މިއުނިކް (ޖޫން 22) - ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ކިބައިގައި މުޅި މެޗު ކުޅޭނެ ފިޓްނަސް އެބަހުރި ކަމަށާއި އޭނާ އަރާމްކުރަން ހުންނަން ބޭނުންނުވާ ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓީނޭޒް ބުނެފި އެވެ.
އުމުރުން 39 އަހަރުގެ ރޮނާލްޑޯ މުޅި މެޗުގައި ކުޅުވާތީ ގިނަ ސުވާލުތަކެއް މާޓީނޭޒަށް އަންނަނީ ކުރިމަތިވަމުންނެވެ. އެ ގޮތުން، ޕޯޗުގަލް އިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ތުރުކީއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮނާލްޑޯއާ ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލުތަކަށް މާޓީނޭޒް ވަނީ ޖަވާބު ދީފަ އެވެ.
"ތި މީހުންނަށް އެނގޭތަ މިދިޔަ ސީޒަނުގައި ކްރިސްޓިއާނޯ (ރޮނާލްޑޯ) ކިތަން މިނިޓް ކުޅުނުކަން. އޭނަގެ އެބަހުރި ތަޖުރިބާ، ޔޫރަޕްގެ ތާރީހުގައި ވެސް ނެތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ހަ މުބާރާތެއްގައި ކުޅެފައި ހުރި ކުޅުންތެރިއެއް ރޮނާލްޑޯ ނޫނީ،" މާޓީނޭޒް ބުންޏެވެ.
ކުރިން ބެލްޖިއަމް އަށް ކޯޗުކޮށްދިން މާޓީނޭޒް ބުނީ، ރޮނާލްޑޯ މި ޓީމަށް ބޭނުންވާ ސަބަބު ދެނެގަތުން އެއީ މި ސުވާލުތައް ކުރިމަތިކުރުވާ ފަރާތްތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
"ކޮންމެ ކުޅުންތެރިއަކު ވެސް ޓީމުގައި ހުރެގެން އެ ކޮށްދޭ ފައިދާ އަށް ބަލަންޖެހޭ. ރޮނާލްޑޯ ހުރީމަ ތަޖުރިބާގެ ފައިދާކުރޭ، ލަނޑު ޖަހާނެ ފުރުސަތުތައް ހޯދައިދޭ. އެޓޭކް ކުރަން އެހެން ކުޅުންތެރިންނަށް ޖާގަ ހޯދައިދޭ،" މާޓީނޭޒް ކިޔައިދިނެވެ.
"ކްރިސްޓިއާނޯ (ރޮނާލްޑޯ) ގައުމީ ޓީމުގައި އެ ހުރީ އޭނާ އަށް އެ ޖާގަ ހައްގުވާތީ. ބަލާލަންވީ އޭނާ އެންމެ ފަހުން ކުޅުނު މުބާރާތްތަކުގައި ކުޅެފައި ހުރި ކުޅުމަށް. އޭނާ އަރާމްކުރާކަށެއް ބޭނުމެއް ނުވޭ،"
މާޓީނޭޒް ބުނީ ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކާ ދެކޮޅަށް ރޮނާލްޑޯ ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށެެވެ. އަދި އެ މެޗުގައި ޕޯޗުގަލް މޮޅުވި ގޯލު ފްރާންސިސްކޯ ކޮންސެސާއޯ ކާމިޔާބުކުރިއިރު، އެ އެޓޭކްގައި ވެސް ރޮނާލްޑޯ ވަނީ ކުޅުންތެރިންނަށް ޖާގަ ހޯދައިދިނުމުގައި މުހިންމު ރޯލެއް އަދާކޮށްފައި ކަމަށް މާޓީނޭޒް ވަނީ ބުނެފަ އެވެ.
ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގުގެ އަލް ނަސްރުގައި ރޮނާލްޑޯ ކުޅުނު ފުރަތަމަ ފުލް ސީޒަނުގައި އޭނާ ވަނީ 35 ލަނޑު ޖަހައި ރެކޯޑް ހަދައިފަ އެވެ. އަދި ރޮނާލްޑޯ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ހޯލްޑަރެވެ. އެއީ 130 ގޯލު ޖަހައިގެންނެވެ. ޔޫރޯގައި މިރޭ ޕޯޗުގަލް އިން ތުރުކީއާ ދެކޮޅަށް ކުޅޭއިރު، ރޮނާލްޑޯ އަށް ލަނޑެއް ނުޖެހޭ ޓީމުތަކުގެ ތެރޭގައި ތުރުކީ ހިމެނެ އެވެ.












