ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
އެސޯސިއޭޝަންތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ ޖާގައިގެ ދަތިކަމާ ބެހޭގޮތުން މިނިސްޓަރު ރާފިއު ވާހަކަ ދެއްކެވީ، ދާދި ފަހުން، ކުރިއަށްދިޔަ ޗެސް އެސޯސިއޭޝަންގެ ގައުމީ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ މި އަހަރު ތެރޭ ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ކުޅިވަރުގެ ވަރަށް ބޮޑު ދެ ކޮމްޕެލްސްއެއް އަޅާކަމަށާއި އޭގެ ސަބަބުން އެސޯސިއޭޝަންތަކަށް ކުޅިވަރު ކުރިއެރުވުމުގައި ހުރި ޖާގައިގެ ދަތިތަކަށް ލުޔެއް ލިބިގެންދާނެ ކަމަށެވެ.
"އެސޯސިއޭޝަންތަކުގެ ޖާގައިގެ ދަތިކަން އެބަހުރި، އެކަމަށްޓަކައި އެކަމުގެ ހައްލެއް ވެސް މި ކަމުގައި ލިބިގެންދާނެ އަދި އިންޑޯ ކުޅިވަރު ކުޅެވޭ ތަންތަން ވެސް އިތުރު ވެގެންދާނެ. ޖާގައިގެ ދަތިކަމަށް ހައްލެއް މި ކަމުގެ ސަބަބުން، ޗެސް އަށް ވެސް އަންނާނެ ކަމަށް. އަޅުގަނޑުމެން ވަރަށް ބޮޑަށް އުންމީދުކުރަން،" ރާފިއު ވިދާޅުވި އެވެ.

ގައުމީ ޗެސް މުބާރާތުގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު
މީގެ އިތުރުން، ރާފިއު ވިދާޅުވީ، ސަރުކާރުން އިސްނަގައިގެން ކުޅިވަރުގެ ދުރު ރާސްތާ ޕްލޭނެއް ހެދިއިރު، ފާހަގަވެގެންދިޔަ މުހިންމު ކަމަކީ، ސްކޫލްގެ ކަރިކިއުލަމް ތެރެއިން ކުޅިވަރުގެ ކަންކަން ވެސް ކުރިއަށްގެންގޮސްގެން ނޫނީ ދުރު ރާސްތާ އަށް ބަލާއިރު ހާސިލްކުރަން ބޭނުންވާ ކަންކަން ނުކުރެވޭނެކަން ކަމަށެވެ.
ޗެސް އެސޯސިއޭޝަނުން އެދިފައިވާ އެއް ކަމަކީ، ކައިރި ގައުމުތަކަށް ޓްރެއިނިން އަށް ގޮސް މުބާރާތްތަކަށް ތައްޔާރުވުމުގެ ފުރުސަތަށެެވެ. ރާފިއު ވިދާޅުވީ އެއީ އެހެން ކުޅިވަރުތަކަށް ވެސް ފަހިކޮށްދޭ ކަމެއް ކަމަށާއި ޗެސް އަށް ވެސް އެ ފުރުސަތު ލިބޭނެ ކަމަށެވެ.
"ކައިރި ގައުމުތަކަށް ޓްރެއިނިން އަށް ގޮސް، އަޅުގަނޑުމެންނަށް ވުރެ މޮޅެތި ކުދިންނާ އެކީގައި ކުޅުމުގެ ފުރުސަތު ލިިބިގެންދިއުމަކީ ކޮންމެ ކުޅިވަރެއްގައި ވެސް ކުރަން ޖެހޭ ކަމެއް. އަޅުގަނޑުމެންނަށް ހީވެފައި އޮންނަނީ އަޅުގަނޑުމެން މުބާރާތް ކުޅެން ޖެހެނީ ކުޅެގެން މޮޅުވާ ޓީމުތަކާ އެކީގައޭ. އޭރުންނޭ އަހަރެމެންނަށް މޮޅުވެވެނީ، އެހެންނެއް ނޫން އަޅުގަނޑުމެން ބަލަންޖެހޭނީ އަޅުގަނޑުމެންނަށް ވުރެ މޮޅެތި ޓީމުތަކާއި މޮޅެތި ކުދިންނާ އެކީގައި ކުޅެގެން ތަޖުރިބާ އާއި ހުނަރު އިތުރުކުރަން،" ރާފިއު ވިދާޅުވި އެވެ.
ސްޓެޓިސްޓިކްސް އަށް ބަލާއިރު ރާއްޖޭހެ ޗެސް އިން ކުރިއެރުންތަކެއް ފެންނަމުން އަންނާތީ އެ ކަމަށް ޓަކައި މިނިސްޓަރު ރާފިއު ވަނީ، ޗެސް އެސޯސިއޭޝަނަށް މަރުހަބާ ކިޔައިފަ އެވެ.












