ރިޕޯޓުސަރުކާރުގެ ހަރަދު ކުޑަކުރުމުގެ އޮފަކީ ވަގުތީ ގިރިޓީއެއް

ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ އޮފަކީ ވަގުތީ ގިރިޓީއެއް

ހަގީގީ މާނައިގައި ހަރަދު ކުޑަވި ކަމަކަށް ފެންނާން ނެތެވެ. ހަރަދު ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ. ދައުލަތް ހިންގުމުގެ މާލީ ސިޔާސަތަށް ބަދަލެއް ގެނެސްފައި ނުވެ އެވެ. ސިޔާސަތަށް ގެނައި ބަދަލުތަކާ އެކު ހަރަދުތައް ވީއިތުރެވެ.

ފައިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު:
ފައިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު:

ރާއްޖޭގެ އިގުތިސާދުގައި ބުންވަރު ހުއްޓަސް ދައުލަތުގެ މާލީ ކަންކަން މެނޭޖު ކުރަމަކީ ކޮންމެ ސަރުކާރަކަށް ވެސް ބޮލުގެ ރިހުމެކެވެ. ވެރިކަމަށް އައުމަށްޓަކައި ހައްދެއް ނެތި ވާ ވައުދުތައް ފުއްދުމަށް ނުފޯރާ ފޮތިން ފޫނަގަޅާ ސަރުކާރަކާ އަދި ދިމާނުވެ އެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީ ކުރީ ސަރުކާރުން ދައުލަތުގެ މާލިއްޔާ މެނޭޖުކުރަން ނޭނގޭ ކަމަށް ބުނެ ކުރި ކެމްޕޭނަކަށް ފަހު އެވެ. ޑޮލަރުގެ އަގު ބޮޑުވުމާއި, ބޭނުންވާ ވަރަށް ޑޮލަރު ނުލިބުމާއި, ހިންގުމުގެ ހަރަދުތައް އަތްނުފޯރާފަށުގައި ހުރުމާއި, ތަނެއް ދޮރެއް ބެލުމެއް ނެތި ޕްރޮޖެކްޓުތައް ހިންގާ ކަމުގެ ތުހުމަތުތަކުގެ މައްޗަށް ކުރި ކެމްޕޭނަކަށް ފަހު އެވެ.

ކޮންމެއަކަސް ވެރިކަމާ ހަވާލުވެ މި އަހަރުގެ ފުރަތަމަ ދެތިން މަހު ދައުލަތުގެ ބަޖެޓު އަރަނިވެ އެކަން ސަރުކާރުން ވަރަށް ބޮޑަށް ފާހަގަކުރި އެވެ. ރައީސް މުއިއްޒުގެ "ޕްރޫޑެންޓް މާލީ ސިޔާސަތުތަކުން" ހަރަދުތައް ހެސްކިޔާފައި ކުޑަ ކުރެވިއްޖެ ކަމަށް ދައުލަތުގެ ހަރަދު ރިޕޯޓަށް ބަލައި ސަރުކާރުން ދަނީ ބުނަމުންނެވެ. ކެނޑިނޭޅި ދައްކަމުންދަނީ އެ ވާހަކަ އެވެ.

ނަމަވެސް, ހަގީގީ މާނައިގައި ހަރަދު ކުޑަވި ކަމަށް ފެންނާކަށް ނެތެވެ. ހަރަދު ކުޑަ ކުރުމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވެ އެވެ. ދައުލަތް ހިންގުމުގެ މާލީ ސިޔާސަތަށް ބަދަލެއް ގެނެސްފައި ނުވެ އެވެ. ސިޔާސަތަށް ގެނައި ބަދަލުތަކާ އެކު ހަރަދުތައް ވީއިތުރެވެ. މާލީ ކާރިސާއެއްގެ ވިލާގަނޑު ބޯމަތީގައި އޮއްވައި ކުރަން ނުޖެހޭ ހަރަދުތަކެވެ.

މުސާރަ އާއި ހިންގުމުގެ ހަރަދުތައް ބޮޑު

ސަރުކާރަކީ ރާއްޖޭގެ އެންމެ ބޮޑު އެމްޕްލޯޔާ އެވެ. އެންމެ ގިނަ މުވައްޒަފުން މަސައްކަތް ކުރަނީ ސަރުކާރުން މުސާރަ ދީގެން ސަރުކާރުގެ މަގާމުތަކުގަ އެވެ. މި މުވައްޒަފުންގެ މުސާރަ އާއި އެލަވަންސްތަކަށް ކުރާ ހޭދައަކީ ކޮންމެ އަހަރެއްގައިހެން ބަޖެޓުގައި އެންމެ ބޮޑު ބައެއް ހާއްސަކުރާ މައިގަނޑު ބައެވެ.

މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަހު ދައުލަތުން މުސާރަ ދޭން ހޭދަކުރީ ވަރަށް ވުރެ 13.5 ޕަސެންޓު އިތުރަށް މިއަހަރު ވަނީ ހޭދަކޮށްފަ އެވެ. ބަޖެޓުން މުސާރައަށް ކުރި ހޭދަ އިތުރުވީ ސިޔާސީ މަގާމުތައް މިދިޔަ އަހަރަށް ވުރެ ބޮޑުތަނުން އިތުރުވުމާއި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމުންނެވެ. ސިޔާސީ މަގާމުތަކުގެ އަދަދުތައް ވަންހަނާ ކުރަމުންދިޔަސް އެ އަދަދު 2,000 އާ ގާތްކުރާނެ ކަމަށް އެކި މަސްދަރުތަކުން ހޯދި މައުލޫމާތުތަކުން އެނގެ އެވެ.

މުވައްޒަފުންގެ ވަޒީފާގެ ރިޓަޔަމަންޓާއި ޕެންޝަނަށް ކުރާ ހަރަދު ވަނީ 12 ޕަސެންޓުން އިތުރުވެފަ އެވެ. މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކުން ވެސް ވަކި ވަރެއް ކޮންމެ މަހަކު ޖަމާކުރާ ގޮތަށް އޮންނަ އާންމު ޕެންޝަން ސްކީމުގެ ބޭރުން ދޭ "ޑަބަލް ޕެންޝަން" މީގެ ތެރޭގައި ހިމެނެ އެވެ.

ޕެންޝަން އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޑަބަލް ޕެންޝަނަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުން އަންނައިރު ދައުލަތުގެ ޕެންޝަނުގެ ނިޒާމަށް އެކަށީގެންވާ ގާނޫނީ ހައްލުތަކެއް ނުހޯދޭނަމަ މި ހޭދަ ދާނީ ބޮޑުވަމުންނެވެ. "ޑަބަލް ޕެންޝަން" ގެ ބުރަ ދައުލަތުން އުފުލަން ނުޖކެހޭ ގޮތަށް ސިޔާސަތު ބަދަލުކުރުމަށް މި ސަރުކާރުން އެއްވެސް ބަދަލެއް ހުށަހަޅާފައި ނުވެ އެވެ.

މިއަހަރުގެ ފަސް މަހު އިދާރީ ހިންގުމަށް ކުރި ހަރަދު ވެސް ވަނީ ބޮޑުވެފަ އެވެ. އެގޮތުން, އިދާރީ ހިންގުމަށް ހޯދާ ތަކެއްޗާއި ހިދުމަތުގެ ހަރަދުވަނީ 32 ޕަސެންޓުން ބޮޑުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި 1.2 ބިލިއަން ރުފިޔާ އެ ކަންކަމަށް ހޭދަކުރިއިރު މިއަހަރު 1.6 ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މިދިޔަ ސަރުކާރަށް އެންމެ ބޮޑު ފާޑުކިޔުމެއް މިވަގުތު ވެރިކަމުގައި ތިއްބެވި ބޭފުޅުން އަމާޒުކުރެއްވި އެއް ދާއިރާއަކީ ދަތުރުފަތުރު ކުރުމަށް ބޮޑު ހޭދައެއް ކުރައްވާ ކަމަަށެވެ. މިއަހަރު ވެސް މިދިޔަ އަހަރާ އެއްވަރަށް ދަތުރުފަތުރަށް ހޭދަކޮށްފައިވުމުން އެ ދާއިރާއިން ހަރަދު ކުޑަ ނުކުރެވޭކަން އެނގެ އެވެ.

އޭގެ އިތުރުން, މުވައްޒަފުންގެ ތަމްރީނު ހަރަދުތައް ވެސް 17 ޕަސެންޓުން މަތިވެފައިވާއިރު މަރާމަތަށް ކުރި ހަރަދު ވެސް ވަނީ ތިން ޕަސެންޓުން ބޮޑުވެފަ އެވެ. ސަރުކާރުން ހަރުމުދާ ގަތުމަށް ކުރި ހޭދަ ވަނީ ކުޑަވެފަ އެވެ. މިއީ ސަރުކާރުން ވަގުތުން ވަގުތަށް ކޮންޓްރޯލް ކުރެވޭނެ ހަރަދުތަކުގެ ތެރެއިން ހަރަދެކެވެ.

ދައުލަތުން ހިދުމަތް ދިނުމަށް ހޯދާ ތަކެތީގެ ހަރަދު މިދިޔަ އަހަރުގެ ފުރަތަމަ ފަސް ދުވަހާ އަޅާބަލާއިރު ވަނީ 31 ޕަސެންޓުން ކުޑަވެފަ އެވެ. މި ބައިގެ ބޮޑު ބައެއް ހިއްސާކުރަނީ މެޑިކަލް ކޮންސިއުމަބަލްސް ނުވަތަ ސިއްހީ ދާއިރާގައި ބޭނުންކުރާ ތަކެއްޗެވެ.

މި ހަރަދު ކުޑަވުމަކީ ރާއްޖޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ދޭ ހިދުމަތުގެ ފެންވަރު ދަށްވުން އެކަށީގެންވާ ކަމެކެވެ. ސިއްހީ ދާއިރާގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރާނަމަ, ދައުލަތުން ކުރާ ހޭދަ އިތުރުވާން ޖެހޭނީ މި ދިމާލުންނެވެ. ހަމައެކަނި, މުވައްޒަފުންނަށް ކުރާ ހަރަދުންނެއް ނޫނެވެ.

ތެލުގެ އަގު ދަށްވިޔަސް ސަބްސިޑީ ހޭދަ މައްޗަށް

މިދިޔަ އަހަރުގެ މެއި މަސް ނިމުނުއިރު ރާއްޖޭގައި ޕެޓްރޯލް ލީޓަރެއް 15.14ރ. އަށް ވިއްކިއިރު ޑީސަލް ލީޓަރެއް ވިއްކީ 15.70ރ. އެވެ. ނިމިގެންދިޔަ މެއި މަހު ޕެޓްރޯލް ލީޓަރެއް 13.98ރ. އަށް ވިއްކިއިރު ޑީސަލް ލީޓަރެއް ވިއްކީ 13.92ރ. އަށެވެ. ގާތްގަނޑަކަށް ދޮޅު ރުފިޔާގެ ހެޔޮވުމެކެވެ.

އެ މުއްދަތުގައި ދައުލަތުން ސަބްސިޑީއަށް 1.691 ބިލިއަން ރުފިޔާ ހޭދަކުރިއިރު އެއީ އެއް ޕަސެންޓު ބޮޑުވުމެކެވެ. ތެލުގެ އަގު ހެޔޮވުމުން ދައުލަތަށް ލިބެމުންދާ މަންފާ ސަބްސިޑީތަކަށް ހޭދަކުރަމުންދާ ކަމަށް ބެލެވެ އެވެ. އެއީ ތެލުގެ އަގުހެޔޮވި ނަމަވެސް ސަބްސިޑީ ހޭދަ އިތުރުވެފައިވުމުންނެވެ.

ދައުލަތުގެ ކުންފުނިތަކަކީ އެންމެ ބޮޑު ސަބްސިޑީއެއް ދައުލަތުން ފޯރުކޮށްދޭން ޖެހޭ ތަންތަނެވެ. އެ ކުންފުނިތަކަށް ވެސް ސަބްސިޑީ މެދުވެރިކޮށް ސަޕޯޓް ކުރަމުންދާ ކަމަށް ބެލެވެ އެވެ. މަސްވެރިންނަށް ފައިސާ ނުދީ އަނެއްކާ ވެސް ދިގުލައިގެންދާއިރު, މިހާރު މަސް ގަންނަ އަގުގައި ރައީސް ވައުދުވި ގޮތަށް 48 ގަޑިއިރު ތެރޭ މަސްވެރިންނަށް ފައިސާ ދެވޭނެ ގޮތެއް އަދި ނެތެވެ. އެކަން ކުރަން ޖެހޭނީ މިފްކޯއަށް ސަބްސިޑީ ދީގެން ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން, ކުންފުނިތަކަށް ދައުލަތުން ދޭ ކެޕިޓަލް ހޭދަ ވެސް ވަނީ ނުވަ ޕަސެންޓުން ވަނީ އިތުރުވެފަ އެވެ. ބައެއް ކުންފުނިތަކުން ވޭޖު މަސައްކަތަށް ނަގާފައި ތިބި މުވައްޒަފުން ވަކިކުރި ނަމަވެސް އޭގެ ބަދަލުގައި ދެތިން ގުނަ އިތުރަށް ކުންފުނިތަކަށް މުވައްޒަފުން ވަނީ ވައްދާފަ އެވެ.

