ހަރަކަތުލް މުޤާވަމަތުލް އިސްލާމިއްޔާ (ހަމާސް) އަކީ ތަނެއްގައި އޮތް ސައްހަ ސަރުކާރަކާ ދެކޮޅަށް ތަނެއް ދޮރެއް ނުބަލައި ޓެރަރިސްޓް ހަމަލާތަކެއް ދޭން އުފައްދާފައި އޮތް ޓެރަރިސްޓް ޖަމާއަތެއް ނޫނެެވެ. އެ ޖަމާއަތާ މެދު އެގޮތަށް ދެކެނީ ޔަހޫދީންނާ އެއްކޮޅު ތައައްސުބުން ފުރިފައިވާ އެމެރިކާ ފަދަ ހައްދުފަހަނައަޅާފައިވާ ގައުމުތަކުން އެކަންޏެވެ.
ފަލަސްތީނު މީހުންގެ ހައްގުގައި ހަނގުރާމަ ކުރުމުގެ މަގުސަދުގައި 1987 ވަނަ އަހަރު އެ ޖަމާއަތް އުފެދުނީ ހައްދެއް ނެތް އަނިޔާ އާއި ނާއިންސާފަށް ދުނިޔެ ލޯ މަރައިލިޔަ ނުދިނުމަށެވެ.
ތައައްސުބުން އެއްކިބާވެ، އިންސާފުވެރިކަމާ އެކު ވިސްނާ ޣައިރުމުސްލިމުން ވެސް އެކަމަކަށް ހެކިވެ އެވެ. އެމެރިކާގެ ވޮކްސް ނިއުސް ގައި އޮކްޓޯބަރު 11، ވަނަ ދުވަހު ޝާއިއުކުރި ލިޔުމެއްގައި ޒެކް ބީޝެމްޕް ބުނެފައިވާ ގޮތުގައި ހަމާސް އިން އޮކްޓޯބަރު 7، ގައި އިޒްރޭލަށް ދިން ހަމަލާގެ ފަހަތުގައި އޮތީ ފަލަސްތީނު މީހުންގެ މިނިވަންކަމާ ގުޅިފައިވާ މުހިންމު ސަބަބުތަކެކެވެ. އެއީ ކުރު މުއްދަތަކަށް ވިޔަސް ދެތިން ކަމެއް ހުއްޓުމަކަށް ގެނައުމެވެ.
ބީޝެމްޕް އާ ހަވާލާދީ ވޮކްސްގެ ލިއުމުގައި ބުނެފައިވާ ގޮތުގައި ހަމާސް އިން ދިން ހަމަލާގެ އެއް ބޭނުމަކީ ޔަހޫދީ ވަޒަންވެރި އަގުސާ މިސްކިތަށް ދޭ ގެއްލުންތައް ހުއްޓުމަކަށް ގެނައުން ކަމަށް އެ ޖަމާއަތުން ބުނެ އެެވެ. ހަމާސްގެ އެވާހަކަ އޭނާ ދޮގެއް ވެސް ނުކުރެ އެވެ.
އަނެއް ބޭނުމަކީ ހުޅަނގު އައްސޭރީގައި ޔަހޫދީ ވަޒަންވެރިން ފަލަސްތީނު މީހުންނަށް ދޭ ހަަމަލާތައް އިތުރުކޮށްފައިވާތީ އެކަން ވެސް ހުއްޓުވުމެވެ. ޔަހޫދީ ވަޒަންވެރިން މިފަހުން ދޭން ފެށި ހަމަލާތަކުގައި ހަތިޔާރުގެ ބޭނުންކޮށްގެން، ފަލަސްތީނު މީހުންގެ އެތައް ދަނޑުބިމެއް ވެސް ފޭރިގަތެެވެ.
ހަމާސްގެ އޮކްޓޯބަރު 7، ހަމަލާއިން ނުސީދާ ގޮތެއްގައި ހުއްޓުވަން އަމާޒުކުރި ވަރަށް މުހިންމު އެހެން ކަމެއް ވެސް ވޮކްސްގެ ލިޔުމުގައި، މާހިރުންނާ ހަވާލާދީ ފާހަގަކޮށްފައި އެބަ އޮތެެވެ. އެއީ ސައުދީ އަރަބިއްޔާއިން އިޒްރޭލާ އެކު ގާއިމްކުރަން އުޅޭ ސެކިއުރިޓީ އެއްބަސްވުމެެވެ. އެފަދަ އެއްބަސްވުމެއްގައި ސައުދީ އަރަބިއްޔާއިން ސޮއިކޮށްފި ނަމަ މެދު އިރުމަތީގެ އެހެން ގައުުމުތަކަށް، އިޒްރޭލާ އެކު އޮންނަ ގުޅުން "ނޯމަލައިޒްކުރަން" ހިތްވަރު ލިބޭނެ އެެވެ.
އެއީ ފަލަސްތީނުމީހުންގެ މިނިވަންކަމަށް ޓަކައި ކުރާ މަސައްކަތަށް ބޮޑު ގެއްލުމެއް ވާނެ ކަމެކެވެ. މާހިރުންނާ ހަވާލާދީ ވޮކްސްގެ ލިޔުމުގައި ފާހަގަކޮށްފައިވާ ގޮތުގައި އިޒްރޭލުން ފަލަސްތީނުމީހުންނަށް ކުރާ އަނިޔާއާ މެދު ދުނިޔެ ދެކޭ ގޮތް މުޅީން ބަދަލުކޮށްލުމަކީ ހަމާސްގެ ހަަމަލާގެ އެންމެ ފުޅާ މަގުސަދެެވެ.
"ފަލަސްތީނުގެ ފެކްޝަންތަކުން މިފަދަ އޮޕަރޭޝަންތައް ހިންގަނީ ފަލަސްތީނު މީހުންގެ ކޯޒް ދިރި ދެެމެހެއްޓުމަށް ޓަކައި، ފަލަސްތީނުގެ ސިޔާދަތަށް ޓަކައި ކުރާ މަސައްކަތް، ބޭރުގެ ބާރަކުން ހުއްޓުވިޔަ ނުދިނުމަށް ޓަކައި،" އެމެރިކާގެ ޔުނިވާސިޓީ އޮތް ކެލިފޯނިއާގެ މިޑުލް އީސްޓާން ހިސްޓްރީ އެކްސްޕާޓް ޖޭމްސް ގެލްވިން "ވޮކްސް" އަށް ވިދާޅުވެފައި ވެ އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ސައުދީ އަރަބިއްޔާއިން އިޒްރޭލާ އެކު ހަދަން އުޅޭ ޑީލުން ވާނެ ކަމަކީ ވެސް އެޔެވެ. އެފަދަ ޑީލެއް ހަދައިފި ނަަމަ ފަލަސްތީނުގެ ދައުލަތް އުފައްދަން ކުރާ މަސައްކަތް ހުއްޓި، އިޒްރޭލު އިތުރަށް ލެޖިޓިމައިޒްވާނެ އެވެ.
މިހާލަތުގައި ހަމާސް އިން އިޒްރޭލަށް ހަަމަލާއެއްދީ، އިޒްރޭލުން އާދައިގެ މަތިން ފަލަސްތީނުގެ އާއްމުންނަށް ހަަމަލާދޭން ފެށުމުން، ހަމާސްއަށް ވާގިވެރިވާ ގައުމުތައް އެކަމުގައި ދެމިތިބޭނެ އެވެ. އަދި ފަލަސްތީނުމީހުންގެ މިނިވަންކަަމަށް ޓަކައި ކުރާ ޖިހާދު ދިރިދެމި އޮންނާނެ އެވެ.
ހަަމާސްގެ ހަމަލާގެ ބަދަލު ހިފުމުގެ ނަމުގައި އިޒްރޭލުން ޣައްޒާގެ މާރުކޭޓުތަކާއި ސްކޫލްތަކާއި ވަގުތީ ހިޔާތަކަށް ހަަމަލާދީ އާއްމުންގެ އެތައް ބަޔަކު މަރަމުން ދިއުމަކީ އަރަބި ގައުުމުތަކުން އިޒްރޭލާ އެކު ގުޅުންތައް ނޯމަލައިޒްކުރަން ހުރަސް އެޅޭނެ ކަމެކެވެ.
ހަމާސްގެ ތަރުޖަމާނު އަލްޖަަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި އޮކްޓޯބަރު 7، ހަމަލާއާ އެކު އަރަބި ގައުމުތަކަށް ހަމާސް އިން ދިނީ ވަރަށް ސާފު މެސެޖެކެވެ. އެެއީ އެގައުމުތަކުން އިޒްރޭލާ އެކު ގުޅުންތައް ނޯމަލައިޒްކޮށްގެން ނުވާނެ ކަމުގެ މެސެޖެވެ.
