ދައުލަތުގެ މޮނޮޕޮލީ: ހިދުމަތް ރަނގަޅުކުރުމަކީ އަހުލާގީ ޒިންމާއެއް

ދައުލަތުގެ މޮނޮޕޮލީ: ހިދުމަތް ރަނގަޅުކުރުމަކީ އަހުލާގީ ޒިންމާއެއް

ގާނޫނީ ގޮތުން ދައުލަތެއް، ދައުލަތަކަށް ވުމަށްޓަކައި، އަސާސީ ތިން ރުކުނެއް ފުރިހަމަވާންޖެހެއެވެ. އެ ދައުލަތެއްގެ ވެރިކަން ހިނގާނެ ބިމަކާއި، އެ ބިމުގައި ވެރިކަން ކުރާ ސަރުކާރަކާއި، އެސަރުކާރަށް ކިޔަމަންތެރިވެގެން ތިބެން އެއްބަސްވާ ރައްޔިތަކު ތިބެންޖެހެ އެވެ.

ގާނޫނީ ގޮތުން ދައުލަތެއް އުފެދުމުގެ ތަބީއީ ނަތީޖާއަކީ، އެ ގައުމެއްގެ ވަސީލަތްތަކުގެ ސިޔާދަތީ ބާރު ދައުލަތަށް ލިބުމެވެ. ބިމާއި، ބިމުގައި އަޑީގައިވާ މައުދަންތަކާއި، ފަރުބަދަތަކާއި، ރަށްތަކާއި ފަޅުތަކާއި އެނޫން ވެސް ހުރިހާ ތަބީއީ ވަސީލަތްތަކުގެ މިލްކުވެރިކަން އެ ދައުލަތަށް ލިބެ އެވެ. ދައުލަތުގެ ފަރާތުން، މިލްކުވެރިކަމުގެ ބާރު ބޭނުންކުރަނީ، އެ ދައުލަތެއްގެ ސަރުކާރުންނެވެ.

އެ ދައުލަތެއްގައި އޮންނާނެ ސަރުކާރުގެ ގޮތްބާވަތް ކަނޑައަޅަނީ ރައްޔިތުންނެވެ. ބައެއް ގައުމުތަކުގައި ރިޔާސީ ވެރިކަމެކެވެ. އަނެއްބައި ގައުމުތަކުގައި ޑިމޮކްރަސީ އެވެ. މިއިން ކޮންމެ ބާވަތެއްގެ ވެރިކަމެއްގައި ވެސް، ސަރުކާރާއި ރައްޔިތުންނާ ދެމެދު އޮތް މައިގަނޑު މުއާމަލާތަކީ، ދައުލަތުގެ ވަސީލަތްތައް ބަލަހައްޓައި، އެއިން އިގްތިސާދީ މަންފާ ހޯދައިގެން، އެ ލިބޭ ފައިސާއިން، ދައުލަތުން (ދައުލަތުގެ ފަރާތުން ސަރުކާރުން) ރައްޔިތުންނަށް ހިދުމަތްތަކެއް ފޯރުކޮށްދިނުމެވެ.

Advertisement

މަގުތައް ހެދުމާއި، ދަތުރު ފަތުރުގެ ނިޒާމާއި، ސިއްހީ، ތައުލީމީ، އިޖްތިމާއީ، އިގްތިސާދީ ހިދުމަތްތަކެވެ. ވީމާ، ވިޔަފާރީގެ ފަލްސަފާއަކުން ބަލާއިރު، ސަރުކާރަކީ މޮނޮޕޮލީއެކެވެ. މާކެޓުގައި ވަކި ވިޔަފާރިއެއް ކުރުމަށް އެންމެ ކުންފުންޏެއް އޮންނަ ނަމަ، އެ ކުންފުނި އެ އޮތީ މާކެޓު މޮނޮޕޮލައިޒް ކޮށްގެންނެވެ.

