސް ގަންނާނެ އަގު 20ރ. އަށް ވުރެ ދަށްނުކުރައްވާނެ ކަމަށް ވައުދުވުމަށް ފަހު އަގު ތިރިކުރެއްވީ 16ރ. އަށެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ ރާއްޖޭ އިގުތިސާދު އަދި ރިއަލް އިކޮނޮމީ ކުރިއަރަމުންދާ ކަމަށާއި، މައްސަލަ އުޅެނީ ސަރުކާރުގެ ހަރަދުބަރަދު މެނޭޖުކުރުން ނުވަތަ ފިސްކަލް މެނޭޖުމަންޓުގައި ކަމަށެވެ.
ދައުލަތުގެ ހަރަދުތައް ބޮޑުވަމުން އައުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބޭރުން ހޯދުމަށް ސަރުކާރުން ބޭނުންވި ފައިސާ ނުލިބުމާ ގުޅިގެން ދައުލަތުން ކޮންޓްރެކްޓަރުންނަށާއި ހިދުމަތާއި ތަކެތި ފޯރުކޮށްދޭ ފަރާތްތަކަށް ފައިސާ ދިނުމަށް ދަތިވެފައިވާ ކަމާއި، ބޭރު ފައިސާގެ ރިޒާވް ދަށްވަމުން އަންނަކަން އެއީ ހަގީގަތެވެ.
އެހެންކަމާއެކު، ސަރުކާރަށް ފިސްކަލް ހާލަތު މެނޭޖުނުކުރެވިގެން އިގުތިސޯދަށް ދަތި ހާލަތެއް ކުރިމަތި ވެދާނެތޯ އެވެ. ސަރުކާރުގެ ކޭޝްފްލޯ ހަމަނުޖެއްސިގެން ދައުލަތް ބަނގުރޫޓުވެގެން ރާއްޖޭގެ އިގުތިސޯދީ ކުރިއެރުން ހުއްޓި، ބޭރު ފައިސާ މަދުވެ، ރައްޔިތުން ހަމައެކަނި ގަރުދިޔަ އާއި ބަތް ކައިގެން ތިބޭ ފަދަ ހާލަތަކަށް ތިރިވެގެން ތިބެން ޖެހިދާނެތޯ އެވެ.
މިވަގުތު ދިމާވެފައިވާ ހަގީގީ ދައްޗަކީ ބަޖެޓަށް ފައިސާ ހޯދުމަށް ސަރުކާރަށް ނުކުޅެދުމާއި އިގުތިސޯދީ މެނޭޖު ކުރުމަށް ސަރުކާރަށް އޮތް އިތުބާރު ދަށްވަމުން އައުމެވެ. ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ބޭނުންވާ ފައިސާ ހޯދަން ނުކުޅުދުމުގެ ސަބަބުން ބިލުތައް ފުނިޖެހި، އެތެރޭގެ އިގުތިސޯދަށް އަންނަނީ ބުރޫ އަރަމުންނެވެ. ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަކީ ކުރު މުއްދަތުގައި ސަރުކާރު ނޭވާލުމަށް ކޮންމެހެން މުހިންމު ކަމެކެވެ.
ހަމައެއާއެކު، މެދުރާސްތާގައި ފިސްކަލް ދެމެހެއްޓެނިވިކަން ކަށަވަރު ކުރުމަށް ފިސްކަލް ރިފޯމް ގެނައުމަކީ ލާޒިމު ކަމެކެވެ. އެކަމުގައިވެސް ސަރުކާރުން ދަނީ އާންމުންގެ އިތުބާރު ލިބޭނެ ފަދައަކުން އެކަން ކުރުމުގެ ބަދަލުގައި، ރިފޯމްގެ ފިޔަވަޅުތައް އެޅުމުގައި ފަހަތު ފަޔަށް ބުރަވަމުންނެވެ.
ރިފޯމް ޕާކު ކޮށްފައި، ދައުލަތުގެ ކޭޝްފްލޯ ދެކޮޅު ނުޖެއްސިގެން އުޅޭއިރު ހަރަދު ހެސްކިޔާފައި ބޮޑުކުރުމަކީ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލުމެވެ. ދެން އިތުބާރުގެ ވާހަކަ ނުދައްކަވާށެވެ. ރޭޓިންތައް ދަށްވާނެ އެވެ.
އިގުތިސޯދީ މެނޭޖުމަންޓަށް, ރައްޔިތުންނާއި ފައިސާ ދޭ ފަރާތްތަކާއި އިންވެސްޓަރުންގެ އިތުބާރު އުފައްދާނެ ގޮތެއް ނުވިސްނެ އެވެ. ހަރުދަނާ، ދެފުށް ފެންނަ ޕްލޭނެއް ނެތި މި އިތުބާރު ހޯދުމަކީ ދަތި ކަމަކަށް ވާނެ އެވެ. އިގުތިސޯދީ މެނޭޖުމަންޓަށް އިތުބާރެއް ނެތި ބަޖެޓަށް ފައިސާ ނުހޯދޭނެ އެވެ.
