މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ކަސްޓަމަރުންނަށް ދޭ ހިދުމަތް ހޯދުމަށް އިތުރު އާ ގޮތްތަކެއް މިއަދު ތައާރަފްކޮށްފި އެވެ.
އެ ބޭންކުން ތައާރަފް ކުރީ ސެލްފް ސާވިސް ކިއޮސްކް މެދުވެރިކޮށް ކަސްޓަމަރުންނަށް އަމިއްލައަށް އެ ބޭންކުގެ ހިދުމަތް ހޯދޭނެ މަގެކެވެ.
އެމްއައިބީން ބުނީ މި ހިދުމަތާއެކު އެ ބޭންކުގެ ހިދުމަތް ހޯދުމަށް ހުރިހާ އުމުރެއްގެ ކަސްޓަމަރުންނަށް ވެސް އުނދަގުލެއް ދިމާނުވެ، ފަސޭހަ ކަމާއެކު ހިދުމަތް ލިބޭނެ ކަމަށެވެ.
ކިއޮސްކުގެ ހިދުމަތް
އަމިއްލަ ހިދުމަތް ހޯދޭ މި ހިދުމަތް އެ ބޭންކުގެ މާލެ އަދި ހުޅުމާލެ ސެންޓަރުތަކުގައި ކިއޮސްކު މިވަގުތު ހުރި ނަމަވެސް، ވަރަށް އަވަހަށް އަތޮޅުތެރެއަށް މި ހިދުމަތް ފުޅާކުރާނެ ކަމަށް ވަނީ ބުނެފަ އެވެ. އަދި ހިދުމަތް ލިބިގަތުމަށް އެހީވާން ބޭންކުގެ މުވައްޒަފުން ތިބޭނެ އެވެ.
އެޕްލައި ނައު
އެމްއައިބީ އެޕްލައިނައުއަކީ ރާއްޖޭގައި ކަސްޓަމާ ސާވިސް ދިނުމަށް ބޭނުންކުރާ އެންމެ ފުރިހަމަ އެންމެ ބާރުގަދަ އެއް ޕޯޓަލް އެވެ. މި ޕޯޓަލް މެދުވެރިކޮށް ބޭންކަށް ނުގޮސް އެކައުންޓު ހުޅުވުމުގެ ހިދުމަތް ވަގުތުން ލިބެ އެވެ. މިއީ މި ހިދުމަތް ދޭ ރާއްޖޭގެ ހަމައެކަނި ބޭންކެވެ. އެޕްލައި ނައު ޕޯޓަލްގެ އުޖާލާ ނައު ސެކްޝަނުން ބޭންކަށް ނުގޮސް، މިހާރު ޝަރިއާ ހުއްދަކުރާ އުސޫލުން މުދާގަނެ އެކި ބޭނުންތަކަށް ފައިސާ ނެގެ އެވެ. މި ޕޯޓަލްއިން އެމްއައިބީގެ ހުރިހާ ހިދުމަތަކަށް އޮންލައިންކޮށް އެދެވެ އެވެ.
މޯބައިލް ސޭލްސް ޓީމުތަށް
އެމްއައިބީގެ މޮބައިލް ސޭލްސް ޓީމުތަކަކީ ވަރަށް ހަރަކާތްތެރި ޓީމުތަކެކެވެ. އެކި އޮފީސް ތަކަށް ޒިޔާރަތް ކުރުމާއި ބޭންކަށް ދިޔުމަށް އުޒުރުވެރިވާ ފަރާތްތަކަށް ހުރި ތަނަކުން މި ޓީމުތަށް ހިދުމަތް ދެމުންގެންދެ އެވެ. އެގޮތުން ކުންފުނި ތަކުގެ ސައިޓުތަކަށްގޮސް އެކައުންޓު ހުޅުވުމާއި ބޭންކުގެ ހިދުމަތް ނެތް ރަށްތަކަށް ޒިޔާރަތް ކުރުމާއި ވަގުތުން އެކައުންޓު ހުޅުވުމާއިއެކު ވަގުތުން ކާޑު ހަވާލު ކުރުންވެސް އެ ޓީމުތަކުން ކުރިޔަށް ގެންދެ އެވެ.
ފައިސާނެޓް
ރައްކާތެރި ޒަމާނީ އެމްއައިބީގެ އިންޓަނެޓް ބޭންކިން ހިދުމަތަކީ ފަސޭހަ ކަމާއެކު ބޭނުން ކުރެވޭ ހިދުމަތަކަށްވާއިރު، މި ހިދުމަތް މެދުވެރިކޮށް މާލީ މުއާމަލާތްތަށް ބަލާލެވޭ ޑޭޝް ބޯޑަކާއިއެކު ފަރުމާ ކޮށްފައިވާ ފައިސާނެޓުން އޮންލައިންކޮށް މުސާރަ ޖަމާކޮށްލާ، ޓީޓީ ފޮނުވުމާއި އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކެ އެވެ.
ކައުންޓަރުގެ ހިދުމަތް
އެމްއައިބީގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ލިބުނު ނަމަވެސް، އެކި ކަސްޓަމަރުންގެ ބޭނުންތަށް ތަފާތެވެ. ބޭންކަށް އައިސް ކައުންޓަރުން ހިދުމަތް ހޯދުމަށް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަކޮށް ވިޔަފާރި ހިދުމަތްތަކަށް އެބޭންކުން ވަނީ ކައުންޓަރާއި ބިޒްނަސް ލައުންޖުތަށް ގާއިމް ކޮށް ކަސްޓަމަރުންނަށް ހިދުމަތް ހޯދޭނެ މަގު ތަނަވަސް ކޮށްދީފަ އެވެ. އަދި އެބޭންކުން ދަނީ މިފަދަ އެކި ސެންޓަރުތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާރު ސްޕީޑުގައި ގާއިމްކުރަމުންނެވެ.
މީގެ އިތުރުން އެބޭންކުގެ ހުރިހާ މަރުކަޒެއްގައި ވެސް އިސް ރަށްވެހިންނަށާއި މާބަނޑު މީހުންނަށް ހާއްސަ ކައުންޓަރުތަކުން ހިދުމަތް ލިބެއެވެ.
އެމްއައިބީގެ ވަށާޖެހޭ މި ހިދުމަތް ދިނުމުގެ ނެޓްވޯކާއެކު މުޖުތަމައުގެ ހުރިހާ ފަންތިއަކާއި ހުރިހާ ގިންތިއެއްގެ ރައްޔިތުންނަށް އެ ބޭންކުން ހިދުމަތް ލިބިގަތުމަށް ފަސޭހަވެ އެވެ. މި ޒަމާނީ ބަދަލު ތަކާއެކު އެ ބޭންކުގެ މަގްބޫލުކަން ދިވެހިންނާއި ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ މެދުގައި ވަރަށް ބޮޑެވެ.









