ދިރާގާއި ސްޕާކްހަބް ގުޅިގެން "ލީން ސްޓާޓްއަޕް" ޕްރޮގްރާމް މި މަހު އައްޑޫ ސިޓީގައި ބޭއްވުމަށް ނިންމައިފި އެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައި ވަނީ ޖުލައި 19، އިން ފެށިގެން ޖުލައި 21، ގެ ނިޔަލަށް ސ. ގަމުގައި ހުންނަ އިކުއޭޓާ ވިލެޖުގައި ކަމަށެވެ. މި ޕްރޮގްރާމާ ބެހޭ އިތުރު މައުލޫމާތު ހޯދައި، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފަ އެވެ.
ދިރާގުން ބުނީ މި ޕްރޮގްރާމުގެ ބޭނުމަކީ ޒުވާނުންނަށް އެންޓްރިޕްރިނުއެރަލް ސްކިލްތައް ދަސްކޮށްދީ، އެކި ތަމްރީންތައް ދިނުމުގެ އިތުރުން ވިޔަފާރިތައް ފަށަން އެހީތެރިވެދިނުން ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް އެކި ކަހަލަ ސޮލިއުޝަންތަކާއި، ވިޔަފާރިތައް ކުރިއެރުވުމާއި، އަޅަން ޖެހޭ ފިޔަވަޅުތައް ވެސް ކިޔައިދޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ދިރާގާއި ސްޕާކްހަބުން އަންނަނީ ވިޔަފާރީގެ ހުނަރުތައް ތަރައްގީކުރުމަށް ހިތްވަރުދިނުމަށާއި، ސްޓާޓްއަޕް ސަގާފަތެއް ބިނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން މިދިޔަ އަހަރު ވެސް ލީން ސްޓާޓްއަޕް ވޯކްޝޮޕެއް 50 ބައިވެރިންނާއެކު ކާމިޔާބުކަމާއެކު ވޯކްޝޮޕެއް ކުރިއަށް ގެންދިޔަ އެވެ. އަދި ކުރިން ވެސް ލީން ސްޓާޓްއަޕްގެ އެކި ޕްރޮގްރާމްތަައް ދިރާގާ ގުޅިގެން ރާއްޖޭގައި ހިންގާފައިވެ އެވެ.











