މިދިޔަ އަހަރުގެ ފައިދާއިން ކޮންމެ ހިއްސާއަކަށް 80ރ. ބަހަން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާދާރުން މިރޭ ފާސްކޮށްފި އެވެ.
މިގޮތަށް ފާސްކުރީ މިރޭ ބޭއްވީ އެ ކުންފުނީގެ 2023 ވަނަ އަހަރުގެ އާންމު ޖަލްސާގަ އެވެ. މި ހުށަހެޅުމަކީ ޑިރެކްޓަރުންގެ ބޯޑުގެ ހުށަހެޅުމެއް ކަމަށްވާއިރު މިއީ ފާއިތުވެދިޔަ 17 އަހަރުގެ ތެރޭ އެސްޓީއޯގެ ހިއްސާގެ ފައިދާއަށް ބަހާ އެންމެ ބޮޑު އަދަދެވެ.
ފައިދާ ބެހުމަށް ފާސްކުރުމުގެ އިތުރުން، އާންމު ހިއްސާދާރުންގެ ތެރެއިން މުހައްމަދު އަހުސަން ސަލީމް ކަނޑައަޅަން ވެސް ފާސްކުރި އެވެ. އަދި އެސްޓީއޯ އޮޑިޓްކުރާ ކުންފުންޏަކަށް މި އަހަރު ހަމަޖެއްސީ ޑެލޮއިޓް އެވެ.
ޓެކްސްއަށް ކެނޑުމަށްފަހު 2023 ވަނަ އަހަރަށް ސާފު ފައިދާގެ ގޮތުގައި 818 މިލިއަން ރުފިޔާ އެސްޓީއޯއިން ވަނީ ރެކޯޑު ކޮށްފަ އެވެ. މިއީ އެ ކުންފުނީގެ ތާރީހިގައިވެސް ރެކޯޑް އަދަދެކެވެ.
2022 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 728 މިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 12 ޕަސެންޓުގެ ކުރިއެރުމެކެވެ. އެ އަހަރު ހިއްސާއަކަށް ބެހީ 77ރ. އެވެ.
ކުންފުނީގެ ފައިދާ ރަނގަޅު ކުރެވުމާއި އެސްޓީއޯ ގްރޫޕްގެ ގިނަ ކުންފުނިތަކުން ފައިދާ އިތުރުވުމާއިއެކު އެސްޓީއޯ ގްރޫޕްގެ ފައިދާ ވެސް ރެކޯޑު 1.1 ބިލިއަނަށް އެރި އެވެ.










