ބަލާލި ކޮންމެ ދިމާލަކުން ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ!

ބަލާލި ކޮންމެ ދިމާލަކުން ބެޑްމިންޓަން އެސޯސިއޭޝަންގެ މައްސަލަ!

ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކުގެ ތެރެއިން، މި ވަގުތު، ހިންގާ ކޮމިޓީގެ ދައުރު ހަމަވެފައި އޮތް ނަމަވެސް، މަގާމުތަކުގައި ތިބެގެން އެސޯސިއޭޝަން ހިންގަމުން، އަންނަނީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިންނެވެ. އެ އެސޯސިއޭޝަންގެ ވެރިންނާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެއް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންނަނީ ބަލަމުންނެވެ. އަދި އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދާ ގުޅޭ މައްސަލަތަކެއް ކޮމިޝަނާ އޮފް ސްޕޯޓްސް އިން އަންގައިގެން އިސްލާހު ކުރަން ޖެހިފައި އޮތްއިރު، "ކަހާތަން ހިރުވައިވެސް ނުލަ" އެވެ.

ދާދި ފަހުން ފެނިގެންދިޔައީ، މި ފަހަރުގެ އޮލިމްޕިކްސް އަށް ބެޑްމިންޓަނުން ހޮވުނު، ކުޅުންތެރިޔާ، ފާތިމަތު ނަބާހާ (ނަބާ)، މުބާރާތުގެ ކުރިން، ދެކުނު ކޮރެއާ އަށް ޓްރެއިނިން އަށް ދާން ހުރިހާ ކަމެއް ހަމަޖެހިފައި އޮތް ނަމަވެސް، އެސޯސިއޭޝަނުން ވިސާ ކަންތައް ކޮށްފައިނުވާތީ، ދިމާވި މައްސަލަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އިހުމާލުން އަނެއްކާ ވެސް ވިސާ ކަންތައް ގަނޑެއްގައި ތާށިވެގެން، ކުޅުންތެރިއަކަށް ލިބިގެން ދިޔަ ބޮޑު ގެއްލުމެއްގެ ލައްގަނޑު އެ ކުޅިވަރުގައި ޖެހުނީ އެވެ. މި ކަން ވެސް ބޮލު އެޅިފައި މި އޮތީ، އެކިއެކި މައްސަލަތަކުގެ ތެރޭގައި، މި ވަގުތު ތާށިވެފައި އޮތް ބެޑްމިންޓަން އެސޯސިއޭޝަނަށެވެ.

މައުލޫމާތު ދޭން ފަސްޖެހުނުއިރު، ދެން ފެންމަތިވީ އިތުރު މައްސަލަތެއް

ސަރުކާރުން ބަޖެޓް ފޯރުކޮށްދޭ، މުއައްސަސާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދައި، އެ މައުލޫމާތު އާންމު ކުރާ އައިމަން ލަތީފް (ޕިކޯ)، ބެޑްމިންޓަން އެސޯސިއޭޝަންގެ ހަރަދުތަކާ ގުޅޭގޮތުން މައުލޫމާތު ހޯދަން މި އަހަރުގެ މާޗް 12 ވަނަ ދުވަހު ހުށަހެޅި އެވެ.

އެ ގޮތުން، ޕިކޯ، މައުލޫމާތު ހޯދަން ހުށަހަޅައިފައިވަނީ މައިގަނޑު ހަތް ކަމެއްގެ މައްޗަށް އަލިއަޅުވާލައިފަ އެވެ. އެ ހަތް ކަންތަކުގެ ތެރެއިން، ކޮންމެ ކަމެއްގައި ވެސް ހަރަދު ހިނގާފައިވާ ކަންކަން، 2018 އިން ފެށިގެން 2023 އާ ހަމައަށެވެ.

