އެލިއާ އިންވެސްޓްމަންޓްސް އަދި މޯލްޑިވިއަން ބްލަޑް ސާވިސް ގުޅިގެން ކޮންމެ އަހަރަކު ބާއްވަމުންދާ ދަރުމައަށް ދޭ ލޭ ހަދިޔާކުރުމުގެ ކޭމްޕް އިއްޔެ ބާއްވައިފި އެވެ.
ކޮންމެ އަހަރަކު އެލިއާއިން ބާއްވާ އެ ކޭމްޕް މި އަހަރު ބޭއްވީ ހުޅުމާލޭގައި ހުންނަ އޮރެންޖް ހިޔާގެ މޯލްޑިވިއަން ބްލަޑް ސާވިސްގަ އެވެ.
އެލިއާއިން ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުގެ ކޭމްޕްގައި ވެސް ގިނަ އަދަދެއްގެ މީހުން ލޭ ހަދިޔާ ކޮށްފައިވާ ކަމަށެވެ.
އޭގެއިތުރުން ކޭމްޕްގައި ބައިވެރިވެ ލޭ ހަދިޔާ ކުރި އެންމެހާ ފަރާތްތަކުން ދަރުމައަށް މެދުކެނޑުމެއްނެތި ލޭ ހަދިޔާ ކުރުމުގައި ދެމި ތިބުމަށް އެލިއާއިން އެދެ އެވެ. އަދި ލޭ ހަދިޔާކުރި އެންމެންނަށް އެލިއާއިން ވަނީ ޝުކުރު އަދާކޮށްފަ އެވެ.
"ހާދިސާތަކާއި ކުއްލި ހާލަތްތަކުގައި ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި، މުޖުތަމައުގެ އެންމެން ގުޅިގެން މަސައްކަތް ކުރުމާއި، ދަރުމަވެރި ލޭ ހަދިޔާކުރުމުގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެއް،' އެލިއާއިން ބުންޏެވެ.

އިޖުތިމާއީ ހިދުމަތްތަކުގައި މުޖުތަމައުން ދޭ އެއްބާރުލުމަކީ، ނޭނގި ނަމަވެސް އެހެން މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް ކުރެވޭ އަގުހުރި މަސައްކަތެއް ކަމަށް އެލިއާއިން ފާހަގަކުރެ އެވެ.













