އިޒްރޭލުގެ އަނިޔާވެރިކަމަށް ދުނިޔެ ދަނީ ލޯ ހުޅުވެމުންނެވެ. އެތައް އަހަރެއްް ވަންދެން ފަލަސްތީނުގެ ރައްޔިތުން އެކި ގޮތްގޮތުން ކިޔައިދޭން އުޅުނު ވާހަކަތައް، ޒުވާން ޖީލުން ދަނީ އަޑުއަހަމުންނެވެ. ނަމަވެސް އިޒްރޭލުގެ ގަތުލުއާންމާއި ލާއިންސާނިއްޔަތުކަން ފުރިހަމައަށް ކުލަވާނީ ތާރީހު ދަސްކޮށްގެންނެވެ.
އަދުގެ ބަވަނަވެފައިވާ ދުނިޔޭގައި ތާރީހުގެ ފަތްފުށްތަކުގެ ތެރެއަށް ފީނާލަން ފަސޭހަ އެވެ. އެންމެ ފަސޭހަ އެއްގޮތަކީ ފިލްމު ނުވަތަ ޑޮކިއުމެންޓަރީތަކެވެ. ފަލަސްތީނުގެ ތާރީހަށް ބިނާކޮށް އެތައް ފޮތެއް ލިޔެވިފައިވެ އެވެ. އެތައް ޅެމެއް ކިޔިފައިވެ އެވެ. ހަމަ އެގޮތަށް އެތައް ފިލްމެއް ވެސް ކުޅެ، ނެރެފައިވެ އެވެ.
މި ލިޔުމުގައި މި ގެނެސްދެނީ އެގޮތުން ފާހަގަކޮށްލެވޭ 10 ފިލްމެކެވެ. މީގެ ތެރޭގައި ޑޮކިއުމެންޓަރީތައް ވެސް ހިމެނޭނެ އެވެ. ކޮންމެ ފިލްމެއްގެ ޓްރެއިލާ ހިމަނާލާފައިވާނެ އެވެ.
ފަރްހާ (Farha)
ފަރްހާ އަކީ އުރުދުންގެ ފިލްމް ޑިރެކްޓަރު ދާރިން ސައްލާމް 2021 ގައި ނެރުނު ފިލްމެކެވެ. މި ފިލްމު ބިނާވެފައިވަނީ ދާރިންގެ މަންމައާ ދިމާވި ފަލަސްތީނުގެ އަންހެން ކުއްޖަކު ހިއްސާކުރި އޭނާގެ ނަކްބާގެ ތަޖުރިބާގެ މައްޗަށެވެ.
މީގެ 76 އަހަރު ކުރިން 1948 ގައި އިޒްރޭލުން ފަލަސްތީނަށް ވެރިވެގަނެ ހިންގި ނަކްބާގައި އިޒްރޭލުގެ ސިފައިން އާއިލާއަކަށް ދިން އަނިޔާ މި ފިލްމުގައި ވަރަށް އަސަރާއެކު ގެނެސްދީފައިވެ އެވެ. މިއީ ސަހްޔޫނީންގެ އަނިޔާވެރިކަން އެންމެ ރަނގަޅަށް ސިފަކޮށްދޭ އެއް ފިލްމެވެ.
ތަންތޫރާ (Tantura)
ތަންތޫރާއަކީވެސް ނަކްބާގެ ތެރެއިން ހިނގި ހާދިސާއެކެވެ. އިޒްރޭލުން މިއަދާ ހަމައަށް ވެސް ދޮގުކުރަމުންދާ ލާއިންސާނި ލޭއޮހޮރުވުމެއްގެ ވާހަކަ އެވެ.
ތަންތޫރާގައި ގެނެސްދެނި 1948 އިޒްރޭލުގެ ސިފައިން ފަލަސްތީނުގެ ތަންތޫރާ އަވަށް ސުންނާފަތި ކުރި ގޮތުގެ ވާހަކަ އެވެ. މި ޑޮކިއުމެންޓަރީގައި އިޒްރޭލު ސިފައިންނާއި މިކަން ތަޖުރިބާކުރި ފަލަސްތީނުގެ ރައްޔިތުންގެ އިންޓަވިއު ހިމެނެ އެވެ.
ބޯން އިން ގާޒާ (Born in Gaza)
މި ޑޮކިއުމެންޓަރީގައި ގެނެސްދެނީ ގާޒާގެ 10 ކުޑަކުއްޖެއްގެ ވާހަކަ އެވެ. ކުރިން، 2014 ގައި އިޒްރޭލުން ފަލަސްތީނަށް ދިން ހަމަލާތަކަށް ގިނަ ދުވަސްތަކެއް ނުވެ ނަގާފައިވާ މި ޑޮކިއުމެންޓަރީގައި އެ ހަމަލާތަކުގެ ސަބަބުން އެ ކުދިންގެ ހަޔާތަށް ކޮށްފައިވާ އަސަރު ގެނެސްދެ އެވެ.
އެ އަހަރުގެ ހަމަލާތަކުގައި އިޒްރޭލުން ގާޒާގެ 506 ކުދިން މަރާލާ 3،598 ކުދިން ޒަހަމްކޮށްލި އެވެ.
