ރިޕޯޓުހުޅަނގުގެ މި ލީޑަރުން: ޓެރަރިޒަމްގެ ހަގީގީ ވާގިވެރިން!

ހުޅަނގުގެ މި ލީޑަރުން: ޓެރަރިޒަމްގެ ހަގީގީ ވާގިވެރިން!

ހުޅަނގުގެ މި ވެރިން މި ތިބީ ދުނިޔޭގެ ތާރީހުގެ ރަނގަޅު ފަޅީގައެއް ނޫނެވެ. އިޒްރޭލުގައި ދިފާއުގައި ދައްކާ ހުއްޖަތްތަކުގައި އަސާސެއް ނުފެނެ އެވެ. ދެމުންދާ އަސްކަރީ އެހީއާ ގުޅޭ ގޮތުން އެ ގައުމުތަކުގެ ރައްޔިތުން އުފައްދާ ސުވާލުތަކަށް، އެކަށޭނަ ގޮތަކަށް ޖަވާބުދާރީ ވުމެއް ވެސް ނެތެވެ.

ހުޅަނގުގެ މި ލީޑަރުން: ޓެރަރިޒަމްގެ ހަގީގީ ވާގިވެރިން!

ފާއުތުވި ހަތް މަސް ދުވަހު އިޒްރޭލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލްއާންމުގައި 36،000 އަށް ވުރެ ގިނަ އާންމުން މަރާލައިފި އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. މި ކަމަށް ލޯ މަރާލައިގެން ތިބީ ދުނިޔޭގެ އެންމެ ގަދަ ބާރުތަކެވެ. ތަހުޒީބު ކަމަށް ދައުވާކުރާ ހުޅަނގުގެ ގިނަ ގައުމުތަކާއި އެ ގައުމުތަކުގެ ވެރީންނެވެ.

އިޒްރޭލުން ފަލަސްތީނުގެ އާންމުންނާ ދެކޮޅަށް ހިންގަމުން އައި ކަންކަމާ ދެކޮޅަށް ހަމާސް (ފަލަސްތީނުގެ އަސްކަރީ ޖަމާއަތެއް) އިން ދިން ހަމަލާއަށް ފަހު، ގަތުލުއާންމަކަށް އިޒްރޭލުން މި ކަން ހަދައިފި އެވެ. އެއަށް ފަހުގައި ވެސް ދުނިޔޭގެ އެންމެ ގަދަ ދެ ބާރުގެ ގޮތުގައި ބަލާ އެމެރިކާ އަދި އިނގިރޭސިވިލާތުގެ ދައުލަތް އޮތީ ކުރިއެކޭ އެއް ގޮތަށް ވެސް އިޒްރޭލާ އެކުގަ އެވެ.

ސަލާމަތުގެ ހައްގު އޮންނާނެ ކަމުގެ ނަމުގައި ދެވެން އޮތް އެހީއެއް ދީ، ވާގިވެރިވެގެނެވެ. ސިއްރަކު ވެސް ނޫނެވެ. ފާޅުގަ އެވެ. އިޒްރޭލުން ކުރާ ކޮންމެ ތުހުމަތަކަށް ވެސް ދަނީ "އާނ ބަސް" ބުނަމުންނެވެ. އެއިން ކޮންމެ ކަމަކަށް މާ ގިނަ ސުވާލެއް ނުކޮށް، ދިރާސާއެއް ނުކޮށް، ބެލުމެއް ނެތި، ގެންދަނީ ވާގި ދެމުންނެވެ.

Advertisement

އިޒްރޭލުން މި ފަހުން ކުރި އެންމެ ބޮޑު ތުހުމަތަކީ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (ޔޫއެންއާރްޑަބްލިއުއޭ) ގެ މުވައްޒަފުން ހަމާސްއާ ގުޅުންތަކެއް އޮތް ކަމެވެ. ހަމާސް ވަރުގަދަ ކުރަމުންދާ އެއް ވިއުގަކީ އެއީ ކަމަށެވެ.

އޭގެ ފަހުގައި އެމެރިކާ، އިނގިރޭސިވިލާތް، ޖަރުމަނު އަދި އެހެން ބައެއް ހުޅަނގުގެ ގައުމުތަކުން، އެ ގައުމުތަކުގެ ޖަމިއްޔާތަކުންނާއި އެ ގައުމުތަކުގެ މީހުންގެ ފައިސާ ޣައްޒާއަށް ފޮނުވޭ ގޮތް މެދުކަނޑުވައިލި އެވެ. އެއީ އެއިން ހަމާސަށް ފަންޑު ލިބޭ ކަމަށް ބުނެފަ އެވެ. އިޒްރޭލުގެ ތުހުމަތަށް މި ވެރީން ދީލައިލީ އެވެ. އޭރު ޣައްޒާގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ބަނޑުހައިހޫނުކަން ވެސް އޮތީ ކުރިމަތިވެފަ އެވެ.

ހުޅަނގުގެ މަތިވެރިކަން ވިސްނޭ ފިކުރު

އިޖުތިމާއީ އަދުލާއި ދުނިޔޭގެ ސިޔާސީ އަދި ނަސްލުތަކުގެ ތާރީހު ދިރާސާކުރައްވާ، އެމެރިކާގެ ޑޮނާލްޑް އާލް ކޮލިންސް، މި ދެމިގެންދާ ގަތުލްއާންމުގެ ވާހަކައާ ގުޅިގެން "އަލްޖަޒީރާ" ގައި ޝާއިއުކުރި ލިޔުމެއްގައި ފާހަގަކޮށްފައިވާ ގޮތުގައި ހުޅަނގުގެ މި ވެރީން ދެކޭ ގޮތުގައި އެ މީހުންގެ ތެރޭގައި ގޯހެއް ނޫޅޭނެ އެވެ. ޒަމާނުއްސުރެން އެ މީހުންގެ "އެލައިސް" ގެ ގޮތުގައިވާ ގައުމެއްގައި އެފަދަ ކަމެއް ނުހިނގާނެ އެވެ.

ދީނުގެ ހަރުކަށިކަން ނެތް ބައެއް ގޮތުގައި، އަދި ކޮންމެ ދީނަކާއި ނަސްލެއް ތަފާތު ކުރުމެއް ނެތް މުޖުތަމައެއްގެ ގޮތުގައި ހުޅަނގުން އެ މީހުންގެ ގައުމުތައް ދުނިޔޭގައި އިޝްތިހާރު ކުރި ނަމަވެސް އެ ކަން އޮތީކީ މުޅިއަކުން އެހެން ނޫން ކަމަށް ތާރީހީ އިލްމުވެރިޔާ ކޯލަން ލިޔެފައިވެ އެވެ.

"ހުޅަނގުގެ ތަހުޒީބަކީ އޭގެ ހުދުމުހުތާރު ކަމުގެ ސަބަބުން މާ މަތިވެރި ބައެއްގެ ގޮތުގައި ދެކޭ މި ގަބޫލުކުރުން ސަގާފަތުގައި އެހާ ބޮޑަށް އަށަގެންފައިވާ ބައެއް، އެހެން މި ވަނީ ހުޅަނގުގެ ޒުވާނުން އެ މީހުންގެ ދިރިއުޅުމުގައި އެއްވެސް މީހަކު އެކަމާ ސުވާލު ކުރުމެއް ނެތި ބޮޑުވާތީ،" އޭނާ ލިޔެފައިވެ އެވެ.

އެމެރިކާގެ ދަރިވަރުންނަށް ތާރީހުގެ ފިލާވަޅުތައް ދިނުމުގައި ހުރި ދަތިތައް ވެސް އޭނާ ހިއްސާކޮށްފައިވެ އެވެ. ހުޅަނގުގެ ވެރިން ގެންދިޔައީ އެ ދަރިވަރުންނަށް ހުޅަނގުގެ "މަތިވެރިކަން" ގަބޫލުކުރާ ފަދަ އަގީދާއެއް ވިސްނައިދެމުން ކަމަށް އޭނާ ލިޔެފައިވެ އެވެ. ހުޅަނގުގެ ގައުމުތަކުގައި ހިނގާފައިވާ ގަތުލުއާންމުތަކާއި އިންސާނީ ހައްގުތަކާ ހިލާފު ހާދިސާތަކުގެ ތާރީހު ކިޔައިދެވޭ ވަރު ނުވާ ކަމަށް ވެސް ބުންޏެވެ.

"އެމްޕަޔާ، ކޮލޯނިއަލިޒަމް، އަދި ކެޕިޓަލިޒަމްގެ ނަމުގައި ހިންގާފައިވާ އެހެނިހެން ޖަރީމާތަކާ ބެހޭގޮތުން ވެސް އަޅުގަނޑުމެންނަކަށް މަޝްވަރާއެއް ނުކުރެވުނު،" އޭނާ ލިޔެފައިވެ އެވެ.

އެ ލިޔުމުގައި ކޯލަން ބައެއް ހާދިސާތައް ނޯޓުކޮށްފައިވެ އެވެ: 1880 ވަނަ އަހަރުން ފެށިގެން 1920 ވަނަ އަހަރާ ދެމެދު އިނގިރޭސީން ބަނޑުހައިހޫނުކަމުގައި، މަރާލައި، ނުވަތަ މަރާލަން މަސައްކަތްކުރި ދެކުނު އޭޝިއާގެ 165 މިލިއަން މީހުންގެ ވާހަކަ އެވެ. ނުވަތަ ބެލްޖިއަމްމީހުން ނައްތާލި ކަމަށް ބެލެވޭ 10 މިލިއަން ކޮންގޯ މީހުންނެވެ. ނުވަތަ 1904 ވަނަ އަހަރުން ފެށިގެން 1908 ވަނަ އަހަރާ ދެމެދު ޖަރުމަނު ސިފައިން ނެމީބިއާގައި 100،000 އެއްހާ ހެރޭރޯ އާއި ނާމާ މީހުން ގަތުލުކުރި ހާދިސާ އެވެ.

މި ކަންކަން އޭރު ވެސް ހުޅަނގުން ފިލައި ގޮސް އަދުލުގެ މުޖުތަމައެއް ބަލައިގަތީ އެ ގައުމުތަކުގެ ގިނަ އާންމުން ދެކޮޅުވެގެން ކަން ވެސް އޭނާ ފާހަގަ ކޮށްފައިވެ އެވެ. ދެން ވެސް އެ ކަން ކިރިޔާ ވެސް އެ މަގުން ހިނގާނީ އޭރަށް ކަމަށް ކޮލިންސް ލިޔެފައިވެ އެވެ.

"ހުޅަނގުގެ މި ނާސިސިޒަމްގެ [ނަފުސުގެ ހައްދުން ނެތް މަތިވެރިކަމަށް ދެކޭ ދެކުމުގެ] މާނައަކީ އެމެރިކާ އާއި ހުޅަނގުން ފަލަސްތީނަށް ތާއީދުކުރަން އިނގިލި އުފުލާނީ ދުނިޔެއާއި އެމީހުންގެ އަމިއްލަ ރައްޔިތުން މަޖުބޫރުކޮށްފިނަމަ އެކަނި،" ކޮލިންސް ލިޔެފައިވެ އެވެ.

މި ޓެރަރިޒަމަށް ހުޅަނގުން ވާގިވުން

އިޒްރޭލް-ފަލަސްތީނު މައްސަލާގައި ދިރާސާކުރަމުންދާ ތަޖުރިބާކާރު އިނގިރޭސިވިލާތުގެ ނޫސްވެރިޔާ ޖޮނަތަން ކުކް "މިޑްލް-އީސްޓް-އައި" ގައި ޝާއިއުކުރި ލިޔުމެއްގައި ތަފުސީލު ގޮތެއްގައި އެ ގައުމުތަކުން އެ ގަތުލުއާންމަށް ވާގިދެމުންދާ ގޮތާއި ސަބަބުތައް ކިޔައިދީފަ އެވެ.

"ހުޅަނގުގެ ލީޑަރުން ގެންދަވަނީ ޣައްޒާއާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަށް ތާއީދުކުރެއްވުމުގެ އިތުރުން ޑިޕްލޮމެޓިކް ކަވަރާއި ހަތިޔާރާއި އެހެނިހެން އަސްކަރީ އެހީތެރިކަން ފޯރުކޮށްދެއްވަމުން،" އެ ލިޔުން ފަށަމުން ވެސް އޭނާ ލިޔެފައިވެ އެވެ.

ހުޅަނގުގެ ވެރިން ހަމާސްގެ ބޮލުގައި އަޅުވައިގެން މި ހުތުރު އަމަލުތައް "ޖަސްޓިފައި" ކުރަން މަސައްކަތް ކުރާ އިރު އިޒްރޭލުން ހަމަލާ ދެމުންދާ ބައެއް ތަންތަނުގައި ހަމާސްގެ ޖިހާދީން ނެތް ކަން ވެސް އެނގެ އެވެ. ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ސިފައިން ދަނީ ހަމަލާދީ މީހުން މަރަމުންނެވެ.

އަދި ނުނިމެ އެވެ. ހުޅަނގުގެ މި ގައުމުތަކުގައި ބައެއް އާންމުން ގެންދަނީ އަޑު އުފުލަމުންނެވެ. ހާއްސަކޮށް އިލްމަށް އިހުތިރާމު ކުރަން ބޭނުންވާ ޔުނިވާސިޓީ ދަރިވަރުން ގެންދަނީ ޔުނިވާސިޓީތަކުގައި އިހުތިޖާޖު ކުރަމުންނެވެ. އެ އަޑު ކަނޑުލާން ވެސް ހުޅަނގުގެ ސަރުކާރުތަކުން އެބަ މަސައްކަތް ކުރެ އެވެ.

ކޮލިންސް ފަދައިން ކުކް ވެސް ލިޔެފައިވަނީ ކަންކަން އޮޅުވާލަން އަދި އިޒްރޭލުގެ ޓެރަރިޒަމަކީ ހައްގު އަމަލެއް ގޮތުގައި ސިފަކޮށްދީ އެ ގައުމުތަކުގެ ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ.

"ބޮމުގެ ހަމަލާތަކުގައި ފަލަސްތީނު މީހުން މަރާލުން، ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމަކީ، ޔަހޫދީންނަށް ނަފްރަތު ކުރުން" ހުޅަނގުގެ މި ލީޑަރުން، އެ އިހުތިޖާޖުތައް ރޫޅާލަން ގެންގުޅޭ އުޒުރު ބުނެދެމުން ކުކް ލިޔެފައިވެ އެވެ.

ހުޅަނގުގެ ލީޑަރަކު އެހެން ވިސްނުމެއްގައި މަސައްކަތްކޮށްފިނަމަ އެ ލީޑަރަކު އެއް ފަރާތް ކުރުމުގެ މަސައްކަތް ވެސް އެތެރޭގެ ސިޔާސީ މަސްރަހުގައި ހިނގަ އެވެ. ކުކް ވެސް ކިޔައިދިނީ އިނގިރޭސިވިލާތުގެ އޭގެ ބައެއް މިސާލުތަކެވެ.

އިނގިރޭސިވިލާތުގެ ލޭބާ ޕާޓީގެ ލީޑަރު ކަމަށް ޖެރެމީ ކޯބިން 2015 ވަނަ އަހަރު އިންތިހާބުވެވަޑައިގެން ފުރަތަމަ ފަހަރަށް އެ ގައުމުގެ ސިޔާސީ މައިދާނުގައި މާނަހުރި އެޖެންޑާއެއް ގެނަ އެވެ. ފަލަސްތީނުގެ ހައްގުތަކަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅަކަށް ވާތީވެ، އެމެރިކާ އާއި އިޒްރޭލުން ދެކުމުން އައީ އެ މީހުންނަށް ވަރަށް ބޮޑު ނުރައްކަލެއްގެ ގޮތުގަ އެވެ. ނަތީޖާއަކީ ލޭބާ ޕާޓީގެ ލީޑަރުކަން ގެއްލުމެވެ.

"މަލާމާތްކުރުމުގެ ކެމްޕޭނުން ކޯބިންއަށް ފަރުދީ ގޮތުން ގެއްލުމެއް ލިބުމުގެ އިތުރުން ލޭބާ ޕާޓީ ފަޅައިގެން ގޮސް، އެ ޕާޓީ ވަނީ ފިތުނަފަސާދަ އުފެދިފައިވާ ފެކްޝަންތަކަކަށް ބަދަލުވެ، ޕާޓީގެ ހުރިހާ ހަކަތައެއް ކައި، އިންތިހާބު ނުކުރެވޭ ގޮތަށް ހަދައިފަ،" މީގެ ފަސް މަސް ކުރިން ކުކްގެ ލިޔުމެއްގައިވެ އެވެ.

-

ހުޅަނގުގެ މި ވެރިން މި ތިބީ ދުނިޔޭގެ ތާރީހުގެ ރަނގަޅު ފަޅީގައެއް ނޫނެވެ. އިޒްރޭލުގައި ދިފާއުގައި ދައްކާ ހުއްޖަތްތަކުގައި އަސާސެއް ނުފެނެ އެވެ. ދެމުންދާ އަސްކަރީ އެހީއާ ގުޅޭ ގޮތުން އެ ގައުމުތަކުގެ އާންމު ރައްޔިތުން އުފައްދާ ސުވާލުތަކަށް، އެކަށޭނަ ގޮތަކަށް ޖަވާބުދާރީ ވުމެއް ވެސް ނެތެވެ. ބައެއް ގައުމުތަކާއި ދައުލަތްތަކާ ދެކޮޅަށް ހުޅަނގުން ތުހުމަތުކުރާ "ޓެރަރިޒަމް" އަށް މިއަދު ވާގި އެ ދެނީ އެ ހުޅަނގުންނެވެ.

މުހައްމަދު އުޝާމް

ޖާނަލިސްޓް

މުހައްމަދު އުޝާމް އަކީ ސިޔާސީ އަދި ޝަރުއީ ދާއިރާ ފުޅާ ދާއިރާއެއްގައި ކަވަރުކުރާ ނޫސްވެރިއެކެވެ. މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެވޯޑުގައި ސިޔާސީ ދާއިރާގެ އިނާމަށް ދެ ފަހަރު ނޯމިނޭޓުވެފައިވެ އެވެ. ވީ މީޑިއާގެ އިންޓާންޝިޕަކުން ނޫސްވެރިކަމުގެ ކެރިއާ ފެށި އުޝާމް މީގެ ކުރިން ވަނީ "އަވަސް" އަދި "ވަގުތު" ނޫހުގައި ވެސް މަސައްކަތް ކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox