ރިޕޯޓުގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓު މަނާ ކުރުން: ގައުމުތަކުގެ ރައްޔިތުންގެ ސަޕޯޓު ރާއްޖެއަށް

ގަތުލުއާންމު ހިންގާ މީހުންގެ ޕާސްޕޯޓު މަނާ ކުރުން: ގައުމުތަކުގެ ރައްޔިތުންގެ ސަޕޯޓު ރާއްޖެއަށް

"ޒަޔަނިސްޓުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލުމަކީ ސުވަރުގެ ބޮއިކޮޓް ކުރަން އިބިލީހާއި އޭނާގެ އައުވާނުން ގޮވާލުން ފަދަ ކަމެއް. އަހަންނަށް ހީވަނީ އެމީހުންނަށް ބޮއިކޮޓޭ ބުނާ ބަހުގެ މާނައެއް ނޭނގޭހެން. އޭގެ މާނައަކީ އަހަރުމެން ކަލޭމެން ބޭނުމެއް ނޫނޭ."

އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު
އާޓްވޯކް: ރައްޔާން މުހައްމަދު/އަދަދު

ދުނިޔޭގެ މީޑިއާގެ ސުރުހީތަކަށް އިއްޔެ އެރި ހަބަރަކީ، އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭނެ ގޮތަށް މަނާ ކުރަން ސަރުކާރުން ނިންމި ނިންމުމުގެ ވާހަކަ އެވެ. އިޒްރޭލުގެ ޕާސްޕޯޓު އަދި މުޅިން މަނާ ނުވި ނަމަވެސް ސަރުކާރުން އިޒްރޭލު ޕާސްޕޯޓު މަނާ ވާނެ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހުށަހެޅުމަށެވެ.

އެމެރިކާގެ ސީއެންއެން އާއި އެސޯސިއޭޓެޑް ޕްރެސް އާއި އިނގިރޭސިވިލާތުގެ ދަ ގާޑިއަން އާއި ބީބީސީ އާއި އިންޑިއާގެ ދަ ހިންދޫ އާއި ގަތަރުގެ އަލް ޖަޒީރާ އާއި ސައުދީ އަރަބިއްޔާގެ އަލް އަރަބިއްޔާ އަދި އެހެންވެސް މުހިންމު ނޫސްތަކުގެ ސުރުހީއަށް އެ ވާހަކަ އެރި އެވެ.

ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދުނިޔޭގެ ލޯ ރާއްޖެއަށް ހުއްޓި، އެކި ގޮތް ގޮތަށް ދިވެހިންނަށް ސަމާލުކަން ލިބުނެވެ. އިޒްރޭލުގެ ޕާސްޕޯޓުގައި ބައެއް އިސްލާމީ ގައުމުތަކަށް މިހާރު ވެސް އެތެރެ ނުވެވޭއިރު، ގާޒާގައި އިޒްރޭލުން ހިންގަމުންދާ ގަތުލުއާންމާ ދެކޮޅު ހެދުމުގެ ގޮތުން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރާއްޖެއިން އެކަންޏެވެ.

Advertisement

އެއާއެކު ރާއްޖޭގެ އެ ނިންމުމާމެދު ބޮޑު ބަހުސެއް ފެށުނެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުން ރާއްޖެއިން ނިންމި ނިންމުމަށް އެއް ބަޔަކު ތާއީދު ކުރާއިރު، ބައެއް މީހުން އެކަމާ ދެކޮޅެވެ. އެ ނިންމުމާއެކު ބައެއް މީހުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލާއިރު، ރާއްޖެއަށް ދާން ބާރު އަޅާ ވާހަކަ ދައްކާ މީހުން މާ ގިނަ އެވެ.

"މިއީ ވަރަށް ރަނގަޅު ނިންމުމެއް. އިޒްރޭލާ ނުލާ، ދިވެހިރާއްޖެއަކީ ސުލްހަވެރި ގައުމަކަށް ވާނެ،" އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ނިންމުމުން، ކެނަޑާގެ ރައްޔިތަކު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި އޮތެވެ.

