ދައުލަތުގެ ދަރަނި؛ ދީނީގޮތުން އިންތިހާއަށް ނުރައްކާތެރި ކަމެއް

ދައުލަތުގެ ދަރަނި؛ ދީނީގޮތުން އިންތިހާއަށް ނުރައްކާތެރި ކަމެއް

ނުހަނު ހަރަދުކުޑަކޮށް އުޅުމަށްޓަކައި، އަމިއްލަ ރަށުގައި ކުއްޔެއް ނެތި، ރަށުން ލިބޭ ތައުލީމު ދަރިންނަށް ދީގެން، ރަށު ކަނޑުން މަސްބާނައިގެން އެދަރިންނަށް ކާންދީގެން، ރަށު ހޮސްޕިޓަލުން ލިބުނު ފަރުވާއަށް ރުހިގެން، އޭނާ އުޅޭއިރު އޭނާ ހިތަނީ އޭނާއަކީ ދަރަނިވެރިއެއްނޫންކަމަށެވެ. މިއުޅޭ މީހުން އުޅޭހެން ދަރާވިކިގެންވެސް ދުނިޔޭގެ އެތަން މިތަނަށް ދަތުރުކުރުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. އޭނާ ދިރިއުޅެނީ އޭނާއަށް ލިބުނު މިންވަރުން ކުރެވޭ ކަމެއް ކޮށްގެން މިންވަރުފުޅަށް ރުހިގެންނެވެ. އޭނާއަކީ އޭނާގެ އެހެން ރަށްޓެހިން ފަދައިން ބޭންކުތަކުން ދޫކުރާ ލުއި ލޯނުތަކާއި، ކްރެޑިޓް ކާޑްތައް ބޭނުންކުރާ މީހެއް ނޫނެވެ.

މި ލިޔުން ކިޔާ މިފަދަ މީހުންނަށް އޮޅިފައި އޮވެދާނެ ހަގީގަތަކީ ތިމާއަކީ ދަރަނިވެރިއެއް ނޫންކަމަށް ހީވެފައި އޮތް އޮތުމެވެ. ދަންނަވަންތޯ އެވެ! އެހެންނަކުން ނޫނެވެ. ތިބާއީ ދިވެއްސެކެވެ. ދިވެހި ދައުލަތުގެ ބައިވެރިއެކެވެ. ދިވެހި ދައުލަތުގެ ނަމުގައި ކުރެވޭ ކޮންމެ ކަމަކުން ބައިއެޅޭ، އެދައުލަތުގެ ކޮންމެ ބައިވެރިއަކަށް ހައްގުވާ ކޮންމެ އެއްޗެއް ހައްގުވާ ބީދައިން އެދައުލަތުގައި އެޅިފައި އޮތް ކޮންމެ ޒިންމާއެއް ކޮންމެ މަސްއޫލިއްޔަތެއް ކޮންމެ ދަރަންޏަކުންވެސް އެނިސްބަތުން ބައިއެޅެމުންދާ ބަނގުރޫޓުވަމުންދާ ފަހުރުވެރި ދިވެހި ދަރިއެކެވެ. ދިވެހި ދައުލަތް ބަޔެއްގެ އަތުން ދަރަންޏެއް ނަގާފައި އޮތް ނަމަ އެޔަކީ ތިބާގެ ވެސް ނަމުގައި ނަގާފައި އޮތް ދަރަންޏެކެވެ.

ދެން އަޅުގަނޑާއެކު އިސްލާމީ ނަޒަރަކުން ދަރަނީގެ މައުލޫއަށް ކޮންމެވެސް ވަރަކަށް ނަޒަރެއް ދެއްވުން ކީއްތޯ އެވެ؟ އިމާމް އަޙްމަދު އަދި ޙާކިމް ރިވާކުރައްވަ އެވެ. މުޙައްމަދު ބިން ޢަބްދުﷲ ބިން ޖަޙްޝު ރިވާކުރައްވައި ވިދާޅުވެ އެވެ. ތިމަން ބޭކަލުން މިސްކިތުގެ ހަރިންމައިގައި ތިއްބަވަނިކޮށް، މީހަކު ނިޔާވެގެން ޖަނާޒާއެއް ގެނެވުނެވެ. މާތް ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމް ގެ އިސްތަށިފުޅު އޭރު ހުރީ އުޑާދިމާއަށެވެ. ފަހެ މަތިބައްލަވަން ހުންނަވާފައި، އިސްދަށަށް ޖައްސަވައި، ނިތްކުރިފުޅުމަތީގައި އަތްޕުޅު ބޭއްވެވުމަށްފަހު ހަދީސް ކުރެއްވި އެވެ. ﷲ ގެ ހުސްތާހިރުވަންތަކަމާ އެވެ! ﷲ ގެ ހުސްތާހިރުވަންތަކަމާ އެވެ! ހަރުކަށިކުރެއްވުމަށް ބާވައިލެއްވުނީ ކޮން އެއްޗެއްތޯއެވެ؟ ދެން ތިމަންބޭކަލުން އެދުވަހާއި އެދުވަހުގެ ރޭގައި ހިމޭނުން ތިއްބެވީމެވެ. ފަތިސްވީއިރުވެސް އެކަމަކީ އެދެވޭ ކަމެއްކަމަށް ތިމަން ބޭކަލުންނަށް ފެނިވަޑައިނުގަތުމުން، ދެން ތިމަންކަލޭގެފާނު މާތް ނަބިއްޔާއަށް ސުވާލު ދެންނެވީމެވެ. ހަރުކަށިކުރެއްވުމަށް ބާވައިލެއްވުނީ ކޮން އެއްޗެއްތޯއެވެ؟ ހަދީސް ކުރެއްވިއެވެ. "ދަރަންޏާމެދުގަ އެވެ. މުޙައްމަދުގެފާނުގެ ނަފުސު އެކަލާނގެ އަތްޕުޅުގައިވާ ކަލާނގެ ގަންދެއްވައި ހަދީސް ކުރައްވަމެވެ. މީހަކު ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވެފައި، އަލުން ދިރިއުޅެ، އަނެއްކާ ދެވަނަ ފަހަރަށް ﷲ ގެ މަގުގައި ހަނގުރާމަކޮށް ޝަހީދުވެފައި ދެން ދިރިއުޅެފައިވެސް، އޭނާ އަދާކުރަންޖެހޭ ދަރަންޏެއް އޮތްނަމަ، އެދަރަނި އަދާވުމަށް ދާންދެން އޭނާ ސުވަރުގެ ނުވެއްދޭނެ އެވެ."

ހަމަ މިމައުލޫގައި ހިމެނޭ އެހެން ރިވާޔަތެއް ވެސް ވިދާޅުވާށެވެ. އެއްދުވަހަކު މާތް ނަބިއްޔާ ހުންނަވަނިކޮށް ޖަނާޒާއެއް ގެނެވުނެވެ. އަދި އެކަލޭގެފާނުގެ އަޞްޙާބުން މައްޔިތާގެ މައްޗަށް ކަށުނަމާދުކޮށްދެއްވުމަށް މާތް ނަބިއްޔާގެ އަރިހުން ދެންނެވި އެވެ. އެހިނދު ހަދީސް ކުރެއްވި އެވެ. އޭނާގެ އަދާނުކޮށްވާ ދަރަންޏެއް ވޭހެއްޔެވެ؟ ދެންނެވުނެވެ. އާއެކެވެ. އެހިނދު ހަދީސް ކުރެއްވި އެވެ. އޭނާ ތަރިކައިގެ ގޮތުގައި އެއްޗެއް ދޫކުރިހެއްޔެވެ؟ ދެންނެވުނެވެ. ތިން ދީނާރެވެ. އޭނާގެ މައްޗަށް ނަމާދުކޮށްދެއްވާށެވެ! އެހިނދު ހަދީސް ކުރެއްވި އެވެ. ތިޔަބައިމީހުންގެ އެކުވެރިޔާގެ މައްޗަށް ތިޔަބައިމީހުން ނަމާދުކުރާށެވެ! އެހިނދު މާތް ޞަޙާބީ އަބޫޤަތާދާ ދެންނެވި އެވެ. މާތް ނަބިއްޔާ އެވެ! އޭނާގެ މައްޗަށް ކަށުނަމާދުކޮށްދެއްވާށެވެ. އޭނާގެ ދަރަންޏަށް އަހުރެން ޒިންމާވަމެވެ. ދެން މާތް ނަބިއްޔާ އެމައްޔިތާގެ މައްޗަށް ކަށުނަމާދުކުރެއްވި އެވެ.