އެ ކަންތައްތަކަކީ، ފާހަގަކޮށްފައިވާ މުއްދަތުގެ ތެރެއިން ބެޑްމިންޓަން އެސޯސިއޭޝަނަށް ލިބުނު އާމްދަނީ އާއި ކުރެވުނު ހަރަދު، އެ މުއްދަތުގެ ތެރޭގައި ބެޑްމިންޓަން އެސޯސިއޭޝަނުން ގަނެފައިވާ ތަކެއްޗާއި އެ އަށް ހަރަދުހިނގާފައިވާ ގޮތާއި ބިޑިން ކަންކަން ހިނގާފައިވާ ގޮތް، އެ މުއްދަތުގެ ތެރޭގައި ބިދޭސީ ސްޓާފުން/ކޯޗުން /އަމްޕަޔަރުން /ރެފްރީން / ޓެކްނިކަލް ސްޓާފުން ހަމަޖައްސާފައިވާ އުސޫލާއި ދީފައިވާ ކޮންޓްރެކްޓާއި ދޭ މުސާރަ އަދި އެކޮމަޑޭޝަން ފަދަ ހަރަދުތައް ކޮށްފައިވާ ގޮތް، ހިންގާ ކޮމިޓީ އަށް މީހުން އިންތިހާބު ކުރެވުނު ގޮތުގެ މައުލޫމާތު، ފާހަގަކޮށްފައިވާ މުއްދަތުގެ އަހަރީ އާންމު ޖަލްސާގެ ރިޕޯޓްތަކާއި އަހަރީ ރިޕޯޓްތަކެވެ.

އައިމަން، ތަކުރާރުކޮށް، އެދިގެން، ބެޑްމިންޓަން އެސޯސިއޭޝަނުން، ބައިކުޅަބަޔަށް ވުރެން ވެސް ކުޑަ މައުލޫމާތެއް ދީފައިވަނީ، 27 އޭޕްރީލްގަ އެވެ.

އެ ގޮތުން، ބެޑްމިންޓަން އެސޯސިއޭޝަނުން މައުލޫމާތު ދިނުމުގައި ވަނީ، ހަތް ކަމެއް ފާހަގަކޮށްފަ އެވެ. އެކަމަކު، އެ ހަތް ކަމުގައި ވެސް ތަކުރާރުވެފައި ހުރީ ސީދާ ސީދަލަށް މައުލޫމާތު ދޭން ބޭނުންނުވާ ކަމުގެ އިބާރާތްތަކެވެ. އެއީ، ހަމަ ގާތްގަނޑަކަށް އައިމަން މައުލޫމާތު ހޯދަން އެދުނު ހަތް ކަމަށް އަލި އަޅުވާލައިފައި، ބެޑްމިންޓަން އެސޯސިއޭޝަނުން ކަމަކަށް ކަމެއް ކުރާ އުސޫލުން ދީފައިވާ މައުލޫމާތު ކަމަށް ބެލެވުމުގެ ހުރިހާ ޖާގައެއް އެބައޮތެވެ.

ބެޑްމިންޓަން އެސޯސިއޭޝަނުން އައިމަން އަށް ދިން މައުލޫމާތުގައި ފާހަގަކޮށްފައިވަނީ، އާމްދަނީ އާއި ހަރަދު ރިޕޯޓާ ގުޅޭ އަހަރީ ހިސާބު ތަކަކީ ބެޑްމިންޓަން އެސޯސިއޭޝަނުގެ ހިންގާ ގަވާއިދުގައިވާ ގޮތަށް އަހަރީ ޢާންމު ޖަލްސާގައި މެމްބަރުންނަށް ހުށަހަޅާ ފާސްކުރުމަށްފަހު ކުޅިވަރާބެހޭ ވުޒާރާ އަށް އަދި ކޮމިޝަނަ އޮފް ސްޕޯޓްސް އަށް ފޮނުވާފައިވާ ހިސާބެއް ކަމަށެވެ. އަދި ހިންގާ ޤަވާއިދުގައިވާ ގޮތަށް ކޮންމެ މެމްބަރަކު ވެސް ބެޑްމިންޓަން އެސޯސިއޭޝަންގެ އޮފީހަށް އައިސް އެދުމުން ހިސާބުތައް ބެލުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށް އެ ޖަވާބުގައި ލިޔެފައިވެ އެވެ.

މީގެ އިތުރުން، ބެޑްމިންޓަން އެސޯސިއޭޝަނަކީ ގަންނަ ތަކެތި ސްޓޮކް ކޮށްފައި މުދާ ބަހައްޓާ އުސޫލުން ނުބަހައްޓާ ކަމަށާއި ވަކި އައިޓަމެއް ފާހަަގަކޮށްފިނަމަ މައުލޫމާތު ފޯރުކޮށްދެން މަސައްކަތް ކުރާނެ ކަމަށް ވެސް އައިމަން އަށް ދިން ޖަވާބުގައި ބުނެފައިވެ އެވެ.

ލިޔެކިޔުމުން، މަދު މައުލޫމާތެއް އައިމަން އަށް ދިނުމަށް ފަހު، އެސޯސިއޭޝަންގެ ޖަވާބުގައި ބުނެފައިވަނީ، އެ އޮފީހަށް އައިސް އެދުމުން ދެން ހުރި ލިޔެކިޔުން ބެލުމުގެ އިންތިޒާމު ހަމަޖައްސައިދެވޭނެ ކަމަށެވެ.

މީގެ އެއް ދުވަސް ކުރިން، އިންފޮމޭޝަން ކޮމިޝަނަރު އޮފީހުން ވަނީ، އައިމަން އާއި ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ މި މައްސަލައިގެ އަޑުއެހުމެއް ބާއްވައިފަ އެވެ. ބެޑްމިންޓަން އެސޯސިއޭޝަނުން އިސް ފަރާތެއްގެ ގޮތުގައި ބައިވެރިވީ، އެންމެ ފަހުން، އޮތް އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް، އަހުމަދު ޝާކިރު މޫސާ އެވެ.

އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާއެއްގެ ތެެރެެއިން ޝާކިރު (ވ).-- ފޮޓޯ: އަދަދު

ތިރީސް މިނިޓަށް ދިގުދެމިގެންދިޔަ، މި އަޑުއެހުމުގައި ޝާކިރުގެ ޖަވާބުތައް ހުންނެވީ، އައިމަން އަށް މައުލޫމާތު ފޯރުކޮށްދިނުމަށް ވުރެ އެހެން މިސްރާބަކުން މި ކަންކަން ގެންދިއުމަށެވެ. ބެޑްމިންޓަން އެސޯސިއޭޝަނަށް، ފިޒިކަލީ އައިމަން ގޮސް މައުލޫމާތު ބެލުން ނޫން ގޮތެއް ނެތް މޭރުމަކުން ވާހަކަ ދައްކަން ހަދައިގެން، ބެޑްމިންޓަން އެސޯސިއޭޝަންގައި ހުރި މައްސަލަ އަކަށް ފަހު މައްސަލައެއް ފުރޮޅެމުންދިޔައީ އެވެ.

އެސޯސިއޭޝަނުން ބަރާބަރަށް، ޑިޖިޓަލީ މައުލޫމާތު ބަލަހައްޓާފައިވޭތޯ އެހުމުން، އެސޯސިއޭޝަންގެ ސާވާ ހަލާކުވެފައިވާކަން ހާމަކުރަން ޖެހުނުއިރު، ދައުލަތުން ހަރަދުކޮށްގެން މިދިޔަ އަހަރުތަކުގައި އިންޓަނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވި އެސޯސިއޭޝަނެއްގައި، ފޮޓޯ ކޮޕީ ނަގާފައި ނޫނީ ސްކޭން ކޮށްފައި، ގާނޫނުން ބާރު ލިބިގެން ހޯދަން އުޅޭ މައުލޫމާތެއް ދޭނެ ފަދަ ވެސް ނެތެވެ. އަދި ކުޑަކުޑަ އޮފީހެއްގައި ގިނަ އަހަރުތަކެއްގެ ފައިލްތައް ބަހައްޓާނެ ޖާގައެއް ނެތް ކަމަށް ބުނެ، ޑިޖިޓަލް ޒަމާނަކަށް ކުފޫ ހަމަނުވާ ޖަވާބުތަކެއް ތަކުރާރުކޮށް ދެމުންދިޔަ އެވެ.