ދައުލަތުގެ ތެރޭގައި އޮންނަ ވެރިކަން ހިންގުމުގެ ބާރު، މި ޒަމާނަށް އައިއިރު، އިތުރު ތިން ބަޔަކަށް ބެހެ އެވެ. އެއީ، ވެރިކަން ހިންގުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރެވެ. ދައުލަތުގެ ވަސީލަތްތައް ބެލެހެއްޓުމުގެ ބާރު މަތިވެފައި އޮތީ ސަރުކާރުގެ ވެރިކަން ހިންގުމުގެ ބާރާ އެވެ. ވެރިކަން ކުރަންވީ ގޮތާބެހޭ އުސޫލުތައް ހަދަނީ ރައްޔިތުންގެ މަޖިލީހުން، ގާނޫނުތަކުގެ ސިފައިގައެވެ. އެ ގާނޫނުތަކާ އެއްގޮތަށް ޢަމަލުކުރޭތޯ ބަލަނީ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުންނެވެ. މިއީ، އަޅުގަނޑުމެން މިކިޔާ، ތިން ބާރު ވަކިވެފައިވާ، އެއް ބާރުން އަނެއް ބާރަށް ފާރަވެރިވާ ނިޒާމެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ބައެއް މާކެޓުތައް މޮނޮޕޮލައިޒްކުރުމަށް ސަރުކާރުން ފުރުސަތު ދެ އެވެ. އެއީ، އެ މާކެޓުގެ އަގުތައް ވަކި މިންވަރެއްގައި ހިފެހެއްޓުމަށެވެ. މިސާލަކަށް، ސްޓެލްކޯ ފިޔަވައި އިތުރު ކުންފުންޏަކަށް ކަރަންޓުގެ ހިދުމަތް ދިނުން މަނާކޮށްފައި އޮންނަނީ، އެކަމަށް ހިނގާ ހަރަދުގެ ސަބްސިޑީއެއް ސަރުކާރުން ސްޓެލްކޯއަށް ދީގެން، ހިދުމަތުގެ އަގު، އަތްފޯރާ ފަށެއްގައި ބެހެއްޓުމުގެ ބޭނުމުގައެވެ. ފެން ކުންފުންޏަކީ ވެސް އޭގެ މިސާލެކެވެ. މިއީ ސަރުކާރުގެ ވިޔަފާރި ކުންފުނިތަކެކެވެ.

އެއްވެސް ވިޔަފާރިއެއް މޮނޮޕޮލީއެއްގެ ގޮތުގައި ހިންގުމަކީ ރައްޔިތުންނަށް ނުރައްކާތެރިކަމެކެވެ. މޮނޮޕޮލީއެއްގެ ނުރައްކަލަކީ، އެ ހިދުމަތްދޭ އެހެން ބަޔަކު ނެތުމުން، އެ ވިޔަފާރިއަކުން ފޯރުކޮށްދޭ ހިދުމަތުގެ އަގު ކޮންޓްރޯލްކުރުމުގެ ބާރު، ހަމައެކަނި އެ ކުންފުންޏަށް އޮތުމެވެ. މިބިރުވެރިކަން ހުއްޓުވަން ސަރުކާރުތަކުން، ތަފާތު ވާދަވެރި ވިޔަފާރިތަކަށް ފުރުސަތު ދެ އެވެ. ރާއްޖޭގައި، މީގެ ކުރިން ދިރާގުން އޮތީ ޓެލެކޮމްގެ ހިދުމަތްތައް މޮނޮޕޮލައިޒްކޮށްފަ އެވެ.

ރައްޔިތުންގެ ޓެލެކޮމްގެ ހިދުމަތް ހޯދީ، ދިރާގުން ވިއްކި އަގެއްގައި ސިމް ގަނެގެންނެވެ. ފަސްސަތޭކަ ރުފިޔާއަށް ސިމެއް ވިއްކި ދުވަސް ވެސް ދިޔަ އެވެ. ސަރުކާރުން އުރީދޫއަށް ފުރުސަތު ދިނުމުން، ދިރާގުގެ މޮނޮޕޮލީ ނިމުމަކަށް އައިސް، ވިޔަފާރީގެ ވާދަވެރި މާހައުލެއްގެ ތެރެއިން، ހިދުމަތުގެ އަގު ހެޔޮވެ، ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަތަކެއް ލިބިއްޖެ އެވެ. ސިމް ކާޑެއްގެ އަގު މިއަދު ހުރީ، 90 ޕަސެންޓު އަގު ހެޔޮކޮށް، 50 ރުފިޔާއަށެވެ. އެހެން ގައުމުތަކުގައި، އެންޓިޓްރަސްޓް ގާނޫނުތަކުގެ ނަމުގައި މޮނޮޕޮލީތައް ކޮންޓްރޯލްކޮށް ބަލަހައްޓާނެ ގާނޫނުތައް ހަދާފައިހުރެ އެވެ.

