އެންމެ ނަޒާހާތްތެރި ނޫސްވެރިކަމެއް ކުރާ ކަމަށް ދައުވާ ކުރާ އެމެރިކާގެ ދަ ނިއު ޔޯކް ޓައިމްސް ގައި އޮކްޓޯބަރު، 2023، ގައި ލިޔުނު ސުރުހީއެއްގައި ފުރަތަމަ އޮތީ، "އިޒްރޭލުން ދިން ހަމަލާއެއްގައި މަދުވެގެން 500 މީހުން މަރުވެއްޖެ ކަމަށް ފަލަސްތީނުން ބުނެފި" ކަމަށެވެ.
އެ ސުރުހީ ބަދަލުކޮށް އެ ނޫހުގައި ފަހުން ލިޔުނީ "ގާޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާއެއްގައި މަދުވެގެން 500 މީހުން މަރުވެއްޖެ ކަމަށް ފަލަސްތީނުން ބުނެފި" ކަމަށެވެ. އެ ސުރުހީ ތިން ވަނަ ފަހަރަށް ބަދަލުކޮށް ނިއު ޔޯކް ޓައިމްސް އިން ލިޔުނީ "ގާޒާގެ ހޮސްޕިޓަލުގައި ގޮވި ގޮވުމެއްގައި މަދުވެގެން 500 މީހުން މަރުވެއްޖެ ކަމަށް ފަލަސްތީނުން ބުނެފި" ކަމަށެވެ.
ގާޒާގެ ހޮސްޕިޓަލަށް ހަމަލާދިނީ އިޒްރޭލުން ކަމަށް ފުރަތަމަ ސުރުހީގައި އޮތެވެ. ދެ ވަނަ ސުރުހީގައި އޮތީ އިޒްރޭލު އުނިކޮށްފަ އެވެ. ތިން ވަނަ ސުރުހީގައި ހަމަލާ ވެސް އުނިކޮށްފައި އޮތީ ގޮވި ގޮވުމެއްގައި މީހުން މަރުވި ކަމަށެވެ.
އިޒްރޭލަށް މަންފާވާނެ ގޮތަށް ސުރުހީ ބަދަލު ކުރުމަށްފަހު އެކަން "ޖަސްޓިފައި ކުރުމަށް" ނިއު ޔޯކް ޓައިމްސް އިން ކުރު ބަޔާނެއް ނެރުނެވެ. އެކަމަކު، އާންމުނަށް ހަގީގަތް އެނގެ އެވެ. ދުނިޔޭގެ ބޮޑެތި މީޑިއާތައް އޮތީ ޒަޔަނިސްޓުންގެ އަތް ދަށުގަ އެވެ. ހަމައެކަނި ޓައިމްސްއެއް ނޫނެވެ.
ދުނިޔޭގެ އެންމެ ބޮޑެތި މީޑިއާތަކުގެ ތެރޭގައި ގުނާލެވޭ އެމެރިކާގެ ސީއެންއެން، އިނގިރޭސިވިލާތުގެ ބީބީސީ, ދަ ގާޑިއަން، އިންޑިޕެންޑެންޓް އަދި ސޯޝަލް މީޑިއާގެ ޖަޔަންޓުން ކަމަށްވާ ފޭސްބުކް، އިންސްޓަގްރާމް އަދި އެކްސް (ކުރީގެ ޓުވިޓާ) ވެސް އޮތީ އިޒްރޭލަށް "ވިކި ހުސްވެފަ" އެވެ.
ފަލަސްތީނުގެ ކެކުޅުންތައް ވަޅުލުން އަދި އިޒްރޭލުގެ އަނިޔާވެރިކަން ފޮރުވުން
އިޒްރޭލުން ހިންގާ ގަތުލުއާންމުގައި މީޑިއާއިން ކުޅޭ ދައުރު ދިރާސާ ކުރި އެއް ބަޔަކީ އެމެރިކާގެ ދަ އިންޓަސެޕްޓް އެވެ. އެއީ ނޮން-ޕްރޮފިޓް ނިއުސް އޯގަނައިޒޭޝަނެކެވެ. އިޒްރޭލުން ހިންގާ ގަތުލުއާންމުގެ ނިއުސް ކަވަރޭޖް އެންމެ ރަނގަޅަށް ގެނެސްދޭ އެއް ބަޔަކީ ދަ އިންޓަސެޕްޓެވެ.
ނިއު ޔޯކް ޓައިމްސް، ވޮޝިންޓަން ޕޯސްޓް އަދި ލޮސް އެންޖެލެސް ޓައިމްސްގެ 1000 އަށް ވުރެ ގިނަ އާޓިކަލް ނެގުމަށްފަހު ދަ އިންޓަސެޕްޓުން ކުރި ދިރާސާއިން ހާމަވީ އިޒްރޭލުގެ ގަތުލުއާންމު ކަވަރު ކުރުމުގައި އޮތް ނާއިންސާފެވެ. އިޒްރޭލުގެ ޖަރީމާތައް ފޮރުވުމަށް މީޑިއާތަކުން މަސައްކަތް ކުރާ ގޮތް ވެސް އެ ދިރާސާއިން ހާމަވި އެވެ.
އިންޓަސެޕްޓުގެ ދިރާސާއިން ހާމަވި ބައެއް ކަންކަން
އިޒްރޭލުގެ މީހަކު މަރުވެއްޖެ ނަމަ އެ ވާހަކަ މާ ބޮޑަށް ދެއްކުން
- މަރުވާ އިޒްރޭލުގެ މީހުންގެ ވާހަކަތައް މާ ބޮޑު ޖަޒުބާތަކާއެކު ދެއްކުން
- މަރުވާ ފަލަސްތީނުންގެ އަދަދާއި ވާހަކަތައް ކުޑައިމީސް ކުރުން
- ގަތުލުއާންމާއެކު ޔަހޫދީންނަށް ކުރާ ނަފުރަތު އިތުރުވެއްޖެ ކަމަށް ބުނެ އެ ވާހަކަތައް ބޮޑުކޮށް ދެއްކުން
- ހަނގުރާމައަށް ފަހު މުސްލިމުންނާމެދު އޮތް ނަފުރަތު އިތުރުވި ނަމަވެސް އެ ވާހަކަތައް ވަޅުޖެހުން
- އިޒްރޭލު އަދި އިޒްރޭލަށް ވާގިވެރިވާ ފަރާތްތަކުގެ ބަސް ގިނައިން ގެނެސްދިނުން
- ފަލަސްތީނު އަދި ފަލަސްތީނަށް ވާގިވެރިވާ މީހުންގެ ފަޅި ނުގެނެސްދިނުން
- ގަތުލުއާންމުގެ ވާހަކަތައް ގެނެސްދޭއިރު އިޒްރޭލަށް ފައިދާވާނެ ގޮތަށް ވާހަކަ ގެނެސްދިނުން
ބަސްމަގު ބޭނުން ކުރާ މިންވަރާއި ބޭނުން ކުރާ ގޮތުގެ ތަފާތު ކުރުން
ކުރިން ބުނި ދަ އިންޓަސެޕްޓުގެ ދިރާސާއިން ދައްކާ ގޮތުގައި، އިޒްރޭލު މީހެއްގެ މަރުވި ވާހަކަ ދައްކާ ނަމަ އެ ވާހަކަތައް މީޑިއާތަކުން ފޯރިއާއެކު ދައްކަ އެވެ. އެ ދިރާސާއިން ދައްކާ ގޮތުގައި އިޒްރޭލު މީހެއްގެ މަރުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު "އިޒްރޭލު" މި ބަސް މަދުވެގެން އަށް ފަހަރު ގެނެ އެވެ.
އެއާ ހިލާފަށް ފަލަސްތީނު މީހެއްގެ މަރުގެ ވާހަކަ ދައްކާ ނަމަ "ފަލަސްތީނު" މި ބަސް ބޭނުން ކުރަނީ ވީހާ ވެސް މަދުންނެވެ. ފަލަސްތީނުގެ ކޮންމެ ދެ މަރަކަށް "ފަލަސްތީނު" މި ބަސް ބޭނުން ކުރަނީ އެންމެ ފަހަރަކު އެވެ.
