އެލިއާ އިންވެސްޓްމަންޓްގެ 10 ވަނަ ލޭ ހަދިޔާ ކުރުމުގެ ކޭމްޕް އަންނަ ހޮނިހިރު ދުވަހު މާގިރި ހޮޓެލްގައި ބޭއްވުމަށް ނިންމައިފި އެވެ.
މޯލްޑިވްސް ބްލަޑް ސާވިސެސްއާ ގުޅިގެން ކުރިއަށް ގެންދާ އެ ކޭމްޕް އޮންނާނީ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން އިރުއޮއްސި 06:00 ޖަހަންދެންނެވެ.
އާންމުންނަށް ހުޅުވާލާފައިވާ އެ ކޭމްޕްގެ މަގްސަދަކީ ތެލެސީމިއާ ފަރުވާ ހޯދާ މީހުންނާއި، އެކި ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ އިތުރުން އޮޕަރޭޝަން ކުރުމަށް ލޭ ބޭނުންވާ މީހުންނަށް ލޭ ފޯރުކޮށްދިނުމެވެ.
ލޭ ހަދިޔާ ކުރުމުގެ ޕްރޮސެސްގައި އަލަށް ލޭ ހަދިޔާ ކުރާ މީހުންނަށް ފަސޭހަ މާހައުލެއްގައި އެކަން ކުރެވެ އެވެ. އަދި ޑޮނޭޝަން ޕްރޮސެސް ނިމެންދެން ރައްކާތެރިކަން ކަށަވަރު ކުރެ އެވެ.
މި ކޭމްޕް މެދުވެރިކޮށް ކޮންމެ އަހަރަކު ވެސް އެލިއާއިން އަންނަނީ ލޭ ހަދިޔާ ކުރާ އާ މީހުން އިތުރު ކުރުމަށް މަސައްކަތް ކުރަމުންނެވެ.