ސަރުކާރުން ފޯރުކޮށްދޭ ބައެއް ހިދުމަތްތަކަކީ ވާދަވެރި ވިޔަފާރިއަށް ވެސް ހުޅުވާލެވިފައިވާ ވިޔަފާރިތަކެކެވެ. މިސާލަކަށް، ތައުލީމީ ދާއިރާއަކީ އަމިއްލަ މީހުންނަށް ވެސް ވިޔަފާރިކުރުމުގެ ފުރުސަތު އޮތް ދާއިރާއެކެވެ. ވިޔަފާރީގެ ދާއިރާގައި ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާ ވާދަކުރުމުން، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތުގެ ހަގީގީ ފެންވަރު ވަޒަންކުރަން ލިބެ އެވެ. ދިވެހިރާއްޖޭގައި ޕްރައިވެޓް ސްކޫލުތަކަށް އޮތް ޑިމާންޑާއި ސަރުކާރު ސްކޫލްތަކަށް އޮތް ޑިމާންޑު ވަޒަންކޮށްލުމުން، ސަރުކާރުގެ ޚިދުމަތް ގެންދަންވީ ހިސާބު ދެނެގަންނަން ފަސޭހަވެ އެވެ.

އަޅުގަނޑަށް ވިސްނޭ ގޮތުގައި، ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި، ސަރުކާރަކީ ގާނޫނުން ހިމާޔަތް ވެސް ދީފައިވާ މޮނޮޕޮލީއެކެވެ. މިސާލަކަށް، ގާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ގާނޫނު) ގެ ހަތަރު ވަނަ މާއްދާ (ރަޖިސްޓަރީކޮށްގެން މެނުވީ ވިޔަފާރިނުކުރުން) ގައި އޮތީ، ދިވެހިރާއްޖޭގައި އެއްވެސް ފަރާތަކުން ވިޔަފާރިއެއް ހިންގަންވާނީ، މި މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވިޔަފާރި ތަންތަނުގެ ތެރެއިން ތަނެއްގައި ގޮތުގައި ރަޖިސްޓަރީ ކުރުމަށްފަހު ކަމަށެވެ. އެ ނޫން ގޮތަކަށް ވިޔަފާރިއެއް ހިންގުމުގެ ހުއްދައެއް އެއްވެސް މީހަކަށް ނެތެވެ.

މި ހާލަތުގައި، ވިޔަފާރި ރަޖިސްޓަރީކޮށްދިނުމުގެ ހިދުމަތަކީ، އޭގެ ޒާތުގައި މޮނޮޕޮލީއެކެވެ. ހަމައެކަނި ތަފާތަކީ އެކަން ކުރަނީ ސަރުކާރުން ކަމަށްވުމެވެ. މި ހިދުމަތް މޮނޮޕޮލީއަކަށް ވުމުގެ މާނައަކީ، އެ ހިދުމަތް ސަރުކާރުން ފޯރުކޮށްދިނުމަށް ކޮންމެ އަގެއް ނެގިޔަސް، އެކަމަށް ކިތަންމެ ދުވަހެއް ނެގިއަސް، އެ ހުރިހާ ކަމަކާ ރުހިގެން މެނުވީ ދިވެހިރާއްޖޭގައި ވިޔަފާރި ނުކުރެވުމެވެ. ނަމަވެސް، ރާއްޖޭގައި ވިޔަފާރިކުރުމުގެ ހުއްދަ ދިނުމަކީ، އޭގެ ޒާތުގައި، ދައުލަތުގެ ސިޔާދަތީ ބާރާ ގުޅިފައިވާ ކަމަކަށްވާތީ، މި ހިދުމަތަކީ ސަރުކާރު ނޫން ބަޔަކަށް ދެވޭނެ ހިދުމަތެއް ވެސް ނޫނެވެ.

އަޅުގަނޑުގެ މަސައްކަތުގެ ދާއިރާއިން، ކުށުގެ ރެކޯޑު ސާފުކޮށްދިނުމަކީ އޭގެ މޮނޮޕޮލީއެކެވެ. ކުށުގެ ރެކޯޑާބެހޭ މައުލޫމާތުގެ އެއްބައި ހުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގަ އެވެ. އެ އޮފީހުން ކުށުގެ ރެކޯޑު ސާފުކޮށްނުދީފިނަމަ، ޕީޖީ އޮފީހުގެ ކުށުގެ ރެކޯޑު ސާފުކޮށްދެވޭނެ އެހެން މުއައްސަސާއެއް ނެތެވެ. މޮނޮޕޮލީއެއް އޮތް ހިދުމަތެއް ފޯރުކޮށްދިނުމުގައި އެންމެ ބޮޑަށް ސަމާލުވާންޖެހޭނެ ކަމަކީ، ރައްޔިތުންނަށް ފަސޭހަކަމާއެކު އެ ހިދުމަތެއް ފޯރުކޮށްދެވޭތޯ ބެލުމެވެ. އެގޮތުން، ޕީޖީ އޮފީހަށް ކުށުގެ ރެކޯޑެއް ސާފުކޮށްދިނުމަށް، އޮންލައިންކޮށް ހުށަހަޅުއްވައިފިނަމަ، 10 މިނިޓުގެ ތެރޭގައި ސާފުކޮށްދެމެވެ. ފޯމެއް ނުވަތަ ސިޓީއެއް ހުށަހަޅައިފިނަމަ، ދުވަހުން ދުވަހަށް ސާފުވާނެ އެވެ. އެކަން ކުރެވޭނެ އުސޫލުތައް ސާފުކޮށް ލިޔެ، މީހުންނަށް ފެންނާނޭހެން ބަހައްޓާފައި ހުންނާނެ އެވެ.

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ގިނަ ހިދުމަތްތަކަކީ މޮނޮޕޮލީތަކަކަށްވާތީ، އެ ހިދުމަތްތަކުގެ ފެންވަރު އާދަޔާ ހިލާފަށް ރަނގަޅަށް، ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދިނުމަކީ، އެހިދުމަތް ފޯރުކޮށްދޭން، ދައުލަތުން، ރައްޔިތުންގެ ފައިސާއިން މުސާރަ ދީފައިތިބޭ މީހުންގެ މައްޗަށް އޮތް އަަހުލާގީ ޒިންމާއެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކޮލަމް: ރައީސް މުއިއްޒު ހުވަޔާ ހިލާފުވެވަޑައިގެންފި

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ކުރެއްވި ހުވަޔާ ޚިލާފުވެ، ގައުމުގެ މިސްރާބު ހަލާކުގެ ތެރެއަށް އުކާލާފައިވާ ކަމަށް މި ލިޔުމުގައި ތުހުމަތުކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް، ސަމޯއާ އެގްރީމެންޓުގައި ސޮއިކުރުމާއި ޒަޔަނިސްޓުންނަށް ފުރުސަތު ދިނުން ފަދަ ކަންކަމަކީ އިސްލާމްދީނަށް ހުރުމަތްތެރިކޮށް ހިތުމުގެ ހުވަޔާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ވިކެމުންދާ ގޮފަޅުން ގިނަވެއްޖެނަމަ، ދީނެއް ގައުމެއް ނުއޮންނާނެ!

ދިވެހިރާއްޖޭގެ ނާޒުކު ކުޑަކުޑަ އެހެނަސް އަގުހުރި ބިމުގެ ފައްސަތޭކަ ހެކްޓަރު ޔަހޫދީންގެ މިތުރަކަށް ދިނުމަށްވުރެ ވަކީން ބޮޑީ ކޮން ޚިޔާނާތެއްތޯ އެވެ؟ އަދި އެޔަށްވުރެ ދަށު ދަރަޖައިގެ އެހެން އަމަލަކީ ވެސް ކޮބާތޯ އެވެ؟ ޒަޔަނިސްޓުންނާ އެޔަށްވުރެ ކައިރިއަށް އެޅޭނެ އެހެން ފިޔަވަޅަކީ ވެސް ފަހެ ކޮބާތޯ އެވ