ދިރާސާއިން ދައްކާ ގޮތުގައި "ފަލަސްތީނު" މި ބަސް ބޭނުން ކުރާ މިންވަރު ވެސް މީޑިއާތަކުން ވަރަށް ބޮޑަށް މަދުކޮށްލި އެވެ. އިޒްރޭލުން ފަލަސްތީނުގެ މީހުންގެ މަރާ އަދަދު ގިނަވާ މިންވަރަކަށް "ފަލަސްތީނު" މި ބަސް ބޭނުން ކުރާ އަދަދު ދިޔައީ ދަށަށެވެ.
ފަލަސްތީނުގެ ދިފާއުގައި އިޒްރޭލަށް ދޭ ހަމަލާތައް ސިފަކޮށްދޭ ގޮތާއި އިޒްރޭލުގެ މަރުތައް ސިފަކޮށްދޭ ގޮތާއި އިޒްރޭލުން ދޭ ހަމަލާތަކާއި މަރާލާ ފަލަސްތީނު މީހުންގެ މަރުތައް ސިފަކޮށްދޭ ގޮތުގައި ވެސް ވަރަށް ބޮޑު ތަފާތެއް އެބަ ހުއްޓެވެ.
އިނގިރޭސިބަހުން ބޭނުން ކުރާ "ސްލޯޓާ" ނުވަތަ ދިވެހިން ބުނާ ނަމަ "ކަތިލުން" މި ބަސް މީޑިއާތަކުން ހަމައެކަނި ބޭނުން ކުރަނީ އިޒްރޭލު މީހަކު މަރުވެއްޖެ ނަމަ އެވެ. "މަސަކާ" ނުވަތަ "ގަތުލުއާންމު" މި ބަސް ބޭނުން ކުރަނީ އިޒްރޭލު މީހަކު މަރުވެއްޖެ ނަމަ އެވެ.
އޭގެ ތަފުސީލަށް ދާއިރު، އިޒްރޭލު މީހަކު މަރުވި 60 ފަހަރު "ކަތިލައިފި" ކަމަށް މީޑިއާތަކުގައި ބުނެފައިވެ އެވެ. އެކަމަކު އެ ބަސް ފަލަސްތީނުގެ މީހަކު މަރާލުމުން ބޭނުންކޮށްފައި ވަނީ އެންމެ ފަހަރެކެވެ. އިޒްރޭލު މީހުން މަރުވި 125 ފަހަރަކު "ގަތުލުއާންމު" އެ ބަސް ބޭނުން ކުރި އެވެ. އެކަމަކު އެ ބަސް ފަލަސްތީނުގެ މީހަކު މަރާލުމުން ބޭނުންކޮށްފައި ވަނީ އެންމެ ދެ ފަހަރެވެ. އިޒްރޭލުގެ މީހުން މަރުވި 36 ފަހަރަކު "ބިރުވެރި" އެ ބަސް މީޑިއާތަކުން ބޭނުން ކުރި އެވެ. އެކަމަކު ފަލަސްތީނު މީހަކު މަރާލުމުން އެ ބަސް ބޭނުން ކުރީ އެންމެ ހަތަރު ފަހަރެވެ.
ކުޑަކުދިިން މަރާ ހަނގުރާމައެއް: އެކަމަކު "ކުޑަކުދިން" މި ބަސް ބޭނުމެއް ނުކުރޭ
އިޒްރޭލުން މިހާރު ހިންގަމުންދާ ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ މީީހުން މަރާލައިފި އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. ގާތްގަނޑަކަށް 10،000 މީހުން ގެއްލިފައިވާއިރު އޭގެ ތެރޭގައި މަރާލާފައިވާ ކުޑަކުދިންގެ ވެސް ހިމެނޭނެ ކަމަށް ބެލެވެ އެވެ.
ތަޖުރިބާކާރުންނާއި ތާރީހު ލިޔާ މީހުން ބުނަނީ މިއީ ފަހުގެ ތާރީހުގައި ކުޑަކުދިންނަށް އެންމެ ބޮޑަށް ގެއްލުންވި ހަނގުރާމަ ކަމަށެވެ. ފަލަސްތީނުގެ ކުޑަކުދިންގެ މަރަމުން ދަނީ ދެ ވަނަ ބޮޑު ހަނގުރާމައިގައި ކުޑަކުދިން މަރުވަމުން ދިޔަ ރޭޓަށްވުރެ އެތައް ގުނައެއް އިތުރަށެވެ.