ހަމާސްގެ ތާރީހު
ހަމާސްގެ އަސްލަކީ 1970 ގެ އަހަރުތަކުގައި ހުޅަނގު އައްސޭރި އާއި ޣައްޒާގައި ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގި ޖަރީމާތަކުގައި ޒަހަމްވަމުން ދިޔަ ފަލަސްތީނު މީހުންނަށް ފަރުވާކުރަން ގާއިމްކުރި ކްލިނިކްތަކެވެ. އެ ކްލިނިކްތައް ގާއިމްކުރުމުގައި އުޅުނު މީހުން ފަހުންވީ ހަމާސްގެ ހަރަކާތްތެރިންނަށެވެ.
ރަސްމީކޮށް ހަމާސް އުފެއްދީ 1987 ވަަނަ އަހަރެވެ. އެ ޖަމާއަތް ތެދުވީ ހުޅަނގު އައްސޭރި އާއި ޣައްޒާގައި އިޒްރޭލުން ހިންގަމުން ގެންދިޔަ ގަތުލުއާންމުތަކާ ދެކޮޅަށް ފަލަސްތީނުމީހުން ތެދުވި ތެދުވުން ނުވަތަ "ފުރަތަމަ އިންތިފާޟާ" ގެ ތެރެއިންނެވެ.
ޖެހިގެން އައި އަހަރު ހަމާސް އިން އިއުލާނުކުރީ އިޒްރޭލުގެ އަޅުވެތިކަމުން ފަލަސްތީނު މިނިވަންކުރުމަށް ޓަކައި ޖިހާދުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށެވެ. އެ އިއުލާނާ އެކު 1989 ގައި ދިން ފުރަތަމަ ހަމަލާގައި އިޒްރޭލު ސިފައިންގެ ބަޔަކު ރަހީނުކޮށް، ދެމީހުން މަރައިލި އެވެ.
އެއާ އެކު އިޒްރޭލުން ހަމާސްގެ ބާނީ ޝައިޚު އަހުމަދު ޔާސީން ހައްޔަރުކުރި އެވެ. އިޒްރޭލުން 1997 ވަނަ އަަަހަރު ޔާސީން މިނިވަންކުރީ ހަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ ޚާލިދު މިޝްއަލް އަވަހާރަކޮށްލަން މަސައްކަތްކުރި މޮސާޑް އެޖެންޓުންތަކެއް، ހަމާސްގެ އަތްދަށުވުމުން، އެމީހުން މިނިވަންކުރުމުގެ ބަދަލަށެެވެ.
އޭގެ ފަހުން 2005 ވަނަ އަހަރު ހަމާސް އިން ސިޔާސީ ދާއިރާއަށް ނުކުމެ، ފަލަސްތީނުގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރި އެވެ. ޕާލަމެންޓްރީ ނިޒާމަށް ހިންގަން އުޅުނު އެ ސަރުކާރުގެ ބޮޑުވަޒީރަކީ އިސްމާއީލް ހަނިއްޔާ އެެވެ.
އެ އިންތިހާބަށް ފަހު ހަމާސް އާ ސަރުކާރު ހިންގަން ހަވާލުނުކުރުމުން ފަތަހަ ޖަމާއަތާއި ހަމާސްއާ ދެމެދު އަހުލީ ހަނގުރާމައެއް ހިނގި އެވެ. ހަމާސް އިން ފަހުން ވެރިކަން ކުރި ޣައްޒާއަށް އެ ޖަމާއަތް ބަދަލުވީ އެހިސާބުންނެވެ.
އެއީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް އެމެރިކާއިން ކަނޑައެޅީ އެހިސާބުންނެވެ. އެމެރިކާއަށް ވާގިވެރިވާ ބައެއް ގައުމުތަކުން އެ ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބެލިޔަސް، އެއީ ފަލަސްތީނު މީހުންގެ ދިފާއުގައި ޖިހާދުކުރާ މުޖާހިދުން ކަމަށް އެތައް ގައުމަކުން ދެކެ އެވެ. އެހެނީ ފަލަސްތީނުގެ ބިންތައް ފޭރިގަނެގެން 1948 ވަނަ އަހަރު އިޒްރޭލު އުފެއްދީއްސުރެ މިއަދާ ހަަަމައަށް ވެސް، ބިން ފޭރުމާއި މީހުން މެރުމުގެ ޖަރީމާ ހުއްޓާލައިފައެއް ނުވެ އެވެ.
ހަމާސް އިން އިޒްރޭލަށް ހަމަލާދެނީ އެ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށެވެ.