މިދިޔަ ސަރުކާރުން ފެށި މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑް ލިބުނު، ބެޑްމިން އެސޯސިއޭޝަން ފެނުނީ، "ރުންކުރު ޖަވާބުތަކެއް" ދީ ކުޅިވަރު އެސޯސިއޭޝަނެއްގެ ރިވެތި އުސޫލާ ހިލާފަށް، އަމިއްލަ ބައެއްގެ މަސްލަހަތުތަކެއް ހިމާޔަތްކުރަން މަސައްކަތްކުރާ ބައެއްގެ ގޮތުގަ އެވެ.

އެސޯސިއޭޝަނާ މެދު ފިޔަވަަޅު އެޅުން "ލަސްވެފައި"

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުގެ އިންތިހާބީ ރައީސަކަށް ހުންނެވީ އެންމެ ފަހުން ތިން ދައުރުގައި ވެސް އެ މަގާމު ފުރި މޫސާ ނާޝިދު (މޫސަ) އެވެ.

މޫސަ އާއި އެސޯސިއޭޝަން ހިންގުމާ ގުޅޭ ކޮރަޕްޝަނުގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނާތީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިންތިހާބު ކަންކަން މަޑުޖައްސާލަން އެންގި އެވެ. އަނެއްކޮޅުން، ބެޑްމިންޓަން އެސޯސިއޭޝަންގެ ހިންގާ ގަވާއިދުގައި ހުރި ކަންކަން އިސްލާހުކުރުމަށް ފަހު ނޫނީ އިންތިހާބެއް ނުބާއްވަން ކޮމިޝަނާ އޮފް ސްޕޯޓްސް ވެސް އޮތީ އަންގައިފަ އެވެ.

ބެޑްމިންޓަން އެސޯސިއޭޝަންގެ އެންމެ ފަހުން އިންތިހާބުކުރި ހިންގާ ބޯޑު އިންތިހާބު ކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ 24 ގަ އެވެ. އެ ހިންގާ ބޯޑު ކޮމިޝަނާ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރީ، 2021، މާޗް 11 ގަ އެވެ.

މި އަހަރުގެ، އޭޕްރީލް، 22 ވަނަ ދުވަހުގެރޭ، އައްޑޫ ސިޓީގައި ބާއްވަން މަސައްކަތްކުރި އިންތިހާބު ބާއްވަން، "ގަދަހަދާފައި" މަސައްކަތްކުރި ނަމަވެސް، އިންތިހާބު ބާއްވަން 24 ގަޑިއިރަށް ވުރެ ކުޑަތަންވެފައި އޮއްވައި، ފަސްކުރަން ޖެހުނީ، "އިންތިހާބު ބާއްވަން އެކަށީގެންވާ މާހައުލެއް" ނެތް ކަމަށް ބުނެ އެވެ.

އޭގެ ފަހުން، ކޮމިޝަނާ އޮފް ސްޕޯޓްސް އިން ކަންކަން އިސްލާހުކޮށް އިންތިހާބަކާ ހަމައަށް ދިއުމަށް ދެ ފަހަރެއްގެ މަތިން ދިން ފުރުސަތުގެ މުއްދަތު ހަމަވިއިރު ވެސް، ދިން ލަފަޔާ އެއްގޮތަށް އެއްވެސް ކަމެއް ނުކުރެ އެވެ.