އާދޭހެވެ! ފަރުދީގޮތުން ނަގާ ދަރަންޏާ ދައުލަތެއްގެ ސިފައިގައި ނަގާ ދަރަނީގައި ތަފާތެއް ހުރެ އެވެ. ޝައްކެތް ނެތެވެ. ދައުލަތްތައް މިޒަމާނުގައި ހިނގަމުން އަންނަ ގޮތަށް ބަލާއިރު، ދައުލަތުގެ ނަމުގައި ނެގޭ ކޮންމެ ދަރަންޏަކީ، އެ ދައުލަތުގެ އެންމެ ފަރުދަކަށް ހުއްޓުވޭނެ އެއްޗެއް ނޫނެވެ. އަދި ފަރުދީގޮތުން އެކަކު ދެމީހަކު އެކަމާ ދެކޮޅު ހެދިޔަސް އެދެމީހުންގެ ވެސް ނަމުގައި އެދަރަނި ނެގެމުންދާނެ އެވެ. އެކަމަކު ދަންނަވަންތޯ އެވެ! އެހެނެކޭ ކިޔާފައި، ދައުލަތެއްގެ ނަމުގައި ނަގައިގެން އުޅޭ ދަރަނިން އެ ދައުލަތެއްގެ ހަމަ އެންމެހާ މީހުން ފަރުދަކުން ފަރުދަކުން "ފަރުދީ ގޮތުން" ދީނީ ގޮތުން ސަލާމަތްވާނެކަމަށްތޯ އެވެ؟ ދިވެހި ދައުލަތުގެ ނަމުގައި ނެގޭ ދަރަނި ހުއްޓުވުމަށް ފަރުދީ ހައިސިއްޔަތުން އޭނާ ކުރި މަސައްކަތެއް ނުވަތަ ބުނި ބަހެއް ނެތި، ނުވަތަ އެންމެ ކުޑަ މިނުން ހިތުން އެކަމަށް ނުރުހިގެން ނަމަވެސް އީމާންކަމުގެ ކުޑަމިންވަރު ގެނެސްނުގެންނަނަމަ، އެކަމަކީ ސަލާމަތްވާވަރަށްވުރެ ސީރިއަސްކަން ބޮޑު މައްސަލައެކެވެ.

ދައުލަތެއްގެ ސިފައިގައި މިރާއްޖެ ހިނގަމުންދަނީ އިންތިހާއަށް ހަރަދުބޮޑު ގޮތެއްގައިކަމާމެދު އެކަމަށް ނަޒަރުކޮށްފި އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ. ދައުލަތުގެ ބަޖެޓާ މަތިކޮށްގެން ކުރަންނުޖެހޭ އެތައް ބައިވަރު ހަރަދުތަކެއް ކުރަމުންދާ ކަމާމެދަކަށް ވެސް މީހަކު ދެބަހެއް ނުވާނެއެވެ. މީގެ މިސާލަކަށް އާދައިގެ ސިވިލް ސާވިސް މުވައްޒަފަކަށް ލިބޭ މުސާރައިގެ ތިންގުނަ ބޮޑުކޮށް ތައުލީމެއް ތަޖުރިބާއެއް ނެތި މުސާރަދެވޭ އެތައް ހާސް މުވައްޒަފުންނެއް އިހު ސަރުކާރާއި މިސަރުކާރުގައި ވެސް އެބަ ގެންގުޅެއެވެ. ވިއްޔާވަނީ އިތުރެވެ.

މަގާމަށް އެކަށީގެންވާނެ ގޮތުން މަގާމު ލިބިފައި ތިބި އެތައް ބަޔަކަށް އިމްތިޔާޒުތަކާއި އިނާޔަތުގެ ގޮތުގައި ކުރަމުން ގެންދާ ހަރަދުތަކަކީ ވެސް، ދައުލަތުގެ މާލިއްޔަތު ދަރަނިވެރިވެފައިވާއިރު، ކިހިނަކުން ކުރަން ހެޔޮވާނެވަރުގެ ކަމެއްތޯއެވެ؟ ތިން ފަށަލައިން ފަށަލަވެގެން އެތައް ބަޔަކަށް ނުހައްގު މަންފާ ތިންގުނައަށް ނުވާ ގޮތުން ނޫނީ ދައުލަތުގެ މާލިއްޔަތުން ހަރަދުކޮށްގެން ހިންގޭ ދައުލަތުގެ އެއްވެސް ޕްރޮޖެކްޓެއް އޮންނަ ކަމަކަށް ނުވެއެވެ. ކޮންމެ ސަރުކާރެއް ނިމިދާއިރު އަނެއް ސަރުކާރުން އައިސް ބިތުފަންގި ނަގާއިރު، ދައުލަތުން ހިންގައިފި މަޝްރޫޢެއް ނަމަ، އެންޓި ކޮރަޕްޝަން ކޮމިޝަނުން ކޮންމެވެސް ބާވަތެއްގެ ތަހުގީގެއް ހިންގަން ނުޖެހޭނެ ގޮތަކަށް ހަމަ އެއްވެސް ކަމެއް ކޮށްފައި އޮންނަ ތަނެއް ފެންނަމަކުން ނުދެއެވެ.

މިބާވަތުން އިސްރާފު ބޮޑުކޮށް، ނުހައްގުން އެތައް ބަޔަކަށް ބައިއެޅިގެންދާނެ ގޮތަށް ދައުލަތް ހިނގަމުންދަނީ، ދަރަންޏަކާ ނުލައިނަމަ، އަޅުގަނޑަށް ޞަޙީހް ބުޚާރީގައިވާ އަންނަނިވި ރިވާޔަތުން ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ލިބިގެންދިޔައީހެވެ. އެރިވާޔަތުގައިވެއެވެ. މާތް ﷲ މުސްލިމުންނަށް ކާމިޔާބާ ފަތަހަދެއްވައި، މުސްލިމުންގެ ބައިތުލްމާލު މުއްސަނދިވުމަށްފަހު މާތް ނަބިއްޔާ ހަދީސް ކުރައްވާކަމުގައިވެ އެވެ. "މުއުމިނުންގެ ނަފުސުތަކަށްވުރެ ތިމަންކަލޭގެފާނު އެބައިމީހުންގެ މައްޗަށް އައުލާވެގެންވެއެވެ. ފަހެ މުއުމިނުންގެ ތެރެއިން މީހަކު މަރުވާއިރު، އޭނާގެ ދަރަންޏެއް އޮތްނަމަ، އެދަރަންޏެއް އަދާކުރުން ތިމަންކަލޭގެފާނަށެވެ. އަދި އޭނާ މުދަލެއް ދޫކޮށްފައި ދިޔަނަމަ އެ އެއްޗެއް އޭނާގެ ވާރުތަވެރިންނަށެވެ."

