އަންނަ މަހު މާލޭގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތް، މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ކެންސަލްކޮށްފި އެވެ.
ބެޑްމިންޓަން އޭޝިއާ ވެބްސައިޓްގައި އެ މުބާރާތް ކެންސަލްކޮށްފައިވާކަން ވަނީ އާންމުކޮށްފަ އެވެ. އަދި އަންނަ މަހުގެ 12-18 އަށް ބާއްވަން ކުރިންް ނިންމާފައި އޮތް މުބާރާތް ކެންސަލްކުރަން ނިންމީ، ބެޑްމިންޓަން އެސޯސިއޭޝަނުން އެ ގޮތަށް އެންގުމުންކަމަށް ބެޑްމިންޓަން އޭޝިއާ އިން ބުނެފައިވެ އެވެ.
ޖުމްލަ، 15000 ޑޮލަރުގެ ފައިސާގެ އިނާމެއް ދޭން ލިސްޓުކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމަށް، މި މަހު 16އާ ހަމައަށް މުއްދަތު ހުޅުވާލާފައި އޮތްއިރު، ދާދި ފަހަކާ ޖެހެންދެން ބެޑްމިންޓަން އެސޯސިއޭޝަނުން ވަނީ މި މުބާރާތް ބާއްވަން މަސައްކަތްކޮށްފަ އެވެ. އެކަމަކު، މި މަސައްކަތުގައި އުޅެފައިވަނީ، މުއްދަތު ހަމަވެފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގެ މެމްބަރުންނެވެ.
ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ، ބެޑްމިންޓަން އެސޯސިއޭޝަނުގެ ކަންކަން ރަނގަޅުކޮށް، އެ އެސޯސިއޭޝަން ކުރިއަށްދެވޭނެ ގޮތެއް ހެދުމަށް މި ވަގުތު ހާއްސަ އަހައްމިއްޔަތުކަމެއް ދެމުން އަންނަ ކަމަށް ވިދާޅުވެފަ އެވެ.
އަދި އެސޯސިއޭޝަން މި ވަގުތު އޮތް ހާލަތުން އަރައިނުގަނެ، އިންޓަނޭޝަނަލް މުބާރާތެއް ބޭއްވުމުގެ ފުރުސަތެއް ނެތް ކަަމަށް ވެސް ސަރުކާރުން ވަނީ އަންގައިފަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ.
ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގުމާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުން އަންނައިރު، ސްޕޯޓްސް ކޮމިޝަނަރު، މުހައްމަދު ތޮލާލް، ބެޑްމިންޓަން އިންތިހާބު ފަސްކުރަން ލަފާދެއްވީ، އަސާސީ ގަވާއިދުގައި ހުރި މައްސަލަތައް ހައްލުކޮށް އިންތިހާބު ބޭއްވުމަށެވެ. އެއީ، މިދިޔަ އޭޕްރީލް މަހު އިންތިހާބު ބާއްވަން އުޅެނިކޮށެެވެ. އިންތިހާބު ބާއްވަން އޮތް ދުވަހު، އެސޯސިއޭޝަނުން އިންތިހާބު ފަސްކުރީ ބޭއްވޭނެ މާހައުލެއް ނެތް ކަމަށް ބުނެ އެވެ.
ކޮމިޝަނާ އޮފް ސްޕޯޓްސް އިން ކަންކަން އިސްލާހުކޮށް އިންތިހާބަކާ ހަމައަށް ދިއުމަށް ދެ ފަހަރެއްގެ މަތިން ދިން ފުރުސަތުގެ މުއްދަތު ހަމަވިއިރު ވެސް، ދިން ލަފަޔާ އެއްގޮތަށް ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އޮތް ހިންގާ ކޮމިޓީން އެއްވެސް ކަމެއް ނުކުރެ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އިންޓަނޭޝަނަލް ޗެލެންްޖް މުބާރާތެއް ބޭއްވީ 2011 ވަނަ އަހަރު އެވެ. އޭގެ ފަހުން، 2012 އާއި 2013 ވަނަ އަހަރު ވެސް ބޭއްވުމަށް ފަހު، 2014 ވަނަ އަހަރު ކުޅިވަރު އެކުވެނި އިމާރާތަށް ލިބުނު ގެއްލުމަކާ ހެދި އިންޓަނޭޝަނަލް ޗެލެންޖް މުބާރާތް ހުއްޓުނެވެ. ހަ ވަރަކަށް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޓަނޭޝަނަލް ޗެލެންޖާއި ބެޑްމިންޓަން ފިއުޗާ ސީރީސްގެ ނަމުގައި މުބާރާތްތަކެއް 2019 ވަނަ އަހަރު ބޭއްވި އެވެ. އެކަަމަކު، އޭގެ ފަހުން ކޮވިޑް-19އާ ހެދި އަނެއްކާ ހުއްޓުމެއް އައީ އެވެ. އަލުން މުބާރާތް ފެށީ 2022 ވަނަ އަހަރު އެވެ. އަދި މިދިޔަ އަހަރު ވެސް މުބާރާތް ބޭއްވި އެވެ.













