މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ 2022 ވަނަ އަހަރުގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބަހަން އެ ކުންފުނިން ރޭ ބޭއްވި ހާއްސަ އަހަރީ ޖަލްސާގައި ފާސްކޮށްފި އެވެ.
މިދިޔަ އަހަރު ޖޫން މަހު ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ހުށަހެޅީ ވެސް 2022 ގެ ފައިދާއިން ހިއްސާއަކަށް ހަތަރު ރުފިޔާ ބެހުމަށެވެ. ނަމަވެސް, އެ ޖަލްސާގައި އެގޮތަށް ފާހެއްނުވެ އެވެ.
ރޭ އެގޮތަށް ފާސްކުރި ޖަލްސާގައި ބައިވެރިވީ 47 ހިއްސާދާރުންނެވެ. އެެއީ, ޖުމުލަ 5,540,192 ހިއްސާ އެވެ. ސަރުކާރަކީ އެމްޓީސީސީގެ 64.20 ޕަސެންޓު ހިއްސާ އޮތް އެންމެ ބޮޑު ހިއްސާދާރެވެ.
އެ އަހަރުގެ ފައިދާ އިން ޖުމްލަ 32 މިލިއަން ރުފިޔާ ބެހުމަށް ޑިރެކްޓަރުންގެ ބޯޑުން އޮތީ ނިންމާފަ އެވެ. އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 2022 ގައި 195.7 މިލިއަން ރުފިޔާ ލިބުނެވެ.
އެމްޓީސީސީން ވަނީ މިދިޔަ އަހަރު ވުޖޫދުކުރި ކުންފުނީގެ އާ ގާނޫނާ އެެއްގޮތް ކުރުމުގެ ގޮތުން ކުންފުނީގެ އަސާސީ އަދި ހިންގާ ގަވާއިދު ވެސް ރޭ ފާސްކޮށްފަ އެވެ. އެ ކުންފުންޏަކީ މިގޮތަށް ފާސްކުރި ރާއްޖޭގެ ފުރަތަމަ ލިސްޓެޑް ކުންފުންޏެވެ.