އެގޮތަށް ކިތަންމެ ބަޔަކު ދިވެހި ރާއްޖޭގެ ނިންމުން ދިފާއުކޮށްފައި އޮތެވެ. ދެން ލިބޭ ޗުއްޓީއެއްގައި ދިވެހިރާއްޖެއަށް ޒިޔާރަތް ކުރާނެ ކަމަށް ކިތަންމެ ބަޔަކު ވައުދުވެފައި އޮތެވެ. ރާއްޖޭގެ ނިންމުމުގެ ސަބަބުން ކުރިން ނުލިބޭހާ ބޮޑު ސަޕޯޓަކާއި ހިތްވަރެއް ދިވެހިންނަށް ދަނީ ލިބެމުންނެވެ.

"ގަތުލުއާންމަކަށް ހިތްވަރު ދޭ ބައިގަނޑެއް ނުލާ ވެސް ދިވެހިރާއްޖެއަށް ސަލާމަތުން އޮވެވޭނެ،" ބޮބް ކޮސްޓެލޯގެ ނަމުގައި ވާހަކަ ދައްކާ ސްކޮޓްލޭންޑުގެ މީހަކު ބުނެފައި އޮތެވެ.

ސޯޝަލް މީޑިއާގައި އުފެދުނު ބަހުސާއެކު އިޒްރޭލާމެދު އާންމުންގެ ހިތްތަކުގައި އުފެދިފައި ހުރި ނުތަނަވަސްކަމާއި އިތުބާރު ނެތް މިންވަރު ވެސް ހާމަވެގެންދިޔަ އެވެ. ރާއްޖޭގެ ނިންމުން ދިފާއު ކުރުމުގެ އިތުރުން ގިނަ ބަޔަކު ދިޔައީ އިޒްރޭލުގެ ޖަރީމާތަކަށް ވެސް ފާޑުކިޔަމުންނެވެ.

"އެބައެއްގެ ބިމާއި ގެތައް ވަގަށް ނަގަން ބޭނުންވާ ނުވާ އެންމެން ވެސް މި ގޮތަށް އަމަލު ކުރަންޖެހޭ،" މާސް ބާސްގެ ނަމުގައި ޕޯސްޓު ކުރާ އެމެރިކާ މީހަކު ބުންޏެވެ.

އެ މައްސަލައިގައި އިޒްރޭލާ ދެކޮޅަށް އެންމެ ޖަޒުބާތާއެކު ވާހަކަ ދެއްކި ބައެއް މީހުންނަކީ މުސްލިމުންނެވެ. ރާއްޖޭގެ ނިންމުން ދިފާއުކޮށް، އިޒްރޭލާ ދެކޮޅަށް އެންމެ ގިނައިން ވާހަކަ ދެއްކި އެއް ބަޔަކީ ވެސް އެކި ގައުމުތަކަށް ނިސްބަތްވާ މުސްލިމުންނެވެ.

"އިޒްރޭލު މީހުންނަށް އެއްވެސް ގައުމަކަށް ދެވިގެން ނުވާނެ. އެއީ ބިން ފޭރޭ ބައެއް. އެމީހުންގެ ޕާސްޕޯޓަކީ އެހެން ބައެއްގެ ބިން ފޭރިގެން ހަދާފައިވާ ވަގު ގައުމަކަށް ނިސްބަތްޗާ އެއްޗެއް. އެއީ ވަގުން،" މުހައްމަދުގެ ނަމުގައި ވާހަކަ ދައްކާ މީހަކު ބުންޏެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި މައްސަލައިގައި ރާއްޖެ ދިފާއުކޮށް ވާހަކަ ދެއްކި މީހުންގެ ތެރޭގައި ސޯޝަލް މީޑިއާ އިންފްލުއެންސަރުން ވެސް ވަރަށް ގިނަ އެވެ. އެމީހުންގެ ޕޯސްޓުތަކަކީ އާންމު މީހަކާ ހިލާފަށް އިތުރު އެތައް ބަޔަކަށް ފެންނާނެ ޕޯސްޓުތަކެކެވެ.

"އިޒްރޭލު ޕާސްޕޯޓު މަނާކޮށްލައިގެން ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން ދުނިޔޭގެ އެންމެ އަމާން ގައުމަށް ވެއްޖެ،" ރެސިސްޓްގެ ނަމުގައި އުޅޭ އިންފްލުއެންސަރެއް ބުންޏެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމުން އެކަމާ ރާއްޖެއަށް ތައުރީފު ކުރި އަނެއް އެކައުންޓަކީ ގާތްގަނޑަކަށް 1.6 މިލިއަން ފޮލޯވަރުން އެކްސްގައި ގެންގުޅޭ "އަލްހަމްދުލިﷲ" ނަމުގައި ހިންގާ އެކައުންޓެވެ.