ބަދަލުގައި ފެނުނީ، ބެޑްމިންޓަން އެސޯސިއޭޝަނާ ދެކޮޅަށް ހިންގަމުން އަންނަ ކޮރަޕްޝަން މައްސަލައާ ގުޅޭގޮތުން، މޫސަ، ޕްރޮސެކިއުޓާ ޖެނެރަލާ ދެކޮޅަށް ހައި ކޯޓުގައި މައްސަލަ ކުރިއަށްގެންދިޔަ ތަނެވެ.

ބެޑްމިންޓަން އެސޯސިއޭޝަން ހިންގާ ފަރާތްތަކުގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އެ އެސޯސިއޭޝަންގެ އޭރުގެ ރައީސް މޫސަގެ މަސްލަހަތު ހިމެނޭ، ސްޕޯޓްސް ސާމާނު ވިއްކާ ފިހާރަ، އަސްކަނި ސްޕޯޓްސް އާއި އޭނާއާ ގުޅުން ހުރި އެހެން ތަންތަން ކޯޓު އަމުރެއްގެ ދަށުން ބަލައި، ފާސްކުރި މައްސަލައާ ގުޅިގެން ދައުލަތާ ދެކޮޅަށް މޫސަ ވަނީ ކޯޓަށް މައްސަލަ ހުށަހެޅީ އެވެ.

މި މައްސަލައިގައި، ކޯޓުގައި، މޫސަގެ ފަރާތުން ވަކާލާތު ކުރެއްވި ވަކީލު، އަލީ ސައީދު، މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ ކަަމަކީ، ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސްގެ މަގާމުގައި މޫސަ ހުންނެވިޔަސް، ދައުލަތުން އެއްވެސް އުޖޫރައެއް ނުނަގާ ކަމަށާއި އަދި އިންތިހާބު ކުރެވޭ މި ފަދަ މަގާމެއްގައި ހުރުމުން، މޫސަ އަކީ ދައުލަތުގެ މުވައްޒަފެއްގެ ގޮތުގައި ބެލެވޭނެ ހަމައެއް ގާނޫނުން ފެންނަން ނެތް ކަމަށެވެ.

ދައުލަތުގެ ވަކީލުންގެ ގޮތުގައި، ޝަރީއަތުގައި ވަކާލާތު ކުރެއްވި އީނާ މޫސާ އާއި ހުސެއިން ސާމީ، ފާހަގަކުރި މުހިންުމު ކަންކަމަށް ބަލާއިރު، ބެޑްމިންޓަން އެސޯސިއޭޝަނަކީ ކުޅިވަރު ގާނޫނާ އެއްގޮތަށް އަމަލުކުރަމުން އަންނަ، ދައުލަތުން ބަޖެޓް ދީގެން، ހިންގާ އެސޯސިއޭޝަނެއް ކަމަށެވެ. އެ ފަދަ ޖަމިއްޔާއެއްގައި، ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ކުރާކަމަށް ތުހުމަތުކުރެވޭނަމަ އެކަން ތަހުގީގު ކުރުމަށްޓަކައި، ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރުމަށް، މައްސަލައިގެ ބާވަތުން، އެންޓި ކޮރަޕްޝަން ކޮމިޝަނަށް ބާރު ލިބޭ ކަމަށެވެ.

ހަގީގަތަކީ، ބެޑްމިންޓަން އެސޯސިއޭޝަނަށް ދައުލަތުން ކުރާ ހަރަދުގެ ކަންކަން ބެލުމުގެ އިިހުތިޔާރު އޮންނަ ކަމަށް ކަނޑައަޅައި މި މައްސަލަ ކޯޓުން ނިންމާފައިވުމެވެ. މިއީ، ކުޅިވަރު އެސޯސިއޭޝަނެއްގެ ރައީސަކު މި ފަދަ މައްސަލައެއް ހިފައިގެން ކޯޓަށް ދިޔަ ފުރަތަމަ ފަހަރެެވެ.

މުއްދަތު ހަމަވެފައި އޮތް ހިންގާ ބޯޑެއްގެ އަތްމަތީގައި ބެޑްމިންޓަން އެސޯސިއޭޝަން އޮވެ، އެ ކުޅިވަރަށް ދުވެހެއް ދުވަހަކަށް މި ލިބެމުން އަންނަނީ ފޫނުބެއްދޭ ވަރުގެ ގެއްލުމެކެވެ. ސަރުކާރުގެ އެކި ރަސްމީ އިދާރާތަކަށް ގޮންޖަހާ އުސޫލުން ބެޑްމިންޓަން އެސޯސިއޭޝަން ރަނގަޅަށް ހިންގަން ކަމަށް ބުނެ، ހަވާލުވެ ތިބި މީހުން އެ ދަނީ އަމަލު ކުރަމުންނެވެ.

ރާއްޖޭގެ ބެޑްމިންޓަން ކުޅުންތެރިންގެ ހައްގުގައި މަސައްކަތްކުރަން ތިބެންޖެހޭ މީހުން މި ދަނީ އެ ކުޅުންތެރިންނަށް ކެރިއަރަށް އިހުމާލުވެ، ބެޑްމިންޓަން އާއިލާގެ މުސްތަގުބަލު ނުރަނގަޅު މިސްރާބަކަށް ގެންދަމުންނެވެ.

ގާނޫނުން ލިބިދޭ ބާރުގެ ތެރެއިން، މުއައްސަސާތަކުން ވީހާ ވެސް އަވަހަށް، ބެޑްމިންޓަން އެސޯސިއޭޝަންގެ އެ ހުރި މައްސަލަތަކަށް ހައްލެއް ނުހޯދައިފިނަމަ، ހާލަތު އިތުރަށް ގޯސްވަމުންދާކަން، އެ ކުޅިވަރާ ގުޅުން ހުރި ކޮންމެ ދިމާލަކަށް ބަލާލިޔަސް އެ ދަނީ ފެންނަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިޓީ އާއި އާސެނަލަށް މޮޅެއް ނުލިބުނު، ޗެލްސީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން މެންޗެސްޓާ ސިޓީ އާއި އާސެނަލް އެއްވަރުވިއިރު، ޗެލްސީ ވަނީ ލީޑްސް ޔުނައިޓެޑް އަތުން 4-1 އިން ބަލިވެފައި. ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވިއިރު، އާސެނަލް އާއި ނިއުކާސަލް ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެން.

އޮޑިން ކޮންމެ މެޗެއްގައި ވެސް ޓީމު ވަރުގަދަކޮށްގެން ނަތީޖާ ނެރެން

ދިވެހި ޕްރިމިއާ ލީގުގައި އޮޑި ސްޕޯޓްސް ކްލަބުން ކޮންމެ މެޗަކަށް ވެސް ނުކުންނަނީ ޓީމު ވަރުގަދަކޮށް ރަނގަޅު ނަތީޖާއެއް ނެރުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ ކޯޗު ލޫޗޯ ބުނެފި. ލީގުގެ ބްރޭކުގެ ތެރޭގައި ޓީމުގެ ފިޓްނަސް އާއި ކުޅުން ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާއިރު، މާދަމާ ޓީސީއާ ދެކޮޅަށް ނުކުންނާނީ މެޗުގެ ކޮންޓްރޯލް ހޯދައިގެން މޮޅުވާން

ނިއު ރޭޑިއަންޓް ބަލިކުރުން މުޅި ވިކްޓަރީ އަށް އިތުބާރަކަށްވާނެ

ދިވެހި ޕްރިމިއާ ލީގުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވުމަކީ ވިކްޓަރީގެ އިތުބާރު ބޮޑުވެ، ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުވާނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު މޯހަން ބުނެފި ލީގުގައި މިހާތަނަށް ބަލިނުވެ އޮތް މި ދެ ޓީމުގެ ކުރިމަތިލުމަށް ވިކްޓަރީ އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި ކަމަށްވެސް އޭނާ ފާހަގަކުރި