އެއްވެސް ފައިދާއެއް ނުވާ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނެގުމުގެ ބުރަ އުފުލަން ޖެހެނީ ދައުލަތުންނެވެ. އެކަމުގެ ސަބަބުން ކުންފުނިތަކުން ދައުލަތުގެ އެހީއަށް ބަރޯސާވާ މިންވަރު އިތުރުވެފައިވާ ކަމަށް ލަފާކުރެވެ އެވެ.

ފިސްކަލް ރިޕޯޓުން އާސަންދައިގެ ހަރަދު ކުޑަ ކަމަށް ދެއްކި ނަމަވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް ފަސް ޕަސެންޓުން ހަރަދުތައް އިތުރުވެފައިވާ ކަމަށް އާސަންދަ ކުންފުނިން ރިޕޯޓުކޮށްފައިވެ އެވެ. ހުރިހާ ބިލުތަކެއް ރެކޯޑު ކުރެވުމުން އާސަންދައަށް ކުރި ހަރަދު ކުޑަވާނެ ކަމަށް ނުބެލެވެ އެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ސަބްސިޑީއަށް ކުރާ ހޭދަ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭއިރު ސަބްސިޑީތައް މުރާޖާ ކުރުމަށް މިއަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނާފައިވެ އެވެ. އޭގެ އިތުރުން, ކުންފުނިތައް ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވެ އަދި ގޮވަނީ ގޮވެލި ފައްޗެކެވެ. ސަބްސިޑީތަކާއި ކުންފުނިތައް ހަރުދަނާ ކުރުމާ ގުޅޭ އެއްވެސް ސިޔާސަތެއް އަދި ޓައިމްލައިނެއް ސަރުކާރުން ހާމަނުކުރެ އެވެ.

މިދިޔަ އަހަރުގެ މިމުއްދަތާ އަޅައި ބަލާއިރު ދައުލަތުގެ އާމްދަނީ އަށް 716 މިލިއަން ރުފިޔާ އިތުރުވި އެވެ. މިދިޔަ އަހަރުގެ މިމުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އަކީ 14.1 ބިލިއަން ރުފިޔާ އެވެ. މިއަހަރު ލިބުނީ 14.8 ބިލިއަން ރުފިޔާ އެވެ. އެއާއެކު ކައުންސިލްތަކަށް ދެމުންދާ އެހީ ވެސް ވަނީ 23 ޕަސެންޓުން އިތުރުވެފަ އެވެ.

ނަންބަރުތަކުން ދައްކަނީ ޕްރޮޖެކްޓުތަކުގެ ސްޕީޑު ލަސްކަމަށް

މެއި، 2023, ގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 4.8 ބިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މިއަހަރުގެ މެއި މަހުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 2.1 ބިލިއަން ރުފިޔާ އެވެ.

އެ ނަންބަރުތަކަށް ބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ 2.7 ބިލިއަން ރުފިޔާ އިން ވަނީ ދަށްވެފަ އެވެ. މިއަހަރު ޕްރޮޖެކްޓުތައް ހިންގުމަށް 8.9 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ. އަހަރު ދެބައިވާން ކައިރިވަމުންދާއިރު ޕީއެސްއައިޕީ ބަޖެޓުން ހަރަދުކުރި ކަމަށް ދައްކަނީ 23 ޕަސެންޓެވެ. މިދިޔަ އަހަރުގެ މެއި މަސް ނިމުނުއިރު ޕީއެސްއައިޕީ ބަޖެޓުން 55 ޕަސެންޓަށްވުރެ އިތުރަށް ހޭދަކުރި އެވެ.

ޖުމުލަ ހަރަދުތައް ކުޑަވެގެން އޮފު އެރުވުމުގެ ފުރުސަތު ސަރުކާރަށް ލިބެނީ ޕީއެސްއައިޕީއަށް ކުރި ހަރަދު ވަރަށް ބޮޑަށް ކުޑަވުމުންނެވެ. އެއްވެސް މަޝްރޫއުއެއް ހުއްޓާނުލާ ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. މަޝްރޫއުތަކުގެ ސްޕީޑު ވެސް ހުރީ "މުއިއްޒު ދުވެލީގައި" ކަމަށް އަންނަނީ ބުނަމުންނެވެ. ނަމަވެސް, އެ ސްޕީޑު މާލީ ހިސާބުތަކުން ނުދައްކަ އެވެ.

އެހެންކަމުން، ސަރުކާރުގެ ސްޕީޑު ދަށްވީބާވަ އެވެ؟ ނުވަތަ އިންފްރާސްޓްރަކްޗާ މިނިސްޓަރު ވިދާޅުވި ފަދައިން މަޝްރޫއުތަކުގެ ހަރަދު ދައުލަތުގެ މާލީ ނިޒާމުގައި ރިކޯޑް ނުކުރަނީބާވަ އެވެ؟ ރިކޯޑް ނުކުރަނީ ހަރަދު ކުޑަކުރި ކަމަށް ދައްކަންތޯ އެއީ މިހާރު އުފެދޭ އެންމެ ބޮޑު ސުވާލެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ދަރަނި ބުލެޓިން ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާއިރު އޭގެއިން އެނގޭ ގޮތުގައި އިންޑިއާގެ އެގްޒިމް ބޭންކުން 450 މިލިއަނަށްވުރެ ގިނަ ރުފިޔާ ރާއްޖެއަށް ދޫކޮށްފައިވެ އެވެ. ނަމަވެސް, ފިސްކަލް ރިޕޯޓުން އިންޑިއާގެ އެގްޒިމް ބޭންކުން ފައިސާ ހޯދައިގެން ހިންގާ މަޝްރޫއުތަކަށް މި މިންވަރަށް ފައިސާ ހޭދަކޮށްފައިވާ ކަމަށް ރެކޯޑް ކޮށްފައިވާ ކަމަށް ފެންނާކަށް ނެތެވެ.

މިއީ ރެކޯޑް ކުރުން ލަސްކޮށްގެން ވަކި މެސެޖެއް ޕްރޮމޯޓް ކުރަން ކޮށްފައިވާ މަސައްކަތެއްތޯ އެއީ އުފެދޭ ސުވާލެކެވެ. މަޝްރޫއުތަކާ މެދު ވަކި ގޮތެއް އިއުލާން ނުކުރަނީސް ޕީއެސްއައިޕީ ހަރަދު ކުޑަވެއްޖެ ކަމުގައި ދެންނެވޭކަށް ނެތެވެ. މި ވަގުތަށް ހަރަދުތައް ކުޑައީ ސްޕީޑް ދަށްވުމުންނާއި, ރެކޯޑު ނުކުރާތީ އަދި ފަހަރުގައި ބަޖެޓު އުނިކޮށްފައިވުމުން ކަމަށް ބެލެވެ އެވެ.

-

ފިނޭންސް މިނިސްޓްރީންނާއި ދައުލަތުގެ އެކި އިދާރާތަކުން ހާމަކުރި މާލި ހިސާބުތަކުންނާއި ދީފައިވާ މައުލޫމާތުތަކުން ހަރަދު ކުޑަކުރުމަށް ވަކި ފިޔަވަޅެއް އަޅައި ނުވަތަ ސިޔާސަތެއް ބަދަލުކޮށްފައިވާކަން ފާހަގަވާން ނެތެވެ. މެއި މަހުގެ ނިޔަލަށް ހުރި މާލީ ހިސާބުތަކުން ދައްކަނީ މި އަހަރު އަދި އޮތީ ހަރަދު އިތުރަށް ބޮޑުވާން ކަމެވެ. އެހެންކަމުން، ހަރަދު ކުޑަކޮށްފީމޭ ކިޔައި ސަރުކާރުން އަރުވާ އޮފަކީ ވަގުތީ ގިރިޓީއެކެވެ.

ސާއިފް ޝިޔާދު

ސަބް އެޑިޓަރ

ކުޅިވަރު ނޫސްވެރިޔެއްގެ ގޮތުގައި ނޫސްވެރިކަމަށް ނުކުތް ސާއިފް ޝިޔާދުގެ ގަލަން ގިނަ ދާއިރާތަކެއްގައި ހިނގަ އެވެ. ސިޔާސީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ބަހައްޓާއިރު އޭނާ ވަނީ "ރާއްޖެ ޓީވީ" އަދި "ޖަޒީރާ" ގައި ވެސް މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox