މޯލްޑިވިއަން މަތިންދާ ބޯޓަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލު ނުވާތީ ބަންގްލަދޭޝްގެ ޑާކާއަށް މިއަދު ކުރުމަށް ހަމަޖެހިފައި އޮތް ދަތުރު ވެސް ކެންސަލް ކޮށްފި އެވެ.
އެ އެއާލައިންގެ އެއާބަސް A-320 ގެ ފްލައިޓަށް މިދިޔަ ޖޫން 25، ގައި ޓެކްނިކަލް މައްސަލައެއް ދިމާވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އިން ފުރައިގެން އިންޑިއާއަށް ދަނިކޮށެވެ. އެއާއެކު، ފްލައިޓު ވަނީ އަނބުރާ ވީއައިއޭއަށް ޖައްސާފަ އެވެ.
މޯލްޑިވިއަންގެ ކޯޕަރޭޓް ސޭލްސް މުހައްމަދު ނަސީރު "އަދަދު" އާ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޯޓު މިއަދު ޑާކާއަށް ފުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް، ދިމާވި ޓެކްނިކަލް މައްސަލަ އެއްކޮށް ހައްލު ނުވާތީ އިންޖިނިއަރުންގެ ލަފަޔާއެކު ނުފުރަން ނިންމީ ކަމަށެވެ.
"ފްލައިޓުން ދަތުރުކުރަން ހަމަޖެހިފައި އޮތް މީހުންނަށް މިދަނީ އޮޕްޝަންތައް ދެމުން. އޭގެ ތެރޭގައި މާލެއިން އަދި ޑާކާއިން އަންނަން ތިބި މީހުން ހިމެނޭ. ދޭ އޮޕްޝަންތަކުގެ ތެރޭގައި އެހެން ފްލައިޓުން ޖާގަ ހޯދައި ދިނުން އަދި ފުލް ރީފަންޑު ދިނުން ވެސް ހިމެނޭ،" ނަސީރު ވިދާޅުވި އެވެ.
މީގެ އިތުރުން މޯލްޑިވިއަންއިން ޑާކާއަށް ދެން ދަތުރުކުރާ ދުވަހަކަށް ޓިކެޓު ބަދަލުކޮށްދިނުން ވެސް އޮޕްޝަންތަކުގެ ތެރޭގައި ހިމެނޭ ކަމަށް ނަސީރު ވިދާޅުވި އެވެ.
މޯލްޑިވިއަންއިން ވަނީ އިންޑިއާއަށް ދަތުރުކުރުމަށް ހަމަޖެހިފައި އޮތް ފްލައިޓު ކެންސަލްވުމާއެކު، ބެންގަލޫރު، ކޮޗިން އަދި ޓްރިވެންޑްރަމްއިން ދަތުރުކުރުމަށް ހަމަޖެހިފައި ތިބި މީހުންނަށް ހުރުމާއި ކެއުމުގެ އިތުރުން އެހެން ފްލައިޓުން ޓިކެޓު ވެސް ހަމަޖައްސައިދީފަ އެވެ.