ދަ ޓައިމްސް ދެޓް ރިމެއިންސް (The time that remains)
މި ފިލްމުގައި ގެނެސްދީފައިވަނީ 1948 ގައި އިޒްރޭލުން ފަލަސްތީނުގެ ނަޒަރަތު ސުންނާފަތި ކޮށްލި މަންޒަރު ދުށް ކަނބުރުވެރިއަކާއި އޭނާގެ ދަރި ހުޅަނގު އައްސޭރީގައި ދިރިއުޅުން ހޭދަކުރާ ގޮތެވެ.
އަމިއްލަ ބިން ފޭރިގަނެ، ފަލަސްތީނުގެ މައްޗަށް އިޒްރޭލުން ހިންގަމުންދާ ގަދަ އަތުގެ ސަބަބުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އަނިޔާތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ކުރާ އަސަރު 2009 ގައި ފްރާންސްގައި އުފެއްދި މި ފިލްމުން ފެނިގެންދެ އެވެ.
ނޯ އަދާ ލޭންޑް (No Other Land)
މިއީ އިޒްރޭލުގެ ހަތް ދަހަރުވީ ގަތުލުއާންމާ ގުޅޭ ގޮތުން މި އަހަރު ނެރުނު އެންމެ ފުރިހަމަ އެއް ޑޮކިއުމެންޓަރީ އެވެ.
ނޯ އަދާ ލޭންޑުގައި ގެނެސްދެނީ ހުޅަނގު އައްސޭރީގެ އަވަށްތަކުން ފަލަސްތީނުގެ ރައްޔިތުން ފައްސަން އިޒްރޭލުން ކުރާ މަސައްކަތްތަކެވެ. މިއީ މިއަދުގެ ވާހަކަ އެވެ. ގެތައް ސުންނާފަތިކޮށް އާންމުން މަރަމުންދާ މަންޒަރެވެ.
އަ ވޯލްޑް ނޮޓް އަވާސް (A World Not Ours)
މި ފިލްމުގައި ގެނެސްދެނީ ދެކުނު ލުބުނާނުގައި ފަލަސްތީނުގެ އެތައް އާއިލާއެެއްގެ އެތަށް ޖީލެއް ދިރިއުޅެމުންދާ އެނިން އަލްހައުލާ ރެފިއުޖީ ކޭމްޕްގެ މަންޒަރުތަކެވެ.
އެއް އާއިލާއެއްގެ ތިން ޖީލެއް އެ ކޭމްޕުގައި އުޅެ ބޮޑުވި ގޮތާއި ފަލަސްތީނުގެ އަމިއްލަ ބިމުން ނެރެލި ގޮތުގެ ވާހަކަތައް މި ފިލްމުގައި ހިއްސާކޮށްފައިވެ އެވެ.
ތްރީ ތައުސަން ނައިޓްސް (300 Nights)
ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުގައި ފެނިގެންދަނީ ފަލަސްތީނުގެ އަންހެން މުދައްރިސަކު އިޒްރޭލުގެ ޖަލެއްގައި 3000 ރޭ ހޭދަކުރި ގޮތެވެ.
އެ ޖަލުގައި ދަރިއެއް ވިހައި ބަލާބޮޑުކޮށް، ޖަލުގައި އޭނާ އަދި އޭނާގެ ދަރީގެ ސަލާމަތަށް އުފުލި ތަކުލީފާއި ލިބުނު އަނިޔާތަކުގެ ވާހަކަ އެވެ.
ޗިލްރެން އޮފް ޝަތިލާ (Children of Shatila)
މީގެ 26 އަހަރު ކުރިން 1998 ގައި ނެރުނު މި ފިލްމުގައި ފެނިގެންދަނީ ލުބުނާނުގެ ބެއިރޫތުގައި ހުންނަ ޝަތިލާ ރެފިއުޖީ ކޭމްޕެގެ ވާހަކަތަކެވެ.
އެ ތަނުގައި ބޮޑުވަމުންދިޔަ ދެ ކުޑަކުއްޖަކު އެ މީހުންގެ ވާހަތަކާއި ކޭމްޕުގައި ތިބި އުމުރުން ދުވަސްވީ އެތައް ބައެއްގެ ވާހަތައް ހިއްސާކޮށް ބަނޑުހައިހޫނު ކަމާއި އަނިޔާގެ އެތައް ތަޖުރިބާއެއް މި ފިލްމުގައި ހިއްސާކޮށްފައިވެ އެވެ.
ބައި ބައި ޓައިބީރިއަސް (Bye Bye Tiberias)
މި ފިލްމުގައި ދައްކައިދެނީ އިޒްރޭލުގެ އަނިޔާވެރިކަމުން ފިލަން ފަލަސްތީނު ދޫކޮށް ގޮސް ފްރާންސްގައި ވަޒަންވެރިވި ހިއަމް އައްބާސްގެ ވާހަކަ އެވެ.
އެތައް އަހަރެއްފަހުން އޭނާ އެނބުރި ފަލަސްތީނަށް އައީ އޭނާގެ ދަރި ލީނާ ސާލެމް އާއެކު އެވެ. ފިލްމުގައި ގެނެސްދެނީ ހިއަމްގެ ހަދާންތަކުގެ ވާހަކަތަކެވެ. ފަލަސްތީނުގެ ތާރީހެވެ.












