އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ކެބިނެޓުން ފާސްކޮށްފި

Jun 2, 2024, 10:26 AM
އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ކެބިނެޓުން ފާސްކޮށްފި

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގަމުންދާ އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރޭ ނުވެވޭނެ ގޮތަށް އެ ޕާސްޕޯޓު މަނާ ކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން ވަޒީރުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، އިޒްރޭލުގެ ޕާސްޕޯޓުގައި އެތެރެވުން މަނާ ކުރުމުގެ ޕްރޮސެސް ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އެކުލަވާލަން ވެސް މިއަދު ކެބިނެޓުން ނިންމި ކަމަށެވެ.

"އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް މިއަދު ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފަ،" އިހުސާން ވިދާޅުވި އެވެ.

އޭގެ އިތުރުން އިހުސާން ވިދާޅުވީ، ގާނޫނުތަކަށް އިސްލާހު ގެނެސްގެން އިޒްރޭލު ޕާސްޕޯޓު މަނާ ކުރަން ބަންޑާރަ ނައިބު އަހުމަދު އުޝާމް ލަފާ ދެއްވާފައިވާ ކަމަށެވެ. އެއީ އިޒްރޭލު ޕާސްޕޯޓު މަނާ ކުރެވޭނެ އެންމެ އަވަސް މަގު ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"މިހާރު ރާއްޖޭގެ ގާނޫނުތައް އޮތް ގޮތުން މިކަން ކުރެވެން އޮތް ކަމަށް ދައުލަތުގެ އެޓާނީ ޖެނެރަލް ވެސް ލަފާ އަރުވަނީ، ބައިނަލްއަގުވާމީ ގޮތުން ވެސް އެބަހުރި ސީދާ ވަކިވަކި ގައުމުތަކުގެ ނަންތައް ކަނޑައަޅާފަ ގާނޫނުތައް މިގޮތަށް މާނަކޮށް ރެސްޓްރިކްޝަންތައް ނާޅަން ވެސް ބާރުއަޅާފައި. އެހެންވީމާ އަޅުގަނޑުމެންނަށް މިކަން ގާނޫނީ ގޮތުން ކުރެވޭނެ އެންމެ އަވަސް މަގެއް އަޅުގަނޑުމެން މި ހޯދަނީ. އެގޮތުން އަޅުގަނޑުމެން މި ބަލަނީ ގާނޫނަކުން ކަމަށް ކަނޑައެޅޭނީ ރެސްޓްރިކްޝަންތަކެއް ރާއްޖޭގެ އެންޓްރީއަށް،" އިހުސާން ވިދާޅުވި އެވެ.

ޕާސްޕޯޓު މަނާ ކުރާ ޕްރޮސެސް ބަލާނެ ކޮމިޓީގައި ހިމެނެނީ ހޯމް މިނިސްޓަރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ޒަމީރާއި ޓުއަރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދެވެ.

އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާންމާ ގުޅިގެން ފަލަސްތީނުން ރާއްޖޭގެ ފަރާތުން ބޭނުންވާ ކަންކަން ދަނެގަތުމަށް ހާއްސަ މަންދޫބެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވި އެވެ. އަދި ހާލުގައި ޖެހިފައިވާ ފަަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް މުޅި ރާއްޖޭގައި ފަންޑްރެއިސިން ޕްރޮގްރާމެއް ހިންގުމަށް ވެސް ކެބިނެޓުން ނިންމި އެވެ.

"ފަލަސްތީނާއެކު ދިވެހިން" އެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ވެސް ކެބިނެޓުން ފާސް ކުރި އެވެ. އަދި ފަލަސްތީނުގެ މައްސަލައަށް އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ގައުމުތަކާ މަޝްވަރާ ކުރަން ވެސް ކެބިނެޓުން މިއަދު ފާސް ކުރި އެވެ.

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ފެށި ގަތުލުއާންމުގައި 36،000 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރޭގައި 15،000 އަށް ވުރެ ގިނަ ކުޑަކުދިން ހިމެނެ އެވެ. އަދި 10،000 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާއިރު 81،000 އަށް ވުރެ ގިނަ މީހުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޒަހަމްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox