ގެލްސެންކާޗެން (ޖަރުމަނު 20) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީ 1-0 އިން ބަލިކޮށް، ސްޕެއިނުން ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16 ބުރުގެ ޖާގައެއް ކަށަވަރުކޮށްފި އެވެ.
ތިން ފަހަރު ޗެމްޕިއަންކަން ހޯދައިފައިވާ ސްޕެއިނުން ނޮކައުޓް ބުރުން ޖާގަ ހޯދީ ގްރޫޕް ސްޓޭޖުގައި ބާކީ އެއް މެޗު އޮއްވަ އެވެ. އެ ގްރޫޕުން ކޮންމެ ޓީމެއް ދެ މެޗު ކުޅެފައިވާއިރު، ސްޕެއިނުން ވަނީ ހަ ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް އިޓަލީ އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ސްޕެއިނާއި އިޓަލީ ދެން ޕޮއިންޓް އެއްވަރުވިޔަސް، ހެޑް ޓު ހެޑް އިން ކުރި ލިބޭނީ ސްޕެއިނަށެވެ.
ގްރޫޕްގެ ތިން ވަނައިގައި އޮތް އަލްބޭނިއާ އާއި ފުލުގައި އޮތް ކްރޮއޭޝިއާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ. ގްރޫޕްގެ ފަހު މެޗުތައް އެއް ވަގުތެއްގައި ކުޅޭއިރު، އިޓަލީން ކްރޮއޭޝިއާއާ ބައްދަލުކުރާނެ އެވެ. އަދި ސްޕެއިނުން ކުޅޭނީ އަލްބޭނިއާއާ އެވެ.
މިރޭގެ މެޗު ފަށައިގެން ސްޕެއިނުން ފުރަތަމަ 10 މިިނިޓް ތެރޭ ލަނޑު ޖަހާނެ ރަނުގެ ދެ ފުރުސަތެއް ބޭކާރުކޮށްލި އެވެ. އެ ގޮތުން މެޗު ފަށައިގެން މިނިޓެއް ހިނގިތަނާ، އޭރިއާތެރެއިން ޕެޑްރީ ގޮންޒާލޭޒް ބޮލުން ޖެހި ބޯޅަ އިޓަލީގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އަދި ސްޕެއިނުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ ނަގައިދިން ބޯޅައަކުން ހުސްކޮށް އަރައި ނީކޯ ވިލިއަމްސް ބޮލުން ޖެހި ބޯޅަ ގޯލާ ސީދާނުވި އެވެ.

އޭގެ ފަހުން، އޭރިއާބޭރުން، ސްޕެއިންގެ ފަބިއަން ރުއީޒް ޖެހި ބާރު ބޯޅަ ވެސް ކީޕަރު ޑޮނަރުންމާ މަތަކުރީ އެވެ.
ދެ ވަނަ ހާފު ފެށިތަނާ ސްޕެއިނުގެ ޕެޑްރީ އަށް އަނެއްކާ ވެސް ހުސް ފުރުސަތެއް ލިބުނެވެ. އޭރިއާތެރެއިން ސްޕެއިނުގެ ފުލްބެކް، މާކް ކުކުރޭލާ ހުސްކޮށްލާފައި ދިން ބޯޅަ ޕެޑްރީ ފޮނުވާލި ނަމަވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.
ސްޕެއިނުން މެޗުގެ 55 ވަނަ މިނިޓްގައި ލީޑުނެގީ އިޓަލީގެ ޑިފެންޑަރު، ރިކާޑޯ ކަލަފިއޯރީ އަތުން ބައިކޮޅަށް ވަން ގޯލަކުންނެވެ. މިއީ ސްޕެއިންގެ ނީކޯ ނަގައިދިން ހުރަހެއްގައި އެ ޓީމުގެ މޮރާޓާ ބޮލުގަޔާއި ކީޕަރު ޑޮނަރުންމާ އަތުގައި ޖެހިފައި އައި ވަގުތު ކަލަފިއޯރީ ފައިގައި ޖެހިފައި ވަން ގޯލެކެވެ.
ޖުމްލަކޮށް އެޓޭކިން އަށް ބަލާއިރު ސްޕެއިނުން ޑޮމިނޭޓް ކޮށްގެން ކުޅުނު މި މެޗުގައި ސްޕެއިނަށް ލީޑުފުޅާކޮށްދޭން ނީކޯ ޖެހި ޝޮޓް ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.
އިޓަލީން ވެސް ކުރިއަށް ޖެހިގެން ކުޅެ އެޓޭކްތަކެއް ކުރި ނަމަވެސް ސްޕެއިންގެ ކީޕަރު އުނާއި ސިމޯންސް ރަނގަޅަށް ޓެސްޓްކޮށްލެވޭ ގޮތެއްނުވި އެވެ.
އިތުރު ވަގުތުގައި ސްޕެއިންގެ އަޔޯޒީ ޕެރޭޒް ޖެހި ދެ ޝޮޓެއް އިޓަލީގެ ކީޕަރު ޑޮނަރުންމާ ވަނީ މަތަކޮށްފަ އެވެ. އަޔޯޒީ ޕެރޭޒް ކުޅެން ނުކުތީ ބަދަލެއްގެ ގޮތުގަ އެވެ.
ސްޕެއިންގެ އިތުރުން ގަދަ 16 ޔަގީންކުރީ މުބާރާތް ބާއްވާ ގައުމު ޖަރުމަނެވެ.