މިރިވާޔަތުން ދަލީލު ލިބޭ ގޮތުގައި މުސްލިމުންގެ ބައިތުލްމާލު މުއްސަނދި ނަމަ، މުސްލިމަކު މަރުވިޔަސް އޭނާގެ ދަރަނި ބައިތުލްމާލުން އަދާކުރެވޭނެއެވެ. އެކަމަކު އަހަރެމެން ދިވެހި މުސްލިމުންގެ މާލިއްޔަތުތޯއެވެ؟ މިހުސްވި ހަފުތާގެ މެދުތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މުޤައްރިރު، އަދި މަޖިލީހުގެ މިހާރުގެ ނާއިބު ރައިސް އަޙްމަދު ނާޒިމު ފާޅުކުރެއްވީ އާދަޔާ ހިލާފު ކަންބޮޑުވުމެކެވެ. ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތުގެ ނާޒުކުކަމާމެދު އަޙްމަދު ނާޒިމު ދެއްކެވި ވާހަކަފުޅުތަކަށް ބަލާއިރު، ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑު އަދި މާބޮޑަށް ކަންބޮޑުވީ، އިގުތިސާދުގެ ހާލަތުގެ ނާޒުކުކަމަށްވުރެ ވެސް އިގުތިސާދުގެ ހަގީގީ ހާލަތު ދިވެހި ރައްޔިތުންގެ މަންދޫބުންނަށް ވެސް ސިއްރުވެފައި އޮތްލެއް ބޮޑުކަން ނާޒިމްގެ ވާހަކަފުޅުތަކުން ދޭހަވެގެންދިއުމުންނެވެ. އާދޭހެވެ! ދިވެހި ދައުލަތް ދަރާވިކި ބަނގުރޫޓުވަމުންދާއިރު، އެމައްސަލައަކީ ހަމަ ކޮންމެ ދިވެހި ރައްޔިތަކު އެކަމާމެދު ވިސްނާފިކުރު ހިންގަންޖެހޭ ކަމެކެވެ. އަދި އިންތިހާއަށް ދަރަނި ބޮޑުކޮށް ޚަރަދު ބޮޑުކޮށް ދައުލަތް ހިންގަމުންދާއިރު، އެކަމަށް ރުހިގެން ތިބުމަކީ ދީނީ ނަޒަރަކުން ބަލާއިރު ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. ވަރަށް ކެރިހުރެގެން ދަންނަވަމެވެ. މިކަމަށް ރުހިގެން ތިބުމީ ފާފަވެރިވާނެ މައްސަލައެކެވެ. ދީނުގައި އޮތީ އަތުން މަނާނުކުރެވޭނަމަ ދުލުން މަނާކުރުމެވެ. އެވަރު ނުވާނަމަ ހިތުން އެކަމަށް ނުރުހިގެން ތިބުމެވެ. ހިތުން ނުރުހުމަކީ ވިސްނުމާއި ފިކުރުނުކޮށް، ކަމުގެ ގޮތްބާވަތް ދެނެނުގަނެ ކުރެވޭނެ ކަމެއް ނޫނެވެ. ސަމާލުވާށެވެ! ތިބާ ނިޔާވާއިރު ތިބާގެ ނަމުގައި ދަރަންޏެއް އޮތުމަކީ ނުރައްކާތެރިކަން ބޮޑު މައްސަލައެކެވެ. ހަމައެކަނި ދުނިޔަވީ މައްސަލައެއް ނޫނެވެ. ދީނީ މައްސަލައެކެވެ. އަދި ތިބާ ނިޔާވުމުން ތިބާގެ ދަރަންޏަށް ޒިންމާ ނަގަން އޮތް ދިވެހި ދައުލަތުގެ މާލިއްޔަތު އޮތީ ބަނގުރޫޓުވުމާ ހަމައިގައިކަމަށް އެވިދާޅުވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރެވެ. އެއީ ބަނގުރޫޓުވުމާ ދިމާއަށް ދާ ވާހަކަ އެވެ. ދަރަނީގެ ވާހަކަ ދައްކާނަމަ، ދަރާފައި އޮންނަތާ ފަހުގެ ޖީލުގެ އުމުރުން ވީހާ ދުވަހެކެވެ. އާދޭހެވެ! ބިރުހުރި ނުރައްކާތެރި މައްސަލައެކެވެ.

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox