ބާސެލޯނާ (ޖުލައި 7) - ސްޕެއިނުގެ ތަޖުރިބާކާރު މިޑްފީލްޑަރު، ތިއާގޯ އަލްކަންޓާރާ، ޕްރޮފެޝަނަލް ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.
ތިއާގޯ، 33، އަށް ވަނީ ބާސެލޯނާގެ ކޯޗިން އޮފާއެއްގެ އިތުރުން ސްޕެއިނުގެ ކްލަބްތަކަށް ކުޅެން ވެސް ހުށަހެޅުން ލިބިފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ލިވަޕޫލުން ކޮންޓްރެކްޓް ހަމަވުމުން ދޫކޮށްލި ތިއާގޯ މި ވަނީ ފުޓްބޯޅަ އިން ރިޓަޔާކުރަން ނިންމައިފަ އެވެ.
ފުޓްބޯޅަ ކެރިއަރުގައި ތިއާގޯ އެންމެ ފުރަތަމަ ކުޅުނު ބާސެލޯނާ އިން އޭނާ އަށް ހުށަހަޅާފައިވަނީ އެސިސްޓަންޓް ކޯޗުގެ މަގާމެެވެ. އެއީ، ބާސެލޯނާއާ ހަވާލުވި ޖަރުމަނުގެ ކޯޗު، ހަންސީ ފްލިކްގެ އެދުމަށެވެ. އެއީ، ޖަރުމަނު ބަހާއި ސްޕެނިޝް ބަސް އަދި ދެ ގައުމުގެ ފުޓްބޯޅަ ތަޖުރިބާ ކޮށްފައިވާ ފަރާތަކަށް އެ މަގާމު ދިނުމުގެ ގޮތުންނެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ފުޓްބޯޅަ ހަޔާތް ފަށައި، ތިއާގޯ ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށް 2009-2013 އަށް ކުޅުނުއިރު، އެ ޓީމަށް 101 މެޗު ކުޅެދީފަ އެވެ. އެ އަށް ފަހު، ޖަރުމަނުގެ ބަޔާން މިއުނިކަށް ހަތް އަހަރު ކުޅެދިން، ތިއާގޯ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި އެވެ. ލިވަޕޫލުން، ތިއާގޯ ދޫކޮށްލަން ނިންމީ އަނިޔާގެ ސަބަބުން އޭނާ އަށް ކޮންޓްރެކްޓްގެ ފަހު އަހަރު އެކަށީގެންވާ ކުޅުމެއް ނުދެއްކުމުންނެވެ.
ތިއާގޯ ވަނީ ކެރިއަރުގައި 25 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ދެ ފަހަރާއި ސްޕެނިޝް ލީގު ހަތަރު ފަަހަރާއި ޖަރުމަނު ލީގު ހަތް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.
ސްޕެއިން ސީނިއާ ޓީމާ އެކު، ކާމިޔާބެއް ނުލިބުނު ނަމަވެސް 17 އަހަރުން ދަށުގެ ޔޫރޯ އާއި 21 އަހަރުން ދަށުގެ ޔޫރޯ ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ.