ރަސްމާލެ މައްސަލަ؛ ގައުމީ ސަލާމަތަށް ނުރައްކަލަކަށް

ރަސްމާލެ މަޝްރޫއާ ދެކޮޅަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން ގޮވާލި މީހަކު ހައްޔަރުކުރުމާ ގުޅިގެން، މި މަޝްރޫއާ މެދު އޮތް ހިތްހަމަނުޖެހުންތައް އަނިޔާވެރި އަމަލުތަކަކަށް ބަދަލުވުމުގެ ބިރު ވަނީ ބޮޑުވެފައެވެ. ސަރުކާރުގެ ނިންމުންތަކާ މެދު އޮތް ސިޔާސީ ހިޔާލުތަފާތުވުންތައް، ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހަރުކަށި ފިކުރުގެ އަމަލުތަކަށް މަގުފަހިވެދާނެތީ އެކަމަށް ސަމާލުވާން ޖެހެއެވެ.

ރަސްކަމުގައި ދެމިހުރުމަށް ކުޅުނު ނުރައްކާތެރި ސިޔާސީ ކުޅިގަނޑު

އިންޑިއާ ކަނޑުތެރޭ ފެތުރިފައިވާ ނާޒުކު މުރަކަ ފަރުތަކުގެ ނަލަ ނަލަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ގައުމަކީ އެޒަމާނުގައި މުހިންމު ބޭނުންތައް ހިފޭ ވަރަށް އަގުހުރި ތަކެތި ލިބޭ އުފެއްދުންތެރި ޖަޒީރާތަކެކެވެ.

އަނިޔާގެ ވާހަކަތައް ސިއްރުކުރުމުގެ ސަގާފަތް ހުއްޓާލަން ޖެހޭ

ހުވަދު އަތޮޅުގެ ރަށެއްގައި އަންހެނަކަށް ދިން ލާއިންސާނީ އަނިޔާތަކާ ގުޅިގެން ނުވަ މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި އަނިޔާ ލިބުނު މީހާ ކުށްވެރިކޮށް ފާޑުކިޔުން ވަނީ އިތުރުވެފައެވެ. ޖިންސީ އަނިޔާގެ ޒިންމާ އަނިޔާ ލިބޭ މީހާގެ ބޮލުގައި އެޅުވުމުގެ މި ނުރައްކާތެރި ސަގާފަތް ހުއްޓާލައި، ކުށް ކުރާ މީހުން ޒިންމާދާރުކުރުވުމަށް އިސްކަންދޭން ޖެހެއެވެ.

މުއިއްޒުގެ ޝަހުސިއްޔަތާއި، ނަފުސިއްޔަތު އަދި ޒާތީ މައްސަލަތައް

މި ލިޔުމުގައި އަލިއަޅުވާލާފައިވަނީ ރައީސް މުއިއްޒުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒު އިންތިހާއަށް ގަދަވެފައިވާ ކަމަށާއި، މިއީ ގައުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އަދި ރައީސްގެ ކިބައިގައި ހިކުމަތްތެރިކަމާއި ސިޔާސީ ގާބިލުކަން ކުޑަވުމުގެ ސަބަބުން، ފަސްޓް ލޭޑީގެ ދައުރު އޮންނަންޖެހޭ މިންވަރަށް ވުރެ ބޮޑުވެ، ދައުލަތުގެ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވަމުންދާކަން މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ.

ޖަމިއްޔަތުއްސަލަފުގެ ބަޔާން ލަސްވަނީ ކީއްވެތޯ އެވެ؟

ޖަމިއްޔަތުއްސަލަފް ބަދަލުވެފައިވާ މިންވަރަށް ބަލާއިރު، ރަސްމާލެ ޕްރޮޖެކްޓާމެދު އައު ތަނަވަސް ވިސްނުމެއް އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެކަން ހާމަކުރުމުގެ ޒިންމާ އަދާކުރުމުގައި ފަހަތަށް ޖެހެނީ ކީއްވެތޯ އެވެ؟

Newsletter

Get the latest news delivered straight to your inbox