ސަރުކާރު ތިރިވެލަން ޖެހޭ
ހަރަދަށް ޒިންމާވުމުގެ ގާނޫނުގައި ބަޔާން ކޮށްފައިވާ ފަދަ އިސްތިސްނާ ހާލަތެއް މިވަގުތު ކުރިމަތިވާން އޮތީ ސަރުކާރުން ދައުލަތުގެ މާލީ ކަންކަން ނުއަތަށް މެނޭޖުކުރަން އުޅެގެން ކަމުގައި ބުނެވިދާނެ އެވެ. އެފަދަ ހާލަތެއް ކުރިމަތިވެގެން މެނުވީ ސަރުކާރަށް ފައިސާ ޗާޕުކުރުމުގެ ޖާގައެއް ނުލިބޭނެ އެވެ.
ފިސްކަލް މިސްމެނޭޖްމަންޓުގެ ސަބަބުން ކުރިމަތިވާ ދައްޗެއްގައި ފައިސާ ޗާޕުކުރުން ވާނީވެސް އިތުރު ގެއްލުމަކަށެވެ. ސަބަބަކީ މައިގަނޑު ސިނާއަތްތައް ރަނގަޅަށް ހިނގަމުންދާ ދަނޑިވަޅެއްގައި، ފިސްކަލް ކްރައިސިސްއެއްގެ ސަބަބުން، ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ދަށްވެ، ބޭރު ފައިސާގެ ރިޒާވް ހުސްވެއްޖެނަމަ، އަޅާން އޮތް ފިޔަވަޅަކީ ފައިސާ ޗާޕުކޮށްގެން ދިވެހި ރުފިޔާގެ ސަޕްލައި އިތުރުކުރުން ކަމުގައި ނުވާތީ އެވެ.
މި ދަނޑިވަޅުގައިވެސް ކުރާން ޖެހޭނެ ކަމަކީ ދައުލަތުގެ ހަރަދުތައް ކުޑަކޮށް ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދުމެވެ. ހިންގުމުގެ ހަރަދުތައް ކުޑަކުރުމެވެ.
އެހެންކަމުން، ފައިސާ ޗާޕުކުރުމަކީ ސަރުކާރުން އެ ވިދާޅުވާ ފަދައިން ބޭނުންވީމާ ކުރެވޭނެ ފަދަ ގޮތަކަށް އޮންނަ ކަމެއްވެސް ނޫނެވެ. އެ ވަސީލަތް ބޭނުންކުރެވެނީ ވަކި ހާލަތްތަކެއް ކުރިމަތިވުމުން، ރައްޔިތުންގެ މަޖިލީހުގެ ހުއްދައާއެކު، ވަކި މިންގަނޑެއްގެ ތެރެއިންނެވެ.
މި ވަގުތު އެ ހާލަތެއް ނެތެވެ. އަދި ސަރުކާރުން މިސްމެނޭޖު ކޮށްގެން މެނުވީ އެފަދަ ހާލަތެއް ކުރިމަތިވާނެ ކަމަށް ވެސް ނުބެލެވެ އެވެ. އަދި, ރިޒާވް ހުސްވުން ފަދަ ބެލަންސް އޮފް ޕޭމަންޓް ކްރައިސިސްއެއްގައި މި އާލަތަކީ ބޭނުންކުރުން އެންމެ އެކަށޭނަ އިގުތިސާދީ އާލަތެއްވެސް ނޫނެވެ.
މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި، ދިގު މުއްދަތުގެ މާލީ ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި ދެމެހެއްޓެނިވި މާލީ މެނޭޖުމަންޓާއި އިގުތިސޯދީ އިތުބާރަކީ ވަރަށް މުހިންމު ކަންކަމެވެ.
މިކަމަށްޓަކައި ހާމަކަން ބޮޑު ގޮތެއްގައި ފިސްކަލް ސިޔާސަތު ރޭވިފައިވާ ގޮތާއި، މިހާރު ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތުގެ ޕްލޭންތައް ހިއްސާކުރަން ޖެހެ އެވެ. އަދި, ރައްޔިތުންގެ އިތުބާރާއި ރުހުން މި ޕްލޭނަށް ހޯދާންވެސް ޖެހެ އެވެ. ނޫންނަމަ، ކުރިމަތިވާނީ ރައްޔިތުން ގަރުދިޔަ އާއި ބަތް ކައިގެން ޑްރޯން ދުއްވަން ތިރިވެލަައިގެން ތިބެން ޖެހޭ ހާލަތެއް ކަމުގައިވުން އެކަށީގެންވެ އެވެ.