"އިޒްރޭލު ޕާސްޕޯޓު އޮތް ކޮންމެ މީހަކު ރާއްޖެއަށް އެތެރެވުން މަނާ ކުރުމުން ރާއްޖެ ވަނީ ދުނިޔޭގެ އެންމެ އަމާން އެއް ގައުމަށްވެފައި،" އެ އެކައުންޓުން ބުނެފައި އޮތެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ނިންމުމުން، ގަތުލުއާންމަށް ތާއީދު ކުރާ ބައެއް މީހުން ދަނީ ރާއްޖެ ބޮއިކޮޓް ކުރުމަށް ވެސް ގޮވާލަމުންނެވެ. އެ ކެމްޕެއިނާ ދެކޮޅަށް ވެސް ގިނަ ބަޔަކު ވަނީ ތެދުވެފަ އެވެ. އެކަމާ ދެކޮޅަށް ދިވެއްސަކު އެއްޗެއް ބުނަން ނުޖެހޭ މިންވަރަށް އެހެން ގައުމުތަކުގެ ރައްޔިތުން ދަނީ ރާއްޖެ ދިފާއު ކުރަމުންނެވެ.

"ޒަޔަނިސްޓުން ރާއްޖެ ބޮއިކޮޓް ކުރަން ގޮވާލުމަކީ ސުވަރުގެ ބޮއިކޮޓް ކުރަން އިބިލީހާއި އޭނާގެ އައުވާނުން ގޮވާލުން ފަދަ ކަމެއް. އަހަންނަށް ހީވަނީ އެމީހުންނަށް ބޮއިކޮޓޭ ބުނާ ބަހުގެ މާނައެއް ނޭނގޭހެން. އޭގެ މާނައަކީ އަހަރުމެން ކަލޭމެން ބޭނުމެއް ނޫނޭ،" ޓައިބީރިއަސްގެ ނަމުގައި ހިންގާ އެކައުންޓަކުން ބުނެފައި އޮތެވެ.

ގަތުލުއާންމު: ނަންބަރުތަކުން

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ގަތުލުއާންމަކީ ފަހުގެ ތާރީހެއްގައި ދުނިޔޭގައި ބަޔަކު ހިންގާ އެންމެ ލާއިންސާނީ، އަނިޔާވެރި ގަތުލުއާންމެވެ. ފަލަސްތީނުގެ ކުޑަކުދިންނާއި އަންހެނުން އިޒްރޭލުން މަރަނީ އަންތަރީސްވާ މިންވަރަކަށް، އަދަދަކަށެވެ.

ގަތުލުއާންމަށް ހަތް މަސް ހަމަވާން ގާތްވެފައިވާއިރު، ގާޒާގައި ހަމައަށް މަސައްކަތް ކުރާ ހަމަ އެންމެ ހޮސްޕިޓަލެއް ވެސް ނެތެވެ. ގިނަ ސްކޫލްތަކާއި ޔުނިވާސިޓީތައް ހުރީ ބިމާ ހަމަކޮށްފަ އެވެ. މަގުތަކާއި ފެނުމުގެ ނިޒާމު ހަލާކު ކުރަނީ ގަސްދުގަ އެވެ.

އޭގެ އިތުރުން، ގާޒާއަށް ބަޔަކު އެހީތެރިވެދިނުމަށް ވެސް އިޒްރޭލުން ދަނީ މަނާ ކުރަމުންނެވެ. ކާބޯތަކެތީގެ އެހީ ފޯރުކޮށްދެވޭނެ ހުރިހާ މަގެއް އޮތީ ބަންދުކޮށްފަ އެވެ. ކާބޯތަކެތި ހިފައިގެން ގާޒާއަށް ވަންނަން މަސައްކަތް ކުރާ ޓްރަކުތަކަށް އިޒްރޭލުގެ މަދަނީން އެމީހުންގެ ކުޑަކުދިން ގޮވައިގެން ނުކުމެ ހަމަލާދެ އެވެ.

އިޒްރޭލުން ނަކަލު ކުރަމުން މި ދަނީ ޖަރުމަނުގައި އެޑޮލްފް ހިޓްލަރު ވެރިކަން ކުރިއިރު ޔަހޫދީންނަށް ދިން ލާއިންސާނީ އަނިޔާ އެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ހިޓްލަރާ މާ ބޮޑު ތަފާތެއް ނެތެވެ. ތަފާތަކީ، ހުޅަނގުން ހިޓްލަރާ ދެކޮޅަށް ތެދުވި ތެދުވުމާއި އިޒްރޭލަށް ދޭ ވާތްގާއި އެއްބާރުލުމެވެ.

ތިރީގައި މި ގެނެސްދެނީ އިޒްރޭލުން ހިންގާ ގަތުލުއާންމުގެ ބައެއް ހިސާބުތަކެވެ. (ޖޫން 2، ގެ ނިޔަލަށް)

ގާޒާ

މަރާލި މީހުންގެ އަދަދު: 36،439

މަރާލި ކުޑަކުދިންގެ އަދަދު: 15،000 އަށް ވުރެ ގިނަ

އަނިޔާވި މީހުންގެ އަދަދު: 82,627 މީހުންނަށް ވުރެ ގިނަ

ގެއްލިފައިވާ މީހުންގެ އަދަދު: 10،000 އަށް ވުރެ ގިނަ

ހަލާކުކޮށްލާފައިވާ ގެތައް: ގާޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ގެތައް ބިމާހަމަކޮށްފައި

ގެއްލުންދީފައިވާ ވިޔަފާރި އިމާރާތް: ގާޒާގެ 80 ޕަސެންޓު ވިޔަފާރިތައް ފުނޑާލައިފި

ހަލާކުކޮށްލި ސްކޫލް އިމާރާތް: ގާތްގަނޑަކަށް 86 ޕަސެންޓު ސްކޫލުތަކަށް ވަނީ ބޮން އަޅާފައި

ހޮސްޕިޓަލްތައް: ގާޒާގައި ހިންގި 35 ހޮސްޕިޓަލުގެ ތެރެއިން ކިރިޔާ ވެސް ހިނގަނީ އެންމެ 14 ހޮސްޕިޓަލް

ސާފު ބޯފެން: ވަޅުފެން ނަގަން ހަދާފައި ހުރި 83 ޕަސެންޓު ވަޅު ވަނީ ހަލާކުކޮށްފައި

މިސްކިތް/ފައްޅި: މިސްކިތް އަދި ފައްޅި ހިމެނޭ ގޮތަށް 267 ތަނަކަށް ބޮން އަޅައިފި

މަރާލި ނޫސްވެރިން: 100 އަށް ވުރެ ގިނަ ނޫސްވެރިން ވަނީ މަރާލާފައި

ހުޅަނގު އައްސޭރި

މަރާލި މީހުންގެ އަދަދު: މަދުވެގެން 523 މީހުން

މަރާލި ކުޑަކުދިންގެ އަދަދު: މަދުވެގެން 132 ކުޑަކުދިން

އަނިޔާވި މީހުންގެ އަދަދު: 5،000 އަށް ވުރެ ގިނަ

ކޮންމެ 60 މިނެޓަކުން:

  • ގާޒާއަށް 42 ބޮން އިޒްރޭލުން ވައްޓާލާ
  • ގާތްގަނޑަކަށް 12 އިމާރާތް ބިމާ ހަމަކޮށްލާ
  • 15 މީހުން މަރާލާ، އޭގެ ތެރޭގައި ހަ ކުޑަކުދިން ހިމެނޭ
  • 35 މީހުން ޒަހަމްކޮށްލާ

ހަސަން މުހައްމަދު

އެޑިޓަރ

ނޫސްވެރިކަމުގެ ދާއިރާއާ 2007 ވަނަ އަހަރު ގުޅުނު ހަސަން މުހައްމަދަކީ ޝަރުއީ އަދި ގާނޫނީ ދާއިރާގެ ކަވަރުކުރުމުގައި ގިނަ ބަޔެއްގެ ރުހުން ހޯދި ނޫސްވެރިއެކެވެ. ފަހުން ބޮޑަށް ކަވަރުކުރީ ކޮރަޕްޝަނާއި އިންސާނީ ހައްގުތަކުގެ ދާއިރާ އެވެ. ކުރިން މަސައްކަތްކުރީ "ހަވީރު، "ސަން"، "މިހާރު" އަދި "މޯލްޑިވްސް އިންޑިޕެންޑެންޓް" ގަ އެވެ.

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox