ބްރިޖްޓައުން، ބާބަޑޯސް (ޖޫން 9) - ޓީ20 ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑް މި ފަހަރުގެ މުބާރާތުގައި ކުޅުނު ދެ ވަނަ މެޗުން އޮސްޓްރޭލިއާ އަތުން ބަލިވެ، މާޔޫސްކަމާ ކުރިމަތިލާން ޖެހިއްޖެ އެެވެ.
ފުރަތަމަ މެޗުގައި، ސްކޮޓްލެންޑާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗު ފުރިހަމަ ނުކުރެވި، ނަތީޖާއެއް ނުނެރެވުނެވެ. އިއްޔެ ދެ ވަނަ މެޗުގައި އިންގްލެންޑުން އޮސްޓްރޭލިއާއާ ބައްދަލުކޮށް ބަލިވީ، 36 ލަނޑުންނެވެ.
އެންމެ ފަހުގެ ޗެމްޕިއަނުންގެ ގޮތުގައި މުބާރާތާ ކުރިމަތިލައި، އިންގްލެންޑަށް އަދި މޮޅެއް ނުލިބި އޮތުމުން ގްރޫޕްގެ ފަހު ދެ މެޗާ އެ ޓީމުން ކުރިމަތިލާނީ ޕްރެޝަރާ އެކުގައި ކަމަށް ބެލެވެ އެވެ. ފަހު ދެ މެޗުގައި އެ ޓީމުން ކުޅޭނީ، ނަމީބިއާ އާއި އޮމާންއާ ދެކޮޅަށެވެ.
އޮސްޓްރޭލިއާއާ ދެކޮޅަށް އިންގްލެންޑަށް ޓޮސް ދިމާވުމުން ނިންމީ ފީލްޑް ކުރުމަށެވެ. އޮސްޓްރޭލިއާ އިން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަތް ކުޅުންތެރިން ނުބައިވެގެން 201 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ޑޭވިޑް ވޯނާ އާއި ޓްރަވިސް ހެޑް އަދި ކެޕްޓަން، މިޗެލް މާޝް އެވެ. ހެޑް 34 ލަނޑު ހެދިއިރު، ވާނާ 39 އަދި މާޝް ވަނީ 35 ލަނޑު ހަދައިފަ އެވެ.
މި އިނިންގްސްގައި، އިންގްލެންޑްގެ ކްރިސް ޖޯޑަން ވަނީ ހަތަރު އޯވަރަށް ދެ ވިކެޓް ނަގައިފަ އެވެ.
ޖަވާބުގައި ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެން، އިންގްލެންޑަށް ހެދުނީ 165 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 42 ލަނޑު ހެދި ޖޯޝް ބަޓްލާ އާއި 37 ލަނޑު ހެދި ފިލް ސޯލްޓް އެވެ.












