އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެ ހިންގަމުންދާ ގަތުލުއާންމަށް މިހާރު 75 އަހަރުވެއްޖެ އެވެ. ފަލަސްތީނުގެ، ހާއްސަކޮށް ގާޒާގެ ރައްޔިތުންނަށް އިޒްރޭލުން ދޭ ހަމަލާތައް ދޭތެރެއަކުން ވަރުގަދަކުރެ އެވެ. ނަމަވެސް މިދިޔަ އޮކްޓޯބަރުން ފެށިގެން ދެމުންދަނީ 1948 ގެ ނަކްބާއަށްފަހު އިޒްރޭލުން ދެމުންދާ އެންމެ ވަރުގަދަ ހަމަލާތަކެވެ.
ތިރީސް އެތައް ހާސް ބަޔަކު މި ހަމަލާތަކުގައި މަރާލާފައިވާއިރު، އަނިޔާވި މީހުންގެ އަދަދު ލައްކައެއް ހުރަސްކޮށްފި އެވެ. ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. މި ގަތުލުއާންމުގައި ދުނިޔޭގެ، ހާއްސަކޮށް ހުޅަނގުގެ ސަމާލުކަން ފަލަސްތީނަށް މީގެ ކުރިން ލިބެމުންދިޔައީ މަދުންނެވެ. ލޮނު މަޑުކޮށެވެ.
އިސްލާމީ ގައުމުތަކުގައި ވޭތުވެދިޔަ ދަހަރުތަކުގައި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެތައް އެއްވުމެއް ބޭއްވިޔަސް، ހުޅަނގުގެ "ތަހުޒީބީ" ގައުމުތަކުން އެ މަންޒަރު ފެންނަނީ މަދުންނެވެ. އެއްވާ މީސްކޮޅު ވެސް މަދެވެ.
ނަމަވެސް، މިފަަހަރުގެ ހަމަލާތަކާއެކު ފަލަސްތީނަށްޓަކާ ދުނިޔޭގެ އެތައް މިލިއަން މީހުންނެއް ދަނީ މަގުތަކަށް ނިކުންނަމުންވެ. އެމެރިކާގެ ވޮޝިންޓަނުން ޖަޕާނުގެ ޓޯކްޔޯއަށް ބޮޑެތި ސަހަރުތަކުގެ މަގުތައް ދަނީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ ފުރާލަމުންނެވެ. މަގުތައް އެކަންޏެއް ނޫނެވެ. ޔުނިވާސިޓީތަކާއި ކޮލެޖުތަކުން އިވެނީ، އުރުދުން ކޯރުން މެޑިޓެރޭނިއަން ކަނޑަށް، ފަލަސްތީނުގެ މިނިވަންވާނެ ކަމަށް ގޮވާ، ގުގުމާލާ އަޑެވެ.
ދުނިޔޭގެ މައި ސިޓީތަކުގައި ބޮޑެތި އެއްވުންތަކެއް
ބައިނަލްއަގުވާމީ މުޖުތަމައުގައި އިޒްރޭލަށް އެންމެ ބޮޑަށް ވާގިވެރިވާ ގައުމަކީ އެމެރިކާ އެވެ. އަސްކަރީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން ވެސް އިޒްރޭލަށް އެންމެ ގިނަ އެހީދެނީ އެ ގައުމުންނެވެ.
އިޒްރޭލުގެ ގަތުލުއާންމާ ދެކޮޅަށް އެމެރިކާގެ ވޮޝިންޓަނުގައި، ވައިޓް ހައުސް ކުރިމަތީގައި އެތައް ހާސް ބަޔަކު މުޒާހަރާ ކުރާނެ ކަމަށް މީގެ އަހަރުތަކެއް ކުރިން ނުބެލެވޭނެ އެވެ. ނަމަވެސް އެމެރިކާގެ އާންމުން، ހާއްސަކޮށް ޒުވާން އާ ޖީލުން މިފަހަރު ދުލެއް ނުކުރި އެވެ.
ފަލަސްތީނަށްޓަކާ ވޮޝިންޓަނުގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ވައިޓް ހައުސްގެ ހަބަރުތައް ކަވަރުކުރާ ނޫސްވެރިންނާ މީޑިއާތަކަށް ކޮންމެ އަހަރަކު ބާއްވާ ކޮރެސްޕޮންޑެންސް ޑިނާއާ އާ ދިމާކޮށް ބޭއްވި މުޒަހަރާ އެވެ. އިޒްރޭލުން ފަލަސްތީނުގެ ނޫސްވެރިންނަށް ދޭ ހަމަލާތަކާއި ހިންގަމުންދާ ލާއިންސާނީ އަމަލުތައް އެ މުޒާހަރާގެ ބައިވެރިން ފާހަގަކުރި އެވެ. އަދި އެ ކަންކަމަށް އެމެރިކާ ސަރުކާރުން އަދި ހުޅަނގުގެ މީޑިއާއިން ދެމުންދާ ބީރު ކަންފަތަށް ފާޑުކިޔެވެ.
މި މުޒާހަރާތައް އެމެރިކާގެ ދެކުނާއި އުތުރުން މުޅި ބައްރަށް ފުޅާވި އެވެ. ކެނެޑާއިން ފެށިގެންގޮސް މެކްސިކޯ އަދި ބްރެޒިލްގެ ސިޓީތަކުގައި ވެސް ފަލަސްތީނާ އެއްކޮޅު މުޒާހަރާތައް ކުރަމުންދެ އެވެ.
މުޅި ދުނިޔެ އެކުގައި މަގުތަކަށް ނިކުތް ދުވަހެއްގެ ގޮތުގައި ފާހަގަކުރެވުނީ، އޮކްޓޯބަރު 7، ގައި ދޭން ފެށި ހަމަލާތަކަށް 100 ދުވަސް ފުރުނު، ޖެނުއަރީ 13، އެވެ. ގިނަ ގައުމުތަކުގައި މީހުން އެއްވެފައިވަނީ އިޒްރޭލު ނުވަތަ އެމެރިކާގެ އެމްބަސީ ކައިރި އަށެވެ.
މެލޭޝިއާގެ ކުއާލަލަމްޕޫރުގައި ހުންނަ އެމެރިކާގެ އެމްބަސީ ކައިރިއަށް އެ ދުވަހު އެތައް ހާސް ބަޔަކު އެއްވިއިރު، ފިލިޕީންސްގެ މަނީލާއިން ވެސް ފެނުނީ އެއް މަންޒަރެކެވެ. ދުނިޔޭގެ އެންމެ ބޮޑު މުސްލިމް އާބާދީ ކަމަށްވާ އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިއަށް އެއްވި މީހުން އެއަށްވުރެ އިތުރެވެ.
ހުޅަނގުގެ ގައުމުތަކަށް ބަލާއިރު ވިލާތުގެ ވެރިރަށްތަކުގައިވެސް ގުގުމާލީ ހަމަ މި އަޑެވެ. ފަލަސްތީނަށްޓަކާ ލަންޑަން، ޕެރިސް، ވިއެނާ، ބާލިންގެ މަގުތައް ފުރާލި އެވެ.
ހުޅަނގުގެ ޔުނިވަސިޓީތަކުގައި ކުރަމުންދާ މުޒާހަރަތައް
ދެވަނަ ބޮޑު ހަނގުރާމައިގެ ފަހު ކޮޅުގައި ހުޅަނގުގެ ގިނަ ގައުމުތަކުގައި ހަނގުރާމަ ހުއްޓާލަން ގޮވާލާ މިންވަރު އިތުރުވި އެވެ. އެމެރިކާއިން ވިއެޓްނާމުގައި ހިންގި ގަތުލުއާންމާ ދެކޮޅަށް ވެސް އެމެރިކާގެ ސަރުކާރާ ދެކޮޅު އެންމެ އަޑުގަދަ ގޮވާލުންތައް ފެށިގެން އައީ މަދަރުސާތަކުންނެވެ. ކޮލަމްބިއާ ފަދަ ޔުނިވަސިޓީތަކުންނެވެ.
މިއަދުވެސް އެ މަންޒަރު އެބަފެނެ އެވެ. ހުޅަނގާއި މުޅި ދުނިޔޭގެ ބޮޑެތި ނަން ހިނގާ ޔުނިވާސިޓީތަކުގެ ދަރިވަރުންނާއި ލެކްޗަރާއިން ފަލަސްތީނާ އެއްކޮޅަށް އުފުލަމުންދާ އަޑު ދަނީ ގަދަވަމުންނެވެ.
ގަބޫލުކުރަން ދަތި ނަމަވެސް ޔުނިވާސިޓީތަކުގައި ފަލަސްތީނަށްޓަކާ ގުގުމާލަމުންދާ އަޑުތައް އެންމެ ގަދައީ ހުޅަނގުގަ އެވެ. ހާއްސަކޮށް އެމެރިކާ އަދި އިނގިރޭސިވިލާތުގަ އެވެ.
އެމެރިކާގެ ކޮލަމްބިއާ ޔުނިވާސިޓީއަކީ މި މުޒާހަރާތަކުގެ އެންމެ އުހެވެ. އެޕްރީލް މަހުން ފެށިގެން އެ ޔުނިވާސިޓީގެ ދަރިވަރުންނާއި ބައެއް ލެކްޗަރާއިން ދަނީ އިޒްރޭލާ ދެކޮޅަށް އަޑުއުފުލަމުންނެވެ.
ކޮލަމްބިއާގައި ހުޅު ފަޅައިގެން ދިޔަ މައިގަނޑު އެއް ސަބަބަކީ މުޒާހަރާތަކަށް ހުރަސްއަޅަން ފުލުހުން އައުމުން އެ ހާދިސާތައް ކަވަރު ކުރުމުގެ ފުރުސަތު މީޑިއާތަކަށް ނުދިނުމެވެ. އެއާއެކު ކޮލަމްބިއާގައި ނޫސްވެރިކަން ކިޔަވަމުން ގެންދާ ދަރިވަރުން އެ ހާދިސާތައް ރިޕޯޓުކުރަން ފެށި ހަރަކާތެވެ. ބައިނަލްއަގުވާމީ މީޑިއާތަކަށް ދެމުންދާ އިންޓަވިއުތަކުގަ އެވެ.
ކޮލަމްބިއާއަށްފަހު އެމެރިކާގެ 50 ސްޓޭޓުގައި ހިމެނޭހެން 130 ޔުނިވާސިޓީއެއްގައި ދަނީ ފަލަސްތީނާ އެއްކޮޅަށް މުޒާހަރާކުރަމުންނެވެ. މީގެތެރޭގައި މަޝްހޫރު ނަންތައް ކަމަށްވާ ހާވާޑު، ޔޭލް، ސްޓޭންފޯޑް، އެމްއައިޓީ، އަދި ޔުނިވާސިޓީ އޮފް ކޮލަމްބިއާ ހިމެނެ އެވެ.
މި މުޒާހަރާތަކުގައި ހައްޔަރުކުރި މީހުންގެ އަދަދު 3،000 އާ ގާތްކުރެ އެވެ. ޔުނިވާސިޓީތަކަށް އެ މީހުން ގޮވާލަމުން ދަނީ އިޒްރޭލަށް ވާގިވެރިވާ ކުންފުނިތަކާ ވިޔަފާރިތަކާ ދުރުވުމަށެވެ.
އެމެރިކާގެ މި ފެށުމަށް ޔޫރަޕުގެ ދަރިވަރުންވެސް ދަނީ އެއްބާރުލުން ދެމުންނެވެ. އެއް އަޑެއްގައި އިޒްރޭލާ ދެކޮޅަށް އިނގިރޭސިވިލާތުގެ ކޭމްބްރިޖާއި އޮކްސްފޯޑުގައިވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. މިނިވަން ފަލަސްތީނަކަށް ގޮވާލަމުން ގެންދާ އިނގިރޭސި އެހެން ޔުނިވާސިޓީތަކުގެ ތެރޭގައި ނިއުކާސަލް، ބްރިސްޓަލް، ވާވިކް، ލީޑްސް އަދި ޝެފީލްޑް ހިމެނެ އެވެ.
ޖަރުމަނުގެ ބާލިން، ފްރެންކްފާޓް، އަދިި ލެއިޕްޒިގާއި ފްރާންސްގެ ޕެރިހާއި ހޮލެންޑާއި އިޓަލީގެ ޔުނިވާސިޓީތަކުން ވެސް އިއްވަމުން ދަނީ އިޒްރޭލަށް ކުރާ ނުރުހުމެވެ. އިޓަލީ، ސްޕެއިން، ސްވިޒަލޭންޑް، އޮސްޓްރިއާ އަދި ބެލްޖިއަމުގެ ޔުނިވަސިޓީތަކުން ވެސްމެ އެވެ.
ހަގީގަތުގައި ވެސް މި މުޒާހަރާތަކުގެ އަދަދުތައް އެތައް ސަތޭކައަކަށް އަރާތީ ތަފުސީލަށް ދިޔުމަށްވުރެ މުޒާހަރާތަކާ ގުޅޭ ލިންކުތައް ލިޔުމުގައި ހިމެނިފައިވާނެ އެވެ.
އިޒްރޭލަށް ހުޅަނގު ގެއްލެނީތަ؟
އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޖަރުމަނަކީ އިޒްރޭލުގެ އެންމެ ގާތް މިތުރުންނެވެ. ވޭތުވެދިޔަ ހަތް ދަހަރާއި ފަސް އަހަރެއްހާ ދުވަހު ވެސް އެކަން އޮތީ އެހެންނެވެ. ނަމަވެސް މިފަހަރުގެ ހަމަލާތަކަށް ދީލައިނުލާ ހުޅަނގުގެ އާންމުން ދައްކަމުންދާ ނަމޫނާއާއެކު ބޮޑު ސުވާލެއް ދަނީ އުފެދެމުންނެވެ.
އިޒްރޭލަށް ހުޅަނގު ގެއްލެނީ ހެއްޔެވެ؟ އާންމުންގެ މެދުގައި ނަގާ ވޯޓުތަކުން ދައްކަނީ ފަލަސްތީނު މިނިވަން ވާން އެމީހުން ބޭނުންވާތަނެވެ. އިޒްރޭލަށް ވާގިވެރިވާ ވިޔަފާރިތައް ބޮއިކޮޓު ކުރުމަށް ހިންގަމުންދާ ފުޅާ ކެމްޕޭނާ ގުޅިގެން އެ ވިޔަފާރިތައް ދަނީ ކުރިން ނުދެކޭ ވަރުގެ ގެއްލުންތަކާ ކުރިމަތިލަމުންނެވެ.
އެމެރިކާއަށް އެކަނި ބެލި ނަމަވެސް ވޭތުވެދިޔަ ހަތް މަހުގެ ތެރޭގައި އާންމުންގެ ވިސްނުން ބަދަލުވި މިންވަރު ސާފެވެ. އެމެރިކާގެ އެނަލަސިސް ފާމް، ގަލަޕުން ކުރަމުންދާ ދިރާސާއަކުން ދައްކާ ގޮތުގައި ނޮވެމްބަރު 2023، ގައި އެމެރިކާގެ އާންމުންގެ 50 އިންސައްތަ އިޒްރޭލަށް ތާއީދުކުރި އެވެ. ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ އޭރު ދެކޮޅު ހެދީ 45 އިންސައްތަ މީހުންނެވެ.
ނިމުނު މާޗު މަހު އެ ނަންބަރުތައް މުޅިން ބަދަލުވެއްޖެ އެވެ. އެމެރިކާގެ 55 އިންސައްތަ މީހުން އިޒްރޭލުގެ ގަތުލުއާންމާ ދެކޮޅު ހަދަ އެވެ. ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަށް ތާއީދުކުރާ އެމެރިކާ އާންމުންގެ އިންސައްތަ ވަނީ 36 އަށް ވެއްޓިފަ އެވެ.
-
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަށް އިޒްރޭލުން ހިންގަނީ ގަތުލުއާންމެއް ކަމަށް ނުދެކުނަސް އެ ގައުމުގެ އާންމުންގެ ރައުޔު ތަފާތެވެ. އެ ގައުމާއި އިނގިރޭސިވިލާތް އަދި ޖަރުމަނުން މެދުނުކެނޑި އެތައް މިލިއަން ޑޮލަރެއްގެ އަސްކަރީ އެހީ އިޒްރޭލަށް ފޯރުކޮށްދެމުންދިޔަ ނަމަވެސް އެ ގައުމުތަކުގެ ޔުނިވާސިޓީތައް ގުގުމަމުން ދަނީ މިނިވަން ފަލަސްތީނަކަށް ގޮވާލަމުންދާ އަޑެވެ.
ދުނިޔޭގެ އޮއެވަރު ދަނީ ބަދަލުވަމުންނެވެ. އިޒްރޭލުގެ ގަތުލުއާންމަށް ވެރިން ދެމުންދަނީ ބީރު ކަންފަތެއް ނަމަވެސް އާންމުންނަށް އެ އަޑުތައް އިވޭނެ އެވެ. ޒުވާނުން ތިބީ ދޫދޭ ގޮތަކަށް ނޫނެވެ. ވެރިން ނީވޭ ކަމަށް ހެދޭ އަޑުތައް ރައްޔިތުން، ފަލަސްތީނަށްޓަކާ އުފުލާނެ އެވެ.