މުޑްރިކް އާއި ޔޫކްރެއިން އެފްއޭގެ ކޯޅުމެއް

މަނާބޭހުގެ މައްސަލައެއްގައި 21 މަސް ދުވަހުގެ ސަސްޕެންޝަނެއް ފުރިހަމަކުރުމަށްފަހު، ޔޫކްރެއިންގެ މިހައިލޯ މުޑްރިކް އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުން އިހުމާލުވި ކަމަށް ބުނެ ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލަ ހޫނުވެއްޖެއެވެ. މުޑްރިކްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޔޫކްރެއިން އެފްއޭގެ ރައީސް އަންޑްރީ ޝެވްޗެންކޯ ވިދާޅުވީ މުޑްރިކް ހަދަނީ ދޮގު ކަމަށާއި، މިއީ އެސޯސިއޭޝަނުގެ އަގުވައްޓާލަން ކުރާ ކަމެއް ކަމަށެވެ.

ޓޮމް ބްރެޑީ ޗެލްސީގެ ހިއްސާއެއް ގަންނަނީ

އެމެރިކަން ފުޓްބޯޅަ ލެޖެންޑް ޓޮމް ބްރެޑީ، ކްލިއަލޭކް ކެޕިޓަލް މެދުވެރިކޮށް އިނގިރޭސި ކްލަބް ޗެލްސީގެ މައިނޯރިޓީ ހިއްސާއެއް ގަތުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. މި އިންވެސްޓްމަންޓާއެކު އޭނާއަށް ވޯޓުލުމުގެ ހައްގު ނުލިބުނު ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކްލަބުގެ ބޯޑުން ފުރުސަތު ލިބުމުގެ ފުރުސަތު އެބައޮތެވެ. ބްރެޑީ މި ފިޔަވަޅު އަޅަނީ ބާމިންހަމް ސިޓީގައި އޮތް އޭނާގެ ހިއްސާ ދޫކޮށްލުމަށްފަހުއެވެ.

ބަޔާން އެއްވަރުވި މެޗުގައި ކޭން އަށް ސީރިއަސް އަނިޔާއެއް

ޖަރުމަނު ލީގުގައި ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުގައި ބަޔާން މިއުނިކްގެ ފޯވާޑް ހެރީ ކޭންގެ ކުޑަހުޅަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން، ތިން މަސް ދުވަހަށް އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ. ބަޔާން މި މެޗުން 1-1 އިން އެއްވަރުވިއިރު، މި ނަތީޖާއާއެކު ލީގުގެ އެއްވަނަ މަގާމު ގެއްލުމުގެ ބިރު އެ ޓީމަށް ވަނީ ކުރިމަތިވެފައި

ސްޕެއިން ކައިރިން ބަދަލުހިފަން ޒިދާން ބޭނުމެއް ނޫން

ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުގައި ސްޕެއިނާ ދެކޮޅަށް ނުކުންނައިރު، ފްރާންސްގެ އަމާޒަކީ ވޯލްޑް ކަޕްގެ ބަލިވުމުގެ ބަދަލުހިފުމުގެ ބަދަލުގައި މުބާރާތުގެ ތަށި ހޯދުން ކަމަށް ކޯޗު ޒިދާން ބުނެފި. ޒިދާން ފާހަގަކުރި ގޮތުގައި މިއީ އާ މުބާރާތެއް ކަމަށާއި، އަންނަ މާޗް މަހު އޮންނަ މި މެޗުތަކަށް ޓީމު އޮތީ ވަރުގަދަ އަމާޒެއްގައި

Newsletter

Get the latest news delivered straight to your inbox