ގެލްސެންކާޗެން (ޖޫން 20) - ޔޫރޯގެ ގުރޫޕް ބީގައި މިރޭ ސްޕެއިންއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީ ނުކުންނައިރު، އިޓަލީން ބޮޑަށް ވިސްނާނީ އެ ޓީމުގެ އަމިއްލަ ގޭމު ކުޅުމަށް ކަމަށް އިޓަލީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޓީ ބުނެފި އެވެ.
އިޓަލީ އާއި ސްޕެއިން ވެސް ވަނީ ގުރޫޕް ބީގައި ކުޅުނު ފުރަތަމަ މެޗުތަކުން މޮޅުވެފަ އެވެ. އެހެންކަމުން މި ދެ ޓީމު މިރޭ ކުރިމަތިލާ މެޗުން މޮޅުވާ ޓީމަކަށް، ގުރޫޕް އެއް ވަނަ ޓީމުގެ ގޮތުގައި ގަދަ 16 އިން ޖާގަ ހޯދޭނެ އެވެ.
މެޗުގެ ކުރިން ސްޕެއިންގެ ނޫސްވެރިއެއް ކުރި ސުވާލަކަށް ޖަވާބު ދެމުން ސްޕަލެއްޓީ ބޭނުންވީ ސްޕެއިންގެ ވާހަކަ ނުދައްކައި، އޭނާގެ އަމިއްލަ ޓީމުގެ ވާހަކަ ދެއްކުމަށެވެ.
ސްޕަލެޓީ ބުނީ އިޓަލީ އިން ވިސްނާނީ އެ ޓީމުގެ "އަމިއްލަ ގޭމު" ކުޅުމަށް ކަމަށެވެ.
"އަހަރަމެންގެ އަމިއްލަ ގޭމު ކުޅުމުގެ ފުރުސަތު އެބައޮތް. އަހަރަމެން ބަލާނީ އެ ގޭމު ކުޅެން. ދެން އެކަން ނުވިތޯ ވިތޯ ބަލާނީ މެޗަށް ފަހު،" ސްޕަލެއްޓީ ބުންޏެވެ.
ސްޕަލެއްޓީ ބުނީ އިޓަލީން ސްޕެއިންގެ ޓީމަށް އިހުތިރާމް ކުރާނެ ކަމަށެވެ. އެހެން ނަމަވެސް، ސްޕެއިން އަކީ އެ ޓީމުގެ އަސްލު ފެންވަރަށް ވުރެ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ނުވާނެ ކަމަށެވެ.
"ސްޕެއިންގެ މުއްސަނދި ތާރީހެއް އެބައޮތް. އަހަރަމެން އެ ޓީމަށް އިހުތިރާމް ކުރާނަން. އެކަމަކު އެ ޓީމުގެ އަސްލު ފެންވަރަށް ވުރެ ވަރުގަދަ ޓީމެއްގެ ގޮތުގައި ދެކިގެން ނުވާނެ. އެއީ ހެދޭނެ ގޯހެއް،" ސްޕަލެއްޓީ ބުންޏެވެ.
ސްޕަލެޓީގެ ބުނީ ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗަށް ފުރަތަމަ 11 އިން ބައެއް ބަދަލުތައް ފެނިދާނެ ކަމަށެވެ.
އިޓަލީ އާއި ސްޕެއިން އަކީ ޔޫރޯގައި މުއްސަނދި ތާރީހެއް އޮތް ދެ ގައުމެވެ. މިރޭގެ މެޗަކީ 1960 ވަނަ އަހަރުގެ ފަހުން ޔޫރޯގައި މި ދެ ގައުމު ބައްދަލުކުރާ އަށް ވަނަ މެޗެވެ. އެންމެ ފަހުން ކުޅުނު ޔޫރޯގެ ފަސް މުބާރާތުގައިވެސް އިޓަލީ އާއި ސްޕެއިން ވަނީ ބައްދަލުކޮށްފަ އެވެ.
އިޓަލީން އެންމެ ފަހުން ބޭއްވި ޔޫރޯގެ ސެމީ ފައިނަލުގައި ސްޕެއިންގެ މައްޗަށް ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ.
ސްޕެއިނާއި އިޓަލީ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.