ނަމަވެސް މީޑިއާއިން ބަލަނީ ފަލަސްތީނުން ކުދިން މަރުވުމުން އެ ކުދިންނަށް "ކުޑަކުދިން" ނުކިޔާވޭތޯ އެވެ. ކުރިން ބުނި ދިރާސާއިން 1،100 ހަބަރު ނަގައި ބެލިއިރު އެ ހަބަރުތަކުގެ ސުރުހީގައި "ކުޑަކުދިން" މި ބަސް ބޭނުން ކުރީ އެންމެ ދެ ފަހަރެވެ.
އާދަޔާ ހިލާފު ރޭޓެއްގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް ގައި ލިޔުނު ހަބަރެއްގެ ސުރުހީގައި ވެސް "ކުޑަކުދިން" އަދި "އަންހެނުން" އެ ދެ ބަސް ބޭނުންކޮށްފައެއް ނެތެވެ.
ރަޝިޔާ / ޔޫކްރެއިން ހަނގުރާމައަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އިޒްރޭލުން އެންމެ ހަ ހަފުތާގެ ތެރޭގައި ރަޝިޔާއަށްވުރެ ގިނަ ކުޑަކުދިން ވަނީ ގާޒާގައި މަރާލައިފަ އެވެ. ޔޫކްރެއިން ކުޑަކުދިން މަރުވާ ހަބަރު އިންތިހާ ޖަޒުބާތީކޮށް މީޑިއާތަކުން ކަވަރުކޮށްފައިވާއިރު، އެފަދަ އެއްވެސް ހަބަރެއް ފަލަސްތީނުގެ ކުޑަކުދިންނާމެދު ލިޔެފައެއް ނުވެ އެވެ.
ކުޑަކުދިން، ކުޑަކުދިންނަށް ނުހެދުމުގެ ބޭނުމުގައި "18 އަހަރުން ދަށުގެ މީހުން" މަރުވެއްޖެ ކަމަށް ވެސް ވަރަށް ގިނައިން މީޑިއާތަކުން ރިޕޯޓު ކުރި އެވެ. އެކަމަކު އިޒްރޭލުގެ ކުޑަކުދިން މަރުނުވި ނަމަވެސް އެއީ ކުޑަކުދިންގެ ގޮތުގައި ދެއްކުމަށް "ޅަފުރައިގެ" ބަޔަކު މަރުވެއްޖެ ކަމަށް ލިޔެފައިވެ އެވެ.
-
މިއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގާ ނަސްލުހޭދު ކުރުމުގެ މާސިންގާ ޖަރީމާއެކެވެ. ބޮޑު ގަތުލުއާންމެކެވެ. އެކަމުގެ ޝިކާރައަކަށް ގިނައިން މި ވަނީ ކުޑަކުދިންނާއި އަންހެނުންނެވެ. ނަމަވެސް މީޑިއާތަކުން އަންނަނީ އެކަން ފޮރުވަން މަސައްކަތް ކުރަމުންނެވެ. އެކަމަކު މިއީ ހަގީގަތް ވަޅު ޖެހޭނެ ޒަމާނެއް ނޫނެވެ.
ކިތަންމެ ހިފަހައްޓަން އުޅުނު ނަމަވެސް ފަލަސްތީނު ރައްޔިތުންގެ އަޑު އަދި ހާލަތު މިއަދު މުޅި ދުނިޔެއަށް އެނގެ އެވެ. އަދި މީޑިއާތަކުން ހިންގާ ޖަރީމާ ވެސް އާންމުން ދަނެ އެވެ. އެކަން ހަނދާނެއް ވެސް ނުނެތޭނެ އެވެ. އޭގެ ބަދަލު ހިފާނެ ދުވަހެއް ވެސް އަންނާނެ އެވެ.